ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރިފައިވާ އެއްވެސް ގައުމެއްގެ އިންތިހާބުތަކާ ގުޅުންހުރި އެއްވެސް ކަމަށް ނުފޫޒެއް ފޯރުވުމަށް މަސައްކަތް ނުކުރާނެ ކަމަށް، ރަޝިއާ ސަރުކާރުން ބުނެފިއެވެ.

އެހެން ގައުމުތަކުގެ އިންތިހާބުތަކާ ގުޅުން ހުރި ކަންކަމަށް ނުފޫޒު ނުފޯރުވާނެ ކަމަށް ރަޝިއާ ސަރުކާރުން ބުނެފައި މި ވަނީ، އެމެރިކާގެ ސިޔާސީ ޝަހްސުތަކަށް އަމާޒުކޮށް ޖާސޫސު ކުރަމުންދާ ދިއުމުގެ ފަހަތުގައި ތިބީ، ރަޝިއާއާއި ގުޅުން އޮންނަ ހެކަރުންތަކެއް ކަމަށް، މައިކްރޮސޮފްޓް ކުންފުނިން ހާމަކޮށްފައި ވަނިކޮށެވެ.

މިދަނޑިވަޅަކީ، ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު، އެމެރިކާގައި އޮންނަ ރިޔާސީ އިންތިހާބާ ދިމާކޮށް، އެންމެ ފޯރީގައި ސިޔާސީ ކެމްޕޭންތައް ކުރިއަށްދާ ދަނޑިވަޅެވެ.

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް/ފޮޓޯ: ސްކޮޓް އޯލްސަން

ރަޝިއާ ސަރުކާރުގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯފް ވިދާޅުވީ، އެހެން ގައުމުތަކުގެ ދާހިލީ ކަންކަމުގެ ތެރެއަށް ވަދެ، ގަޑުބަޑު ކުރުމުގެ އެއްވެސް ނިޔަތެއް ރަޝިއާގައި ނެތް ކަމަށާ، ރަޝިއާގެ ދާހިލީ ކަންކަމުގެ ތެރެއަށް ބޭރުގެ އެހެން ފަރާތްތަކުން، އެގޮތަށް ވަނުމަކީ ޚުދު އެގައުމުންވެސް އެދޭ ކަމެއް ނޫން ކަމަށެވެ.

މައިކްރޮސޮފްޓް ކުންފުނިން ބުރާސްފަތި ދުވަހު ބުނީ، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕާ، ޑިމޮކްރަޓިކް ކެންޑިޑޭޓް ޖޯ ބައިޑަންއާ ގުޅުން ހުރި ފަރާތްތަކަށް ފާރަލާ، ޖާސޫސު ކުރުމުގައި ހަރަކާތްތެރިވާ ހެކަރުންނަކީ، ރަޝިއާ، ޗައިނާ އަދި އީރާނާ ގުޅުން އޮންނަ ހެކަރުންތަކެއް ކަމަށެވެ.