ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ފެތުރުން ކޮންޓްރޯލް ކުރުމަށް އޮސްޓްރޭލިއާގެ ބައެއް ސަރަހައްދުތަކުގައި ތަންފީޒު ކުރަމުންދާ ލޮކްޑައުންގެ ހަރުކަށި އަމުރުތަކާ ދެކޮޅަށް، މެލްބަންގައި މުޒާހަރާކުރަމުންދާ މީހުންގެ ތެރެއިން 74 މީހަކު، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވާ ކަމަށް، ވިކްޓޯރިއާ ސްޓޭޓްގެ ފުލުހުން ހާމަކޮށްފިއެވެ.

ޗީފް ހެލްތް އޮފިސަރުގެ އިރުޝާދުތަކާ ހިލާފުވެގެން 176 މީހަކަށް ނޯޓިސް ދީފައި ވާނެ ކަމަށްވެސް ވިކްޓޯރިއާ ސްޓޭޓްގެ ފުލުހުން ވަނީ ހާމަކޮށްފައެވެ.

މިރެއިން ފެށިގެން ވިކްޓޯރިއާ ސްޓޭޓްގެ ލޮކްޑައުންއަށް ލުއިދޭން ފެށުމަށް ހަމަޖެހިފައި ވީ ނަމަވެސް، މިހާރު ތަންފީޒު ކުރަމުންދާ ލޮކްޑައުންއާ ދެކޮޅަށް އެ ސަރަހައްދުގައި މުޒާހަރާތައް ކުރިއަށްދާތާ މިއީ ވިދިވިދިގެން 2 ވަނަ ދުވަހެވެ.

ވިކްޓޯރިއާ ސްޓޭޓްގެ ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މުޒާހަރާގެ ބައިވެރިން ގެންގުޅޭ ދެކޮޅުވެރިކަމުގެ ރޫހާއި، ފުލުހުންނަށް ބިރު ދައްކަމުންދާ ދިއުމާ މެދު އެ މުއައްސަސާއިން ހިތާމަ ކުރާ ކަމަށެވެ.

ފުލުހުން ބުނީ މުޒާހަރާތައް އިންތިޒާމުކޮށް، މަސްރަހު ހަލަބޮލި ކުރުމުގެ ފަހަތުގައި ހުރި ކަމަށް ތުހުމަތު ކުރެވޭ، އުމުރުން 44 އަހަރުގެ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ކަމަށާ، ހަމަނުޖެހުން އުފައްދަން އުޅުނު ކަމުގެ ކުށުގައި އޭނާގެ މައްޗަށް ދައުވާ ކުރާނެ ކަމަށް ބެލެވޭ ކަމަށެވެ. އޭނާ ދިރިއުޅެމުންދާ ގެ ބަލާ ފާސްކުރުމުގެ އަމުރެއް އޮތް ކަމުގެ ވާހަކަވެސް ވަނީ ފެންމަތިވެފައވެ.

މިއަދާ ހިސާބަށް ލިބިފައިވާ އެންމެ ފަހުގެ މައުލޫމާތަށް ބަލާއިރު ވިކްޓޯރިއާ ސްޓޭޓްއިން 19835 ކޭހެއް ކޮވިޑް-19އަށް ޕޮޒިޓިވްވެފައި ވާއިރު، 723 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.