ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަމުގައި ޗައިނާއިން އަމަލު ކޮށްފައިވާނީ ދެފުށް ފެންނަ، ހާމަކަން ބޮޑު އުސޫލަކުން، ޒިންމާދާރު ކަމާއެކުގައި ކަމަށް ޗައިނާގެ ރައީސް ޝީ ޖީންޕިންގް ވިދާޅުވެއްޖެއެވެ.

މި މޭރުމުން ޝީ ވާހަކަފުޅުދައްކަވާފައި ވަނީ، ކޮވިޑް-19ގެ ބަލިމަޑުކަމުގައި އާދަޔާ ހިލާފު ރޫހެއްގައި ހިދުމަތް ކުރި 4 މީހެއްގެ އަގު ވަޒަންކޮށް، މެޑަލް ހަވާލު ކުރުމަށް ކުރިއަށްދިޔަ ހާއްސަ ރަސްމިއްޔާތެއްގައެވެ.

ޗައިނާގެ ދައުލަތުގެ މީޑިއާއާއި ހަވާލާދީ ސީއެންއެންއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މެޑަލް އެރުވުނު 4 ޝަހްސުންގެ ތެރޭގައި، ޗައިނާގެ ރެސްޕިރޭޓަރީ ޑިޒީޒްގެ އިސް ތަޖުރިބާކާރު ޝޮންގް ނާންޝަން ހިމެނިވަޑައިގަންނަވައެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޝީ ވިދާޅުވީ، ގައުމީ ފެންވަރުގައި ބަލިމަޑުކަމާ ގުޅޭ ގޮތުން މައުލޫމާތު ފޯރުކޮށްދޭނެ ނިޒާމެއް ގާއިމު ކުރުމަށް ހަލުވި ދުވެއްޔެއްގައި މަސައްކަތް ކުރެވުނު ކަމަށާ، ހަގީގީ މައުލޫމާތު ހޯދާ، ބަލިމަޑުކަމާ ބެހޭ މައުލޫމާތު، ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި އެ މައުލޫމާތު ހާމަކުރުމަށް މަސައްކަތް ކުރެވުނު ކަމަށެވެ.

ހުޅުވާލެފައިވާ ގޮތެއްގައި، ވީހާވެސް ހާމަކަން ބޮޑު، އަދި ޒިންމާދާރު ގޮތެއްގައި ޗައިނާއިންއިން ބައިނަލްއަގުވާމީ ޒިންމާތައް އަދާކޮށްފައިވާނެ ކަމަށްވެސް ޝީ ވިދާޅުވިއެވެ. މި މޭރުމުން ވާހަކަފުޅުދައްކަވަމުން ޝީ ވިދާޅުވީ، ކޮވިޑް-19ގެ ބަލިމަޑުކަމާ ބެހޭ މައުލޫމާތު، ވީ އެންމެ އަވަހަކަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އާއި ހިއްސާކުރެވިފައި ވާނެ ކަމަށެވެ.

ވައިރަސް ކޮންޓްރޯލް ކުރުމާ، އިގުތިސޯދު ނެގެހެއްޓުމުގައިވެސް ޗައިނާއިން ދަނީ ބައިނަލްއަގުވާމީ ފެންވަރުގައި އިސް ދައުރެއް އަދާ ކުރަމުން ކަމަށް ޝީ ވަނީ ވިދާޅުވެފައެވެ.

2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު، ޗައިނާގެ ވޫހާން ސިޓީއިން ކޮވިޑް-19ގެ ފުރަތަމަ ކޭސްތައް ފެނުނު ހިސާބުން، ޗައިނާއިން އެކަށީގެންވާ ގޮތެއްގައި ފިޔަވަޅުތަކެއް އަޅާފައި ނުވާކަމަށާ، މައުލޫމާތު ފޮރުވުމަށް މަސައްކަތް ކޮށްފައި ވާ ކަމަށް ބުނެ، ބައިނަލްއަގުވާމީ ފެންވަރުގައި ޗައިނާއަށް ވަނީ ފާޑުކިއުންތައް އަމާޒުވެފައެވެ. ނަމަވެސް، ޗައިނާއިން ދަނީ އެގައުމަށް އަމާޒު ކުރަމުންދާ މިފަދަ ތުހުމަތުތަކަށް، ތަކުރާރުކޮށް އިންކާރު ކުރަމުންނެވެ.