އދގެ ތަފާސް ހިސާބުތަކަށް ބަލާއިރު ތަސައްރަފު ފުދިފައިވާ މީހުންނާއި ޅަ ޒުވާނުންގެ އާބާދީއަށް ބަލާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުން 773 މިލިއަނެއްހާ މީހުންނަކީ ލިޔަންކިއަން ދަތުމުގެ އަސާސީ ހުނަރުން މަހްރޫމުވެފައިވާ ބައެކެވެ. 617 މިލިއަން ކުދިންނާ ޒުވާނުންނަކީ، އާންމު ދިރިއުޅުމުގެ މަސައްކަތުގެ މާހައުލަށް ބޭނުންވާ މިންވަރަށް ކިއުމާއި، ހިސާބުގެ ހުނަރު ނެތް މީހުން ކަމަށްވެސް އދއިން ބުނެއެވެ.

މި ދަނޑިވަޅަކީ ތާރީހު ނުދެކޭ ދަރަޖައަކަށް ބޮޑު ބަލިމަޑުކަމަކާ ކުރިމަތިލާންޖެހި، ތައުލީމީ ނިޒާމަށް އިންތިހާއަށް ބުރޫ އަރާފައިވާ ދަނޑިވަޅަކަށް ވާއިރު، މި ބަލިމަޑުކަމުގެ ފުރަތަމަ މަރުހަލާގައި، 1.09 ބިލިއަނަށް އަރާފައިވާ ދަރިވަރުންގެ އާބާދީގެ 62.3 ޕަސެންޓަށް، ސްކޫލް ބަންދު ކުރުމުގެ ސަބަބުން އެކި ތަކުލީފުތަކާ ކުރިމަތިލާންޖެހުނު ދަނޑިވަޅެއްކަންވެސް ފާހަގަކުރަންޖެހެއެވެ.

ދުބާއީގައި ހިންގާ ޑީޕީއެސްގެ މުވައްޒަފުން ހެޒްމެޓް ސޫޓުގައި ފޮތް ބަހަނީ/ފޮޓޯ: ޑީޕީއެސް

ކައިރި މާޒީއަކާ ޖެހެންދަކަށްވެސް ލިޔަންކިއަން ދަސްކޮށްދިނުމާ، އިލްމު އުނގަންނައިދިނުމުގެ ސިޔާސަތުތައް ބައްޓަންވެފައި އޮތީ، ތަސައްރަފު ފުދިފައިވާ މީހުންނަށް އަހުލުވެރި ނިޒާމެއްގެ ގޮތުގައި ނޫންކަން އެންމެންވެސް ގަބޫލުކުރެއެވެ. ތައުލީމީ ދާއިރާ ކުރިއަރުވަން އިޖާބަ ދެވެމުން އައީ ޒުވާނުންނާ ހަރު އުމުރުގެ މީހުން، އިލްމީ ނިޒާމުން އެކަހެރި ކުރެވިފައިވާ ބީދައަކުން ކަމަށް ވުމުގެ ނަތީޖާއަކަށްވީ، ދުނިޔެ މިއަދު ތަޖުރިބާ ކުރަމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އާއިއެކު ދިރިއުޅުމަށް ގެންނަން ޖެހިފައި ވާ ބޮޑު ބަދަލާ، އަހުލުވެރިވާން ޖެހިފައި ވާ ކިތަންމެ ކަމެއްގެ އެންމެ ސައްހަ މައުލުމާތުން މި ބައި މީހުން އެކަހެރިވެ، ފުރާނަ ސަލާމަތް ކޮށްދެނިވި މުހިންމު މައުލޫމާތަކެއް ލިބުމާ، ފަހުމް ވުމުންވެސް ބަޔަކު މަހްރޫމުވެގެން ދިއުންކަން ގަބޫލު ކުރަންޖެހެއެވެ.

ކޮންމެ އަހަރެއްގެވެސް ސެޕްޓެމްބަރު މަހުގެ 8 ވަނަ ދުވަސް ފާހަގަކުރަނީ، ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަ ކުރާ ލިޔަންކިއަން ދަތުމުގެ ދުވަހުގެ ގޮތުގައެވެ. މިއަހަރުގެ މި ދުވަސް ހާއްސަކޮށްފައި ވަނީ، "ކޮވިޑް-19ގެ ބަލިމަޑުކަމާއި އޭގެ ދުރަށް ލިޔަންކިއަން ދަސްކޮށްދިނުމާއި އުނގަންނައިދިނުމުގެ" މައްޗަށެވެ. ވަކިން ހާއްސަކޮށް އިލްމު ފޯރުކޮށްދޭ ފަރާތްތަކުގެ ދައުރާ، އަމަލީ ގޮތުން ގޮތުން އިލްމު ފޯރުކޮށްދޭ އުސޫލުތަކަށް އެދެވޭ ބަދަލުތަކެއް ގެނައުމުގެ މައްޗަށެވެ.

ބައްޕައަކު އޭނާގެ ދަރިންނަށް ވާހަކަ ފޮތްތަކެއް ދައްކަނީ. ދަރިންނަށް ކޮވިޑް-19އާ ބެހޭ ސައްހަ މައުލޫމާތު ފޯރުކޮށްދިނުން މުހިންު/ފޮޓޯ: ވީއޯއެކްސް

ލިޔަންކިއަން ދަސްކުރުމާ އުނގެނުމަކީ އުމުރު ދުވަހަށް ދެމިގެންދާ އަމާޒަކަށް ހަދަންޖެހެއެވެ. މިއީ ވަކި އުމުރަކަށް އޮތް ކަމެއް ނޫންކަން، ކޮވިޑް-19ގެ ބަލިމަޑުކަމާއެކު އަސާސީ ހިދުމަތްތައް ހޯދާ، ލިބިގަތުމަށް އަމަލު ކުރުމުގައި ގެންނަން ޖެހުނު ބަދަލުތައް ކިތަންމެހާވެސް ރަނގަޅަކަށް އަންގައިދީފިއެވެ. ލިޔަންކިއަން ދަތުމަކީ ޒަމާނާއެކު ތަރައްގީވާންޖެހޭ ކަމެކެވެ. ވޮށުފިލާ ދޫކޮށް، ފޮތާ ގަލަމަށް އަހުލުވެރިވި ފަދައިން، ޒަމާނީ ޓެކްނޮލޮޖީއަށްވެސް އަހުލުވެރި ވުމަކީ، ކޮވިޑް-19ގެ ބަލިމަޑުކަމުގައި ކަސްތޮޅުއެޅިގެން ތިބެން ޖެހިފައިވާ އަދުގެ ދުނިޔޭގައި އަސާސީ ހުނަރެއް ކަމުގައި މިއޮތީ ވެފައެވެ.

އަސާސީ މިންވަރަށް ނުވަތަ އެވަރަށްވެސް ލިޔަންކިއަން ނުދަންނަ މީހުންނަކީ ދިރިއުޅުމުގައި އެކި ކަހަލަ ގޮންޖެހުންތަކާ ކުރިމަތިލަމުން އަންނަ ބައެކެވެ. ކޮވިޑް-19ގެ ބަލިމަޑިކަމާއެކު އެ ތަކުލީފުތައް އިންތިހާއަށް ގުނަވެގެންދިޔައެވެ. އަސާސީ ސިއްހީ ހިދުމަތް ހޯދުމާއި، ބަލިމަޑުކަމާ ބެހޭ އެންމެ ފަހުގެ މައުލުމާތާ، ފުރާނަ ސަލާމަތްކޮށްދެނިވި މުހިންމު މައުލޫމާތުތަކެއްވެސް ލިބެން އޮތީ ޒަމާނީ ވަސީލަތްތަކަށް އަހުލުވެރިވެގެން ކަމަށް ވެފައި ވާއިރު، ލިޔަންކިއަން ނުދަންނަ މީހުންނަށް އިތުރު ގޮންޖެހުންތަކެއް އަނެއްކާވެސް ކުރިމަތިވެ، ފުރާނަވެސް ނުރައްކަލަށް ވެއްޓުނީއެވެ.

ސެސަމީ ސްޓްރީޓް ތީމަށް ރެފިއުޖީ ކުދިންނަށް ހާއްސަކޮށްގެން އައިއާރްސީއިން ހިންގާ ކުލާހެއް/ފޮޓޯ: އައިއާރްސީ

ކޮވިޑް-19 އަންގައިދިނީ ހަމައެކަނި ސިއްހީ، މާލީ އަދި އިގުތިސޯދީ ގޮތުން ދުނިޔެ ތައްޔާރުވެފައި ނުވާ މިންވަރު އެކަންޏެއް ނޫނެވެ. ތައުލީމީ ނިޒާމަށް ގެންނަންޖެހިފައިވާ ތަރައްގީތައްވެސް ކިތަންމެ ހާ ރަނގަޅަކަށް ހާމަވެއްޖެއެވެ. އިލްމު އުނގެނެން ތިބި ދަރިވަރުންގެ އިތުރުން، އުނގަންނައިދޭން ތިބި އެދުރުންގެ ގާބިލިއްޔަތު ކަމުގައިވެސް ފޫނުބެދޭ ވަރުގެ އުނިކަންތައްތަކެއް ހުރިކަން ކޮވިޑް-19 އަންގައިދިނެވެ. ކުލާސްރޫމެއްގެ ހަތަރުފާރުގެ އެތެރޭގައި އަންގައިން އަނގައަށް އަޅައިދީގެން ކާމިޔާބެއް ނެތް ކަމާ، އެތައް އަހަރެއްވީ އުނގަންނައިދިނުމުގެ އުކުޅުތަކުން މިއަދު ކުރާ މާ ބޮޑު ފައިދާއެއް ނެތެވެ. އިލްމު ފޯރުކޮށްދޭ ފަރާތްތަކަށްވެސް މިއަދު މަޖުބޫރުވެފައިވަނީ، ޒަމާނާ އެކަށީގެންވާ މިންވަރަށް ޓެކްނޮލޮޖީގެ ވިއުގާ ގަބޫލުކުރަނިވި ހަމައަކަށް ލިޔަންކިއަން ދަސްކުރާށެވެ.

މުސްތަގުބަލުގައި ލިޔަންކިއަން ދަތުމުގެ ސަނަދު ހާސިލުވާން އޮތީ ޓެކްނޮލޮޖީއަށްވެސް އަހުލުވެރިވެގެން ކަން ގަބޫލުކުރަން ޖެހިއްޖެއެވެ. ޑިޖިޓަލް ދުނިޔެއެއްގައި، އެ ހަމާގައި ފައިތިލަ ސާބިތުކޮށްގެން މެނުވީ، މިއަދު ކުރި ލިބޭކަށް ނެތެވެ. ބަލިމަޑުކަމުން ސަލާމަތްވާނެ ވަކި އިރެއް އަދިވެސް އެނގެން ނެތް އިރު، އިލްމީ އިސްތިރާޖުތައް ބަދަލު ކުރަން ޖެހިފައި ވާކަން ހަނދާންކޮށް، ކަމާ ބެހޭ ފަރާތްތައް ޒިންމާދާރު ކުރުވަންޖެހެއެވެ. ދުނިޔެ މިއަދު މިވަނީ، ވަށާޖެހެނިވި އިލްމީ ނިޒާމަކަށް ބޭނުންވެފައެވެ. ފުރާނަ ސަލާމަތް ކުރުމަށް އަޅަންޖެހޭ މުހިންމު ފިޔަވަޅުތަކެއްވެސް މިއަދު ގުޅިފައި އޮތީ ޒަމާނީ ތަރައްގީއަށް ލޯހުޅުވިފައިވާ މިންވަރެއްގެ މައްޗަށެވެ.