ލޯފަން މީހުންގެ ހައްގުގައި މަސައްކަތްކުރާ ޖަމިއްޔާ ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސް (ބީވީއައިއެސްއެމް) އަށް ދިރާގުން ދޭ ހާއްސަ ޑިޖިޓަލް މުވާސަލާތުގެ ހިދުމަތް ކަމަށްވާ "ފޯންމީޓިން 130" މިއަހަރު ވެސް ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން ފޯރުކޮށްދޭން ނިންމައިފިއެވެ.

ދިރާގުން އަންނަނީ 2016 ވަނަ އަހަރުން ފެށިގެން އެ ޖަމިއްޔާ އަށް އެ ހިދުމަތް ހިލޭ ފޯރުކޮށްދެމުންނެވެ.

އެ ހިދުމަތަކީ ދިރާގުން އެ ޖަމިއްޔާ އަށް ހާއްސަކޮށްގެން ފަރުމާ ކޮށްފައިވާ ހިދުމަތްތެއް ކަމަށާއި އެހެނިހެން އިޖުތިމާއީ ޖަމިއްޔާތައް ހިންގުމުގައި މެދުވެރިނުވާ ގިނަ ގޮންޖެހުންތައް ބީވީއައިއެސްއެމް އަށް ދިމާވާ ކަމަށް ދިރާގުން ބުނެއެވެ. އަދި ޖަލްސާތައް ބާއްވަން ނުވަތަ އެންމެން އެއްތަނަކަށް އެއްކޮށްގެން މީޓިން ބޭއްވުމަކީ ފަސޭހަ ކަމަކަށް ނުވާ ކަން ވެސް ދިރާގުން ވަނީ ފާހަގަކޮށްފައެވެ.

ދިރާގުން އެ ހިދުމަތް ހިލޭ ފޯރުކޮށްދިނުމުން، ފަސޭހަކަމާއިއެކު ޖަމިއްޔާ ހިންގުމުގެ ކަންތައްތައް ކުރިއަށް ގެންދެވޭ ކަމަށް ދިރާގުން ބުނެއެވެ. އަދި އެހިދުމަތް މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބޭ 200 ޖަމިއްޔާގެ މެންބަރުންނަށް ޖަމިއްޔާގެ ޖަލްސާތައް ބޭއްވުމަށް ފަސޭހަވެ، މެންބަރުންގެ މެދުގައި އެކުވެރިކަމާއި ރަހުމަތްތެރިކަން ބަދަހިކުރަން ވަރަށް ބޮޑު އެހީއަކަށް ވެގެން ދާ ކަމަށް ވެސް ދިރާގުން ވަނީ ބުނެފައެވެ.

ބީވީއައިއެސްއެމް އަކީ އަހަރުތެރޭގައި ތަފާތު ގިނަ ހަރަކާތްތައް ބާއްވަމުން އަންނަ ޖަމިއްޔާއެކެވެ. އެގޮތުން އެހިދުމަތް މެދުވެރިކޮށް މަދަހަ މުބާރާތްތަކާއި، ގުރުއާން ކިޔަވައިދިނުމާއި ދީނީ ނަސޭހަތް ދިނުން ފަދަ ޕްރޮގުރާމްތައް ހިމެނެއެވެ. އަދި ޖަމިއްޔާގެ މެންބަރުންގެ މެދުގައި ހިންގޭ މިފަދަ ތަފާތު ތަމްރީނު ޕްރޮގްރާމްތަކާއި ތައުލީމީ ޕްރޮގުރާމްތައް ކުރިއަށް ގެންދިއުމަށް ބީވީއައިއެސްއެމް އިން އެހިދުމަތް ބޭނުންކުރާ ކަމަށް ދިރާގުން ބުނެއެވެ.

ދިރާގުން ބުނީ ވޭތުވެދިޔަ އަހަރުތަކުގައި ބީވީއައިއެސްއެމް އިން ވަނީ އެހިދުމަތް މެދުވެރިކޮށް ހިސާބު، ލެޓިން، އަރަބި، އަދި ގުރުއާން، ފަދަކްލާސްތައް ކުރިއަށް ގެންގޮސްފައިވާ ކަމަށާއި. ކޮވިޑް19ގެ ސަބަބުން ލޮކްޑައުންގެ ހާލަތުގައިވެސް ބީވީއައިއެސްއެމް ވަނީ އެ ހިދުމަތް މެދުވެރިކޮށް މެދުކެނޑުމެއްނެތި ޖަމިއްޔާގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައި ކަމަށެވެ.

ވަކިން ހާއްސަކޮށް ކޮވިޑް 19 އާއި ގުޅިގެން ބީވީއައިއެސްއެމް އިން ވަނީ ސިއްހީ ހޭލުން ތެރިކަން އަދި އަމިއްލަ ނަފްސަށް އިތުބާރުކުރުމުގެ ހޭލުންތެރިކަން އިތުރު ކުރުމުގެ މުހިންމު ޕްރޮގްރާމްތައް ކުރިއަށް ގެންގޮސްފައިވާ ކަމަށް ދިރާގުން ބުނެއެވެ.

ދިރާގުން އެ ހިދުމަތް ދިނުމުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގައި ލޯފަން މީހުންގެ ހައްގުގައި މަސައްކަތްކުރާ ފަރާތްތައް ބާރުވެރިކުރުވައި، އެފަދަ ފަރާތްތަކަށް ހިތްވަރުދީ، މުޖުތަމައަށް ނެރުމަށް ކުރެވޭ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ދިރާގުން ބުނެއެވެ. އަދި ދިރާގުގެ އަމާޒަކީ މުސްތަޤްބަލުގައި ވެސް މިފަދަ އިޖުތިމާއީ ކަންކަމުގައި އިތުރަށް ބައިވެރިވެ، އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ވެސް ވަނީ ބުނެފައެވެ.