ދުނިޔޭގެ އާބާދީގެ ނިސްބަތުން 4 ވަނައަށް އެންމެ އާބާދީ ބޮޑު ގައުމުގެ ގޮތުގައި އޮތް އިންޑޮނޭޝިއާގެ ވެރިކަން ކުރާ ރަށް، ޖަކާޓާ ލޮކްޑައުން ކުރަން ނިންމައިފިއެވެ.

ޖަކާޓާގެ ގަވަރުނަރު އަނީސް ބަސްވިދާން ވިދާޅުވީ އަންނަ ލޮކްޑައުންއަކަށް ދިއުމަށް ނިންމެވީ، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަން ފެށިގެން އައި ދުވަސްވަރާ އަޅާ ބަލާއިރު، އަދުގެ ހާލަތު ގޯސްވެ ކުއްލި ނުރައްކަލުގެ ދަރަޖައަށް ކަންކަން ގޮސްފައި އޮތުމުގެ ސަބަބުން ކަމަށެވެ.

އަންނަ ހޯމަ ދުވަހުން ފަށައިގެން ޖަކާޓާ ލޮކްޑައުން އަކަށް ދާއިރު، ހުރިހާ އޮފީސްތަކެއްވެސް ބަންދު ކުރުމަށް ވަނީ ހަމަޖެހިފައެވެ. މައިގަނޑު 11 ސަރަހައްދެއް ފިޔަވާ އެހެން ހުރިހާ ހިސާބެއްގައި ވިޔަފާރިތައްވެސް ބަންދު ކުރުމަށް ވަނީ ނިންމާފައެވެ. މުނިފޫހިފިލުވުމާ ގުޅޭ ހުރިހާ ހަރަކާތެއް މެދުކަނޑާލާއިރު، އާންމު އެއްވުންތައް ބޭއްވުންވެސް އޮތީ މަނާކޮށްފައެވެ. ދީނީ ހަރަކާތްތައް ކުރިއަށް ގެންދެވޭނީ އަވަށު ފެންވަރުގައި، އެ ސަރަހައްދެއްގައި ދިރިއުޅޭ ބަޔަކަށް ބައިވެރިވެވޭ އުސޫލުން އެކަނި ކަމަށްވެސް ގަވަރުނަރު ވަނީ ވިދާޅުވެފައެވެ.

އިންޑޮނޭޝިއާގެ އަޗޭ ޕްރޮވިންސްގެ މިސްކިތެއްގައި ކީރިތި ގުރުއާން ތިބި ބައެއް/ފޮޓޯ: އޭޕީ

ބަސްވިދާން ވިދާޅުވީ މިއީ ކޮންމެހެން އަޅަންޖެހުނު ފިޔަވަޅުތަކެއް ކަމަށާ، މޮޑެލްއަށް ބަލާއިރު، މިހާރުން މިހާރަށް ފިޔަވަޅުތަކެއް ނާޅައިފިނަމަ، މިމަހުގެ 17 ވަނަ ދުވަސް އަންނައިރު، ވެރިރަށުގެ ހިސްޕިޓަލުތަކަށް ހިފަހައްޓާނުލެވޭ ވަރު ވާނެ ކަމަށް ދައްކާ ކަމަށެވެ.

އިންޑޮނޭޝިއާގެ އަދުގެ ހާލަތަށް ބަލާއިރު އެ ގައުމުން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 203،342 އަށް އަރާފައެވެ. އެކްޓިވް ކޭހުގެ ގޮތުގައި 49،806 ކޭހެއް ރެކޯޑް ކޮށްފައިވެއެވެ. 274 މިލިއަން މީހުންގެ އާބާދީއެއް އޮތް އިންޑޮނޭޝިއާގެ ކޮންމެ 1،348 މީހަކުން 1 އަށް ކޮވިޑް-19 ޖެހިފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކަށް ބަލާއިރު، ކޮވިޑް-19ގެ ކޭސްތައް އެންމެ ގިނަ އަދަދަކަށް ރެކޯޑް ކޮށްފައިވާ ގައުމަކީވެސް އިންޑޮނޭޝިއާއެވެ.