އެމްޑީޕީ ސަރުކާރުން ރައްޔިތުންގެ މިނިވަންކަމަށް އަރައިގަތުން ވަރަށް ހަރުކަށިކޮށް ކުށްވެރިކުރާ ކަމަށް ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ)އިން ބުނެފިއެވެ.

ޑީއާރްޕީ އިން ކޮށްފައިވާ ޓްވީޓް ތަކެއްގައި ބުނީ ކޮވިޑް-19 އުޒުރަކަށް ހަދައި، ރައްޔިތުން ހިޔާލު ފާޅުކުރަން މަގުމައްޗަށް ނިކުތުމުން، ވެރިއަކީ ކާކުކަން އޮޅިފައިވާ އެމްޑީޕީ ސަރުކާރުން ރައްޔިތުންގެ މިނިވަންކަމަށް އަރައިގަތުން ވަރަށް ހަރުކަށިކޮށް އެޕާޓީން ކުށްވެރި ކުރާ ކަމަށެވެ.

އެގޮތުން އެއްވުމުން ހައްޔަރުކުރި އެންމެންނާއި ޕީޕީއެމްގެ ލީޑަރު ރައީސް ޔާމީން ވަގުތުން ދޫކޮށްލެއްވުމަށް ވެސް އެ ޓްވީޓުތަކުގައި ވަނީ ގޮވާލާފައެވެ.

ޑީއާރްޕީ އިން ކުރި އިތުރު ޓްވީޓެއްގައި ބުނީ ޑީއާރްޕީގެ ލީޑަރު ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު، އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނަށް ހުށަހަޅުއްވައި ފައިވާ އިސްލާހު ވަގުތުން ވަގުތަށް ފާސްކުރުމަށެވެ.

އިއްޔެ އިދިކޮޅުން ބޭއްވި އެއްވުމަކީ، އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ރައްޔިތުން ނުރައްކަލުގެ ތެރެއަށް ހުށަހެޅޭ ގޮތަށް އެޗްޕީއޭގެ ގައިޑްލައިންތަކާ ހިލާފަށް ބޭއްވި އެއްވުމެއް ކަމަށް ބުނެ ފުލުހުން އެ އެއްވުން ހުއްޓުވާ، އެ އެއްވުމުން 41 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.