ކާބޯތަކެއްޗަކީ، މިއަދު ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ފަތުރާ މަސްދަރެއް ކަމުގައި ވުމަށް އޮތީ އިންތިހާއަށް ހަނި، ނާދިރު ފުރުސަތެއް ކަމަށް، ކާބޯތަކެތީގެ ތަގައްޔަރުކަން ދިރާސާކުރުމުގައި ހަރަކާތްތެރިވާ ތަޖުރިބާކާރުންގެ ޓީމަކުން ބުނެފިއެވެ.
އިންޓަނޭޝަނަލް ކޮމިޝަން އޮން މައިކްރޮބައޮލޮޖިކަލް ސްޕްސިފިކޭޝަންސް ފޮ ފުޑްދް (އައިސީއެމްއެސްއެފް) އިން ވަނީ، ކާބޯތަކެއްޗާއި، އެ ތަކެތި ބަންދުކޮށްފައިވާ ޕެކޭޖިންގްގެ ޒަރިއްޔާއިން، ކޮވިޑް-19ގެ ވައިރަސް އުފުލާތޯ ދިރާސާ ކޮށްފައެވެ. އައިސީއެމްއެސްއެފްގެ ހޯދުންތަކަށް ބަލާއިރު، މިކަމަށް ހެކި ލިބިފައިވަނީ ކުޑަ މިންވަރަކަށް ކަން، ފާހަގަކުރަން ޖެހެއެވެ.
އައިސީއެމްއެސްއެފްއިން އާންމު ކުރި ބަޔާނެއްގައި ބުނެފައިވަނީ، ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (ސާސްކޯވް-2) ވައިރަސް، ކާބޯތަކެތީގެ ޒަރިއްޔާއިން އެތެރެހައްޓަށް ގޮސްގެން (ކެވި، ނުވަތަ ބޮވިގެން) ކޮވިޑް-19އަށް އިންފެކްޓް ވުމުގެ ފުރުސަތު އިންތިހާއަށް ހަނި ކަމަށް އެ ޖަމިއްޔާއަށް ގަބޫލު ކުރެވޭ ކަމަށެވެ. ކާބޯތަކެއްޗަކީ، ކޮވިޑް-19 ފަތުރާ ނުވަތަ ޖައްސާ މަސްދަރެއް ކަމަށް ބާރުދެވޭ މިންވަރަށް ހެކި ލިބިފައި ނުވާކަމަށް އައިސީއެމްއެސްއެފްގެ ބަޔާނުގައިވެއެވެ.
ވައިރަހަގެ އަސަރު ހުރި އެއްޗެއް ކައިބޮއި ހެދުމުގެ ފުރުސަތު އޮތް ކަމުގައި ވީ ނަމަވެސް، އެ ގޮތުން ކޮވިޑް-19އަށް އިންފެކްޓް ވެފައި ވާތީ އަދި މިހާތަނަށް ފެނިފައި ނުވާ ކަމަށްވެސް އައިސީއެމްއެސްއެފްއިން ބުނެއެވެ. ކަން މިހެން އޮތް އިރު، ވަކި ބާވަތެއްގެ ކާބޯތަކެއްޗަކީ، ކޮވިޑް-19 ފެތުރުމުގައި ނުރައްކާ ގިންތީގައި ލިސްޓް ކުރަން ޖެހޭ ބާވަތެކޭ ބުނާނެ ޖާގަ ނެތް ކަމަށްވެސް އައިސީއެމްއެސްއެފްއިން ބުނެއެވެ.
ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ނަމުގައި ބައެއް ގައުމުތަކުން ކާބޯތަކެތި އިމްޕޯޓް ކުރުން ހުއްޓާލުމާ، އިމްޕޯޓް ކުރާ ކާބޯތަކެތިން ސާމްޕަލް ނަގައިގެން ކޮވިޑް-19އަށް ޓެސްޓު ކުރުން ނުވަތަ ކުންފުނިތަކުގެ އުފެއްދުންތަކަކީ ކޮވިޑް-19އިން ސަލާމަތްވެފައިވާ އުފެއްދުންތަކެއް ތޯ ސުވާލު ކުރުން ފަދަ ކަންކަން ކުރަމުން ދާ ކަމަށާ، ނަމަވެސް، މިއީ އެއްވެސް ބޭނުމެއް އޮތް ކަމެއް ނޫން ކަމަށްވެސް އައިސީއެމްއެސްއެފްއިން ބުނެއެވެ.
ކާބޯތަކެތީގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުންފުނިތަކުގެ މައިގަނޑު އަމާޒަކަށް ވާންވީ، އެތަނުގައި މަސައްކަތް ކުރާ މުވައްޒަފުންނާ، މުދާ ބޭނުން ކުރާ ފަރާތްތަކާ، ކާބޯތަކެތި ފޯރުކޮށްދޭ ކެފޭ/ރެސްޓޯރަންޓްތަކުގެ ޒަރިއްޔާއިން، އެއް އިންސާނެއްގެ ހަށިގަނޑުން އަނެއް އިންސާނެއްގެ ހަށިގަނޑަށް ސާސްކޯވް-2 ނުފެތުރޭނެކަން ކަށަވަރު ކުރުމަށް ކަމަށްވެސް، އިންޓަނޭޝަނަލް ކޮމިޝަން އޮން މައިކްރޮބައޮލޮޖިކަލް ސްޕްސިފިކޭޝަންސް ފޮ ފުޑްދް (އައިސީއެމްއެސްއެފް)އިން ވަނީ ގޮވާލާފައެވެ.