މިހާތަނަށް ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ވެކްސިން ތަރައްގީ ކުރުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ސައެންސްވެރިންނާ ސިއްހީ މާހިރުން ކެނޑިނޭޅި މަސައްކަތް ކުރަމުންދާއިރު، ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާ އެއް މަންޒިލަކީ، އަވަށްޓެރި އިންޑިއާގެ ހައިދަރުއާބާދެވެ. އެއީ ކީއްވެ ހެއްޔެވެ؟

ސަބަބެއް ނެތީއެއް ނޫނެވެ. މިހާރުވެސް ދުނިޔޭގެ ވެކްސިން ސަޕްލައިގެ 60 ޕަސެންޓް ހިއްސާކުރަނީ ހައިދަރުއާބާދުންނެވެ. އިންޑިއާއިން ވަކާލާތު ކުރާ ގޮތުގައި ދުނިޔޭގެ ވެކްސިން ސަޕްލައިގެ 3 ބައިކުޅަ 1 ބަޔަކީ ހައިދަރުއާބާދަށް ދަތިކަމެއް ނެތި މެނޭޖުކޮށްލެވޭނެ މިންވަރެކެވެ.

އުއްމީދީ ނަންތަކަކާ ހައިދަރުއާބާދުގެ ގުޅުން

ކޮވިޑް-19 އިން ދިފާއުވުމަށް އިންޑިއާއިން ތަރައްގީ ކުރަމުންދާ ވެކްސިން "ކޯވެކްސިން"އާއި، ރަޝިއާގެ "ސްޕަޓްނިކް05"އާއި، ޖޯންސަން އެންޑް ޖޯންސަންގެ "އެޑް26.ކޯވް2.އެ"އާއި، ފްލޫގްލެންގެ "ކޯރޯފްލޫ"އާއި ސެނޯފީގެ ވެކްސިން ކެންޑިޑޭޓަށް ބެލި ކަމުގައި ވީ ނަމަވެސް، ހައިދަރުއާބާދާ ގުޅުން އެބައޮތެވެ.

ކޮވިޑް-19އަށް ވެކްސިނެއް ތަރައްގީ ކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން/ފޮޓޯ: ވިޔަޗެސްލޭފް ޕްރޮކޮފްޔޭފް

ޝާންތާ ބައޮޓެކްނިކްސް ލިމިޓަޑްގެ ބާނީ އަދި ޗެއާމަން، ޑރ ވާރަޕްރަސާދު ރެޑީ ވިދާޅުވި ގޮތުގައި، ދުނިޔޭގެ ކޮންމެ ހިސާބަކުން ކޮވިޑް-19ގެ ވެކްސިން ކާމިޔާބު ކުރި ކަމުގައި ވީ ނަމަވެސް، އެއީ ހައިދަރުއާބާދުން ފުޅާދާއިރާއެއްގައި އުފައްދާ ވެކްސިނަކަށް ވާނެއެވެ. ޑރ ރެޑީ ވިދާޅުވާ ގޮތުގައި ހައިދަރުއާބާދުގައި ވެކްސިން އުފައްދާ ކުންފުންޏަކީ، ޒަމާނީ މެޝީނަރީއާއިއެކު ރަނގަޅު ފެންވަރުގައި ވެކްސިން އުފައްދަމުން އަންނަ ކުންފުނިތަކެކެވެ. ކޮވިޑް-19އަށް ބަލާއިރު، ސެނޯފީގެ ވެކްސިން ޝިޕްމަންޓްގެ ބޮޑު ބައެއް އުފައްދާނީ ހައިދަރުއާބާދުގައި ކަމަށްވެއެވެ. ސެނޯފީއިން ވަނީ 2009 ވަނަ އަހަރު ޝާންތާ ބައޮޓެކްނިކްސް ކުންފުނި، އެ ކުންފުނީގެ ވަރައިގެ ދަށަށް ގެންގޮސްފައެވެ.

ތަރައްގީ ވަމުން އަންނަ ގައުމުތަކުގައި ވެކްސިން އުފައްދާ ކުންފުނިތަކުގެ ނެޓްވޯކް (ޑީސީވީއެމްއެން)ގެ ރައީސްކަމުގެ މަގާމު އަދާކުރައްވަމުން އަންނަ މަހީމާ ދަތުލާ ވިދާޅުވީ، ކޮވިޑް-19އަށް މިހާރު ވެކްސިން ތަރައްގީ ކުރަމުން އަންނަ ގިނަ ކެންޑިޑޭޓުންނަކީ އިލްމީ މުއައްސާސަތައް ނުވަތަ ވެކްސިން އުފެއްދުމުގެ ސިނާއަތުން ބޭރު ކެންޑިޑޭޓުންނެވެ. މި ކެންޑިޑޭޓުންނަކީ އަމިއްލަ ޒާތުގައި ވެކްސިން އުފެއްދުމުގެ ގާބިލުކަން ހުރި ބައެއް ނޫނެވެ. މިއާއެކު، ޗައިނާ ނުވަތަ އިންޑިއާގެ ކުންފުންޏަކާ އިއްތިހާދު ހަދަން މަޖުބޫރުވެއެވެ.

ކޮވިޑް-19އިން ދިފާއުވުމަށް ޗައިނާގެ ސީނޯވެކް ބައޮޓެކް ކުންފުނިން ތަރައްގީ ކުރަމުންދާ

ހައިދަރުއާބާދުގައި ވެކްސިން އުފައްދާ ކުންފުނިތަކުން މިހާރުވެސް ދަނީ ކޮވިޑް-19ގެ ވެކްސިން ކާމިޔާބު ކުރާ ކުންފުންޏެއްގެ ޝިޕްމަންޓް ކަށަވަރުކުރުމަށް، ނުރަސްމީ ފެންވަރުގައި މަޝްވަރާތައް ކުރަމުންނެވެ. ބައެއް ކުންފުނިތަކުން ދަނީ ވެކްސިން އުފައްދާނެ ފެސިލިޓީތައްވެސް ތަރައްގީ ކުރަމުންނެވެ. އެގޮތުން ކުރިއަށް އޮތް އޮކްޓޯބަރު އަދި ނޮވެމްބަރު މަހުގެ ތެރޭގައިވެސް އާ ފެސިލީޓީއެއްގެ މަސައްކަތް ނިމޭނެ ކަމަށް ޚަބަރު ލިބެއެވެ.

ކޮވިޑް-19 ވެކްސިނާއި ޖަމްބޯޖެޓާ އޮތީ ކޮން ގުޅުމެއް؟

ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ތަރައްގީ ކުރާ ވެކްސިނެއް، މުޅި ދުނިޔެއަށް ފޯރުކޮށްދިނުމަކީ ވައިގެ މަގުން މުދާ އުފުލުމުގައި މިހާތަނަށް ކުރިމަތިލާންޖެހޭނެ އެންމެ ވަރުގަދަ ގޮންޖެހުމަށް ވެގެންދާނެ ކަމަށް ވައިގެ އުދުހުންތަކުގެ ސިނާއަތުން ވަނީ ބުނެފައެވެ.

އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަން (އަޔާޓާ) އިން ބުނީ، ދުނިޔޭގެ އެކި ކަންކޮޅުތަކަށް ކޮވިޑް-19ގެ ވެކްސިން ސަޕްލައި ކުރުމަށް، ބޮއިންގް 747 މަރުކާގެ 8000 ޖަމްބޯޖެޓް ބޭނުންވާނެކަމަށެވެ.

އަޔާޓާގެ ޑައިރެކްޓާ ޖެނެރަލް އަދި ސީއީއޯ އެލެކްޒެންޑާ ޑި ޔުއާނިކް/ފޮޓޯ: އޭއެފްޕީ

ކޮވިޑް-19އަށް އަދި ވަކި ވެކްސިނެއް ކަށަވަރުވެފައި ނުވި ނަމަވެސް އަޔާޓާއިން މިހާރުވެސް ދަނީ ވައިގެ މަގުން ވެކްސިން އުފުލުމަށް ވާންޖެހޭ ތައްޔާރީތައް ވުމަށް، އެއާލައިންތަކާ، އެއާޕޯޓްތަކާ، ސިއްހަތާ ބެހޭ އިދާރާތަކާ، ބޭސް އުފައްދާ ކުންފުނިތަކާއެކު މަސައްކަތް ކުރަމުންނެވެ.

ވެކްސިން ފޯރުކޮށްދިނުމަށް އަޔާޓާގެ މަޝްރޫއު ރާވާފައިވަނީ، ކޮންމެ މީހަކަށްވެސް ވެކްސިންގެ 1 ޑޯޒްގެ މަގުންނެވެ.

އަޔާޓާގެ ޗީފް އެގްޒެކެޓިވް އެލެކްޒެންޑާ ޑި ޔުއާނިކް ވިދާޅުވީ، ރައްކާތެރިކަމާއެކު ކޮވިޑް-19ގެ ވެކްސިން ފޯރުކޮށްދިނުމަކީ ވައިގެ އުދުހުންތަކުގެ ކާގޯ ސިނާއަތުން މި ގަރުނުގައިވެސް ހިންގާ އެންމެ ވަރުގަދަ އޮޕަރޭޝަން ކަމަށެވެ. ނަމަވެސް، އެންމެ ޒަމާނީ ފެންވަރުގެ ރޭވުންތެރިކަމާ ނުލާ މި މަޝްރޫއު ކުރިއަށް ނުދާނެކަންވެސް އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.

ވެކްސިން އުފުލަމަކީ ނާޒުކުކަމެއް

މި ދަނޑިވަޅަކީ ވައިގެ އުދުހުންތަކުގެ ސިނާއަތުން ކާގޯ ސަޕްލައިއަށް މުޅިންހެން ބަރޯސާވެފައިވާ ވަގުތަކަށް ވީ ނަމަވެސް، ވެކްސިން ސަޕްލައި ކުރުމަކީ ދަތި އުނދަގޫ އޮޕަރޭޝަނެކެވެ. ކޮންމެ ކޮންމެ ބޯޓަކީ ވެކްސިން ސަޕްލައި ކުރުމަށް ފުރިހަމަ ވާންޖެހޭ ޝަރުތުތައް ފުރިހަމަވެފައި ހުންނަ ބޯޓުތަކެއް ނޫނެވެ. ބައެއް ވެކްސިންތަކަކީ ގަނޑުކޮށްފައިވާ ހާލުގައި އުފުލަންޖެހޭ ވެކްސިންތަކަކަށް ވާއިރު، ކޮވިޑް-19ގެ ވެކްސިނަކީ މިފަދަ ވެކްސިނަކަށް ވެއްޖެނަމަ ބައިނަލްއަގުވާމީ އެއާލައިންގެ ފްލީޓުން ގިނަ ބޯޓުތަކެއް މި އޮޕަރޭޝަނަށް ބޭނުމެއް ނުކުރެވޭނެއެވެ.

ކޮވިޑް-19ގެ ސަބަބުން އެފްރިކާއިން 30 މިލިއަނެއްހާ މީހުން އިންތިހާ ފަގީރުކަމަށް ވެއްޓިދާނެ/ފޮޓޯ: ޑަބްލިއު.އެޗް.އޯ އެފްރިކާ

އަޔާޓާގެ ހެޑް އޮފް ކާގޯ، ގްލީން ހިއުޒް ވިދާޅުވީ، ކަން ކުރަންވީ އިޖުރާއަތުތައް ކިތަންމެހާވެސް ރަނގަޅަކަށް އެނގޭ ކަމަށެވެ. ކަން މިހެން އޮތް ނަމަވެސް، ދުނިޔޭގެ ބައެއް ހިސާބުތަކަށް، ވެކްސިން ފޯރުކޮށްދިނުމަކީ ނާޒުކު ކަމެއް ކަމަށާ، މީގެ ތެރޭގައި ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ ގައުމުތައް ހިމެނޭއިރު، މީގެ ތެރޭގައި، ވެކްސިނެއް އުފެއްދުމުގެ ގާބިލުކަން ނެތް ގައުމުތައްވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އަސްކަރިއްޔާއިން ސަމާލުވާ ދަރަޖައަށް ސަމާލުކަން ބޭނުންވޭ

މުޅި އެފްރިކާ ސަރަހައްދަށް ވެކްސިން ފޯރުކޮށްދިނުމަކީ މިވަގުތު "ނުވާނެ ކަމެއް" ކަމަށް އަޔާޓާއިންބުނެއެވެ. ސަބަބެއް ކަމަށް ބުނަނީ، ކާގޯ ކެޕޭސިޓި ދަށްވުމާ، ސަރަހައްދުގެ ބޮޑުކަމާ، ހުރަސްކުރަންޖެހޭ ބޯޑަރުތައް ގިނަވުމެވެ.

ވެކްސިން އުފުލަމީ، ހަނގުރާމައެއްގައި އަސްކަރީ ފައުޖުތަކުން ފާރަވެރިވާ މިންވަރަށް ފާރަވެ، ހަމަލާ އަމާޒުކުރުމުގައި "އަމާޒު ކަސިޔާރު ނުވާކަން" ކަށަވަރު ކުރާ ދަރަޖައަށް ކަންކަން ކަށަވަރުކޮށްގެން ހިންގަންޖެހޭ އޮޕަރޭޝަނެކެވެ. ވެކްސިން ރައްކުރާ ސަރަހައްދުގައި ފިނިކުރެވޭ ނިޒާމުގެ ނެޓްވޯކެއްވެސް ގާއިމުވެފައި އޮންނަންޖެހެއެވެ.

ވެކްސިން އުފެއްދުމުގެ މަސައްކަތް ރަމްޒުކޮށްދިނުމަށް ބޭނުން ކޮށްފައިވާ ތަސްވީރެއް/ފޮޓޯ: މޮސްކޯ ޓައިމްސް

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރު 140 ވެކްސިން ކެންޑިޑޭޓެއް ތަރައްގީ މަރުހަލާގައި އޮތްއިރު، 24 ކެންޑިޑޭޓެއް، އިންސާނުންގެ ހަށިގަނޑުގައި ދަނީ އެކި މަރުހަލާތަކުގައި ޓެސްޓު ކުރަމުންނެވެ.

އަޔާޓާއިންވަނީ، ވެކްސިނެއް ކަށަވަރުވެ ޑިސްޓްރިބިއުޝަން ފަށަންވާއިރަށް، އެ އޮޕަރޭޝަން ކުރިއަށް ގެންދާނެ ގޮތްތައް ބަލާ، އެކަމަށް ތައްޔާރުވެ، ދުރާލާ، ރޭވުންތައް ރޭވުމަށް، ގައުމުތަކުގެ ސަރުކާރުތަކަށް ގޮވާލާފައެވެ.

ވެކްސިން އުފުލުމުގައި ފަރުވާ ދޭން ޖެހޭ ހަމައެކަނި ކަމަކީ އޭގެ ފިނިހޫނުމިން ހިފެހެއްޓުން އެކަންޏެއް ނޫނެވެ. ސަލާމަތީ ގޮތުން ކުރިމަތިވެދާނެ ނުރައްކާތަކަށްވެސް ފާރަވެރިވާންޖެހެއެވެ.

ކޮވިޑް-19އަށް ތަރައްގީ ކުރާ ވެކްސިނަކީ މިއަދު މުޅި ދުނިޔެ އެއަށް ކަޅިއަޅަމުންދާ ވެކްސިނަކަށްވާއިރު، މަކަރާއި ހީލަތް ހެދުމާ، ގަޑުބަޑު ކުރުމާ، ވައްކަން ކުރުން ފަދަ އެންމެހާ ޖަރީމާތަކުން ވެކްސިން ޝިޕްމަންޓް ރައްކާތެރި ކުރުމަށްވެސް އިންތިޒާމުތަކަށް ހަމަޖައްސަން ޖެހޭ ކަމަށް އަޔާޓާއިން ވަނީ ގޮވާލާފައެވެ.

އޮކްސްފޯޑް ޔުނިވާސިޓީއިން ކޮވިޑް-19 ވެކްސިން ތަރައްގީ ކުރަމުންދަނީ އަސްޓްރާޒެނީކާއާއި ގުޅިގެން/ފޮޓޯ: އެންބީސީނިއުސް

ވެކްސިން ރޭހުގައި ސައެންސްވެރިންނާއި ސިޔާސީވެރިންގެ ދުވެލި

މުޅި ދުނިޔެ އިނދަޖައްސާލި ކޮވިޑް-19ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ގައުމުތަކުގައި އަދިވެސް ލޮކްޑައުންގެ އަމުރުތައް އެކި މަރުހަލާގައި ތަންފީޒު ކުރަމުންދާއިރު، މިކަމުން އަރައިގަތުމަށް އޮތް ގިނަ ބަޔަކު ބުރަވާ އެކައްޗަކީ ވެކްސިނެވެ.

ސައެންސްވެރިންނަކީވެސް ކޮވިޑް-19ގެ ބަނަ ވިލާގަނޑުގެ އަނދިރި ހިޔާގަނޑުގައި ތިބެން ޖެހިފައިވާ ބަޔަކަށްވާއިރު، ވެކްސިނެއް ތަރައްގީ ކުރުމަށް އެ ވެރިން މަސައްކަތް ކުރަމުންދަނީ އިންތިހާ ހަލުވި ދުވެލީގައެވެ. ފައިސާ ޚަރަދު ކުރާ ފަރާތްތަކުން އެކަން ކުރަނީ ބިލިއަން ޑޮލަރުން ޚަރަދު ކޮށްގެންނެވެ.

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް/ފޮޓޯ: ސްކޮޓް އޯލްސަން

ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހުގެ ކުރިން ވެކްސިނެއް ލިބޭނެ ކަމަށް ދުނިޔޭގެ އެންމެ ނުފޫޒުގަދަ ލީޑަރުގެ ގޮތުގައި ސިފަކުރަމުން އަންނަ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވި ނަމަވެސް، ސައެންސްވެރިންނާއި ސިއްހީ ތަޖުރިބާކާރުންގެ ރައުޔު ތަފާތެވެ.

ވެކްސިނެއް ތަރައްގީ ކުރުމަކީ ގިނަ އަހަރުތަކެއް ހޭދަވާ ކަމެކެވެ. ނަމަވެސް ކޮވިޑް-19ގައި އަހަރުތަކެއް ހޭދަކުރުމަކަށް އެއްވެސް ހިތެއް ނޭދެއެވެ. ނަތީޖާއެއްގެ ގޮތުން ވެކްސިން ތަރައްގީ ކުރުމުގެ ދުވެލި މެކުހަށް ޖެހީއެވެ. ނަމަވެސް، ވެކްސިންގެ ސަލާމަތާއި ރައްކާތެރި ކަމަކީ ގުރުބާން ކުރެވޭނެ ކަންތައްތަކެއް ނޫންކަން ސައެންސްވެރިންނާ، ސިއްހީ ތަޖުރިބާކާރުންގެ އަގުލަބިއްޔަތުން ގަބޫލުކުރެއެވެ.