ދުނިޔޭގެ ސުލްހައަށް މަސައްކަތްކުރުމުގައި ފާހަގަކޮށްލެވޭ ބޮޑެތި ހިދުމަތްތަކެއް ކުރާ އަދި ކޮށްފައިވާ ފަރާތްތަކުގެ އަގު ވަޒަންކޮށް، ދެމުން އަންނަ އެންމެ ޝަރަފުވެރި އެއް އެވޯޑްގެ ގޮތުގައި ސިފަކުރާ ނޮބޭލް ސުލްހައިގެ އިނާމަށް، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ނަންފުޅު ނޮމިނޭޓް ކޮށްފިއެވެ.

ނޮބޭލް ސުލްހައިގެ އިނާމު 2021 އަށް ޓްރަމްޕްގެ ނަންފުޅު ނޮމިނޭޓް ކޮށްފައި ވަނީ، އިސްރާއީލާއި އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)އާ ދެމެދު އާންމު އުސޫލުން ޑިޕްލޮމެޓިކް ގުޅުން ބަދަހިކުރުމަށް، މެދުވެރިއެއްގެ ގޮތުގައި އެމެރިކާއިން ކުރި މަސައްކަތާއެކުގައި ކަމަށް ޚަބަރު ލިބެއެވެ.

ނޮބޭލް ސުލްހައިގެ އިނާމަށް ޓްރަމްޕްގެ ނަންފުޅު ނޮމިނޭޓް ކުރެއްވީ، ނޯވޭގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު ކްރިސްޓަން ޓައިބްރިންގް-ޖޭޑީއެވެ. ޔޫއޭއީ-އިސްރާއީލުގެ އެއްބަސްވުމުގެ އިތުރުން، އިންޑިއާއާއި ކަޝްމީރުގެ ބޯޑަރު މައްސަލައަށް ހައްލު ހޯދުމުގައިވެސް ޓްރަމްޕް ގެންގުޅުއްވަނީ ބިނާކުރަނިވި އުސޫލުތަކެއް ކަމަށް މަޖިލިސް މެމްބަރު ވަނީ ވިދާޅުވެފައެވެ.

އުތުރު އެމެރިކާ ގައުމުތަކުގެ އިއްތިހާދު (ނޭޓޯ)ގެ ޕާލަމެންޓްރީ އެސެމްބްލީގެ ޗެއާމަންވެސް ކުރައްވަމުން ގެންދަވާ ކްރިސްޓަން ޓައިބްރިންގް-ޖޭޑީ ވިދާޅުވާ ގޮތުގައި، ޓްރަމްޕަކީ، ސުލްހައިގެ އިނާމަށް ނޮމިނޭޓްވެފައިވާ އެހެން ފަރާތްތަކާ އަޅާ ބަލާއިރު، ގައުމުތަކުގެ މެދުގައި ސުލްހަ ގާއިމު ކުރެއްވުމަށް މާ ގިނަ މަސައްކަތްޕުޅުތަކެއް ކުރައްވާފައިވާ ޝަހްސެކެވެ.

ނޮބޭލް ސުލްހައިގެ އިނާމު 2020 އަށް 318 ކެންޑިޑޭޓެއްގެ ނަން ނޮމިނޭޓް ކޮށްފައިވާއިރު، މީގެ ތެރޭގައި ހިމެނެނީ 211 ވަކި ފަރުދަކާ، 107 ޖަމިއްޔާއެކެވެ. ނޮބޭލް ސުލްހައިގެ އިނާމަށް ކެންޑިޑޭޓުން ނޮމިނޭޓް ކުރުމުގެ ބާރު، އާންމު ޝަހްސުތަކުގެ އިތުރުން، ގައުމީ ފެންވަރުގެ ޕޮލިޓީޝަނުންނާ، ޕްރޮފެސަރުންނާ، ކުރިން އިނާމު ހާސިލުކޮށްފައިވާ ފަރާތްތަކަށް އޮވެއެވެ.

އެ އަހަރެއްގެ އިނާމަށް ކެންޑިޑޭޓުން ޝޯޓްލިސްޓު ކުރުމުގެ މަސައްކަތް ކުރަނީ ފެބުވަރީ މަހާއި މާޗް މަހުއެވެ. އަދި އިނާމު ހާސިލުކުރާ ފަރާތް އިއުލާން ކުރަނީ އޮކްޓޯބަރު މަހުއެވެ.