ޚުދުމުޚުތާރު، ޔަހޫދީ އިސްރާއީލާއެކު އާންމު އުސޫލުން ޑިޕްލޮމެޓިކް ގުޅުންތައް ބަދަހި ކުރުމަށް އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އިން އެއްބަސްވި އެއްބަސްވުން ކުށްވެރި ނުކުރުމަށް، އަރަބި ގައުމުތަކުގެ ގުޅިފައިވާ އިއްތިހާދު (އަރަބި ލީގު) އިން ނިންމައިފިއެވެ.
އަރަބި ލީގުގެ މެމްބަރު ގައުމުތަކުގެ ހާރިޖީ ވަޒީރުންގެ މެދުގައި ކުރިއަށް ގެންދެވި ވީޑިއޯ ކޮންފަރެންސް، 3 ގަޑިއިރެއް ހާއިރަށް ދެމިގެން ދިޔައިރު، ބައެއް ގައުމުތަކުން ވަނީ، އިސްރާއީލާއެކު އާންމު އުސޫލުން ގުޅުންތައް ބަދަހި ކުރުމަކީ "އާދައިގެ" ކަމެއް ކަން ސާބިތުކޮށްދިނުމަށް މަސައްކަތް ކޮށްފައެވެ.
އަރަބި ލީގުގެ އެސިސްޓަންޓް ސެކްރެޓަރީ ޖެނެރަލް ހުސާމް ޒަކީ ވިދާޅުވީ، މިކަމާ ބެހޭ ގޮތުން ސީރިއަސް، ބިނާކުރަނިވި މަޝްވަރާތަކެއް ކުރިއަށް ދިޔަ ކަމަށެވެ. ނަމަވެސް ޔޫއޭއީއާއި އިސްރާއީލުގެ ގުޅުންތައް ކުށްވެރިކޮށް އެކަމާ ދެކޮޅަށް، ފަލަސްތީނުން ބޭނުންވި ގޮތަށް ގާރާރެއް ފާސްކުރުމާ ހިސާބަށް މަޝްވަރާތައް ނުދާ ކަމަށްވެސް ހިސާމް ވިދާޅުވިއެވެ.
ފަލަސްތީނުގެ ސަފީރު މުހައްނަދު އަކްލޫކު ވިދާޅުވީ، 2002 ވަނަ އަހަރުގެ އަރަބް ޕީސް އިނިޝިއޭޓިވްގައި ބަޔާންކޮށްފައިވާ ކަންކަމާ، ވަކިވެފައިވާ މިނިވަން 2 ދައުލަތް އުފެދުމާ، ސުލްހައަށް ބިން ދޫކުރުމުގެ އުސޫލަށް ފަލަސްތީނާއި އަރަބި ގައުމުތަކުން އެއްބަސްވުމަކަށް އައިސްފައި ވާ ކަމަށެވެ.
3 ގަޑިއިރަށް ދެމިގެންދިޔަ މަޝްވަރާތަކަށްފަހު، ޔޫއޭއީ-އިސްރާއިލު އެއްބަސްވުން ކުށްވެރި ކުރުމަށް އޮތް މާއްދާ ނުހިމެނުމަށް އަރަބި ގައުމުތަކާއެކު ފަލަސްތީނުންވެސް އެއްބަސްވުމަކަށް އައީ ކަމަށް ޚަބަރު ލިބެއެވެ. ނަމަވެސް ފަލަސްތީނުގެ ހާރިޖީ ވަޒީރު، ރިޔާދު އަލް-މާލިކީ ވަނީ، ޔޫއޭއީ-އިސްރާއީލު އެއްބަސްވުމާ ދެކޮޅު ހެދުމަށް އަރަބި ގައުމުތަކަށް ގޮވާލައްވާފައެވެ.
އަރަބި ލީގުގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ޢަބުލް ޣައިތު ވިދާޅުވީ، ފަލަސްތީނުގެ މައްސަލައަކީ އަރަބި އެއްބަސްވުންތަކުގެ އަސާސް ކަމުގައި ދެމި އޮންނާނެ ކަމަށާ، ސުލްހައިގެ މަގުޗާޓުވެސް އެކުލަވާލެވިގެންދާނީ، 2002 ވަނަ އަހަރުގެ އަރަބް ޕީސް އިނިޝިއޭޓިވްގެ ހުދޫދުގެ ތެރެއިން ކަމަށެވެ. ފަލަސްތީނުގެ ހައްގަށް އުނިކަން ލިބޭ ގޮތަށް ނިންމާ ނިންމުންތަކާ، ފަލަސްތީނަށް ވީދީ އިހާނެތިކޮށް ހިތުމާއި، ޤުދުސްގެ ހާލަތާ މެދު ނޭދެވޭ ނިންމުންތައް ނިންމުމާ އަރަބި ލީގުން ދެކޮޅު ހަދާނެ ކަމަށްވެސް އެ އިއްތިހާދުގެ ސެކްރެޓަރީ ޖެނެރަލް ވަނީ ވިދާޅުވެފައެވެ.
އިސްލާމީ ދުނިޔޭގެ އެންމެ ނުފޫޒުގަދަ ބާރުގެ ގޮތުގައި އޮތް ސައުދީ އަރަބިއްޔާއިން ވަނީ، އިސްރާއީލާއި ފަލަސްތީނުގެ މައްސަލައަށް ގެނެވޭ، ބިނާކުރަނިވި ކޮންމެ ސުލްހައަކަށް އެ ގައުމުން އެއްބާރުލުން ދޭނެ ކަމަށް ބުނެފައެވެ.