އިންގްލިޝް ޕްރިމިއާ ލީގު ސީޒަންގެ ފުރަތަމަ މެޗުގައި ފުލަމް ބަލިކޮށް އާސަނަލް 3-0 އަކުން މެޗު ކާމިޔާބުކޮށްފިއެވެ.

މެޗުގައި އާސަނަލްއިން ޖެހި ފުރަތަމަ ލަނޑު އެޓީމަށް ކާމިޔާބުކޮށް ދިނީ ފަރަންސޭސި ފޯވަޑް އެލެގްޒާންޑާ ލަކަޒެޓްއެވެ. އޭނާ މި ލަނޑު ޖެހީ މެޗުގެ 8 ވަނަ މިނެޓްގައެވެ.

މެޗުގެ ދެވަނަ ހާފްގައި އާސަނަލްއިން އިތުރު ދެ ލަނޑު ޖެހި އިރު އޭގެ ތެރެއިން ފުރަތަމަ ލަނޑު ޖަހާ ދިނީ މިސީޒަންގައި އަލަށް އެކްލަބާ ގުޅުނު ޒުވާން ޑިފެންޑަރު ގެބްރިއަލްއެވެ. މެޗުގެ 49 ވަނަ މިނެޓްގައި އޭނާ ޖެހި މިލަނޑު ގޯލަށް ވައްދާލާފައިވަނީ ކޮނޑުން ޖަހާއެވެ. މެޗުގެ 57 ވަނަ މިނެޓްގައި އާސަނަލްގެ ކެޕްޓަން ޕިޔޭ އެމްރިކް އޮބަމިޔޭންގް ޖަހާ ދިން ލަނޑާއެކު ސްކޯ 3-0 އަކަށް ވިއެވެ.

މި މެޗުގައި މިސީޒަންގައި އާސަނަލްއާ އަލަށް ގުޅުން ބްރެޒިލްގެ ކުޅަދާނަ ފޯވަޑް ވިލިއަންގެ ފަރާތުން މޮޅު ކުޅުމެއް ފެނުނެވެ. ކުރިން ޗެލްސީއަށް ކުޅެމުން އައި ވިލިއަން ވަނީ އާސަނަލްއިން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ނަގާދީފައެވެ.

މިސީޒަންގައި އަލަށް ލީގަށް ޕްރޮމޯޓްވި ފުލަމްއަށް މި މެޗުގައި މާ ގިނަ ފުރުސަތުތަކެއް ނުއުފެއްދެއެވެ. އެހެން ނަމަވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ވެސް އެޓީމަށް ގެއްލިގެން ދިޔައެވެ.

ދެން ލީގުގައި އާސަނަލް އިން ވާދަ ކުރާނީ އަންނަ ހޮނިހިރު ދުވަހު ވެސްޓްހޭމްއާއެވެ. ފުލަމް ކުޅޭނީ މި ސީޒަންގައި އަލަށް ޕްރޮމޯޓިވި އެހެން ކްލަބެއް ކަމަށްވާ ލީޑްސްއާއެވެ.