ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް އަވަށްޓެރި ޕާކިސްތާނުން ކުރަމުންދާ މަސައްކަތްތަކަށް ބައިނަލްއަގުވާމީ ސަމާލުކަން ހުއްޓިފައި ވަނިކޮށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ އިސްވެރިޔާ ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސްވެސް އެ ގައުމަށް ތައުރީފު ކުރައްވައިފިއެވެ.

ޕާކިސްތާނަށް ތައުރީފު ކުރައްވަމުން ޑރ ޓެޑްރޯޒް ވަނީ، ޕާކިސްތާނަކީވެސް އެގައުމަކުން މުޅި ދުނިޔެ، ފިލާވަޅު ދަސްކުރަންޖެހޭ ގައުމުތަކުގެ ލިސްޓުން ޖާގަ ހޯދާފައިވާ ގައުމެއް ކަމަށެވެ.

ޕާކިސްތާނުުގެ މޭވާ ބާޒާރެއްގައި އާންމުން މާސްކު އަޅައިގެން/ފޮޓޯ: އާސިފް ހަސަން

މީޑިއާއަށް މައުލޫމާތު ދިނުމަށް ކުރިއަށްދިޔަ ސެޝަނަކަށް ދެއްވި ބަޔާނެއްގައި ޑރ ޓެޑްރޯޒް ވަނީ، ކޮވިޑް-19 އާ ދެކޮޅަށް ޕާކިސްތާނުގެ ސަރުކާރުން ގެންގުޅޭ އިސްތިރާޖު ގަބޫލުކުރައްވާކަން ހާމަކުރައްވާފައެވެ. މީގެ އިތުރުން، ޕޯލިއޯ ބައްޔާ ދެކޮޅަށް ހަނގުރާމަ ކުރުމަށް އެތައް އަހަރެއް ވަންދެން ޕާކިސްތާނުން ބިނާކުރި ވަރުގަދަ ނިޒާމުގެ މިސްރާބު، ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަނބުރާލިކަންވެސް ޑރ ޓެޑްރޯޒް ވަނީ ފާހަގަކުރައްވާފައެވެ.

ޕާކިސްތާނުގެ ކޮމިއުނިޓީ ހެލްތް ވޯކަރުންނަކީ، ދޮރުން ދޮރަށް ހިނގައިގެން ކުޑަކުދިންނަށް ޕޯލިއޯ ވެކްސިން ދިނުމަށް ތަމްރީނު ކޮށްފައިވާ ބައެއްކަން ފާހަގަކުރައްވާ، ޑރ ޓެޑްރޯޒް ވަނީ އެ ޓީމަށްވެސް ތައުރީފު ކުރައްވާފައެވެ. ކޮވިޑް-19ގެ ބަލިމަޑުކަމުގައި މި ޓީމުން ހަރަކާތްތެރިވަނީ ސާވޭލަންސް މެމްބަރުންގެ އިތުރުން، ކޮންޓެކްޓް ޓްރޭސް ކުރުމާ، ފަރުވާ ދިނުމުގެ ދާއިރާގައެވެ. މިކަން ފާހަގަކުރައްވަމުން ޑރ ޓެޑްރޯޒް ވިދާޅުވީ، ނަތީޖާއަކަށްވީ، ކޮވިޑް-19ގެ ކޭސް ނަމްބަރުތައް ދަށަށް ދާން ފެށުން ކަމަށެވެ.

ކޮވިޑް-19އާ ދެކޮޅަށް ކާމިޔާބު އިސްތިރާޖުތަކެއް އެކުލަވާލާ، ތަންފީޒު ކުރަމުންދާ ގައުމުތަކުގެ ގޮތުގައި ޑރ ޓެޑްރޯޒް ބަލައިގެންނެވި ގައުމުތަކުގެ ތެރޭގައި ދެން ހިމެނެނީ، ތައިލޭންޑް، ކެމްބޯޑިއާ، ނިއުޒީލަންޑް، ދެކުނު ކޮރެއާ، ރުވާންޑާ، ސެނެގާލް، އިޓަލީވިލާތް، ސްޕެއިން އަދި ވިއެޓްނާމްއެވެ.

ހުކުރު ނަމާދުގެ ޖަމާއަތުގައި ބައިވެރިވުމަށް ޕާކިސްތާނުގެ މިސްކިތަކަށް އާންމުން ވަނުމަށް ގައިދުރުކަމުގެ އުސޫލުން ސަފު ހަދާފަ/ފޮޓޯ: އޭއެފްޕީ

ޑރ ޓެޑްރޯޒް ވިދާޅުވީ، މި ގައުމުތަކަކީ މި ބަލިމަޑުކަމުގައި ރަނގަޅު ނަތީޖާތަކެއް ނެރެމުންދާ ގައުމުތަކެއް ކަމަށެވެ. އެހެނީ، މި ގައުމުތަކަކީ، ސާސް، މާސް، ހިމަބިހި، ޕޯލިއޯ، އެބޯލާ، ފްލޫ އަދި އެނޫންވެސް އެހެން ބަލިމަޑުކަމުގެ މާޒީއިން އިބުރަތް ހާސިލުކޮށްފައިވާ ގައުމުތަކެއްކަމަށެވެ.

ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ތަންފީޒު ކުރި ފިޔަވަޅުތަކަށް ލުއި ދެމުންދާ ޕާކިސްތާނު މިހާރު ތައްޔާރުވަމުންދަނީ ސެޕްޓެމްބަރު މަހުގެ 15 ދުވަހަށް ސްކޫލްތައް ހުޅުވުމަށެވެ. އެގޮތުން ޓީޗަރުންނާއި އިދާރީ މުވައްޒަފުން ކޮވިޑް-19އަށް ޓެސްޓު ކުރުމުގެ މަސައްކަތް މިހާރު ދަނީ ހަލުވި ދުވެލީގައި ކުރިއަށެވެ.

ރޭ މެންދަމު 00:00 ފަށައިގެން މިހާތަނަށް ޕާކިސްތާނުން 516 މީހަކު ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ. އެގައުމުން ކޮވިޑް-19 ފެނުނު ފަހުން މިހާތަނަށް 300371 މީހަކަށް މި ބަލި ޖެހިފައި ވާ ކަމަށް ރެކޯޑްތަކުން ދައްކައެވެ. ކޮވިޑް-19 ޖެހިގެން ޕާކިސްތާނުން މަރުވި މީހުންގެ އަދަދު ވަނީ 6370 އަށް އަރާފައެވެ.