ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު އެމެރިކާގައި އޮންނަ ރިޔާސީ އިންތިހާބުގައި، މިހާރުގެ އިދިކޮޅު ކެންޑިޑޭޓް ޖޯ ބައިޑަންއަށް ކުރި ލިބިއްޖެނަމަ، 2001 ވަނަ އަހަރު މުޅި ދުނިޔެ ސިއްސުވާލީ ސެޕްޓެމްބަރު 11 ގެ ޓެރަރިސްޓް ހަމަލާ ފަދަ އާ ހަމަލާއެއް އަމާޒުވެދާނެ ކަމުގެ އިންޒާރު، އުސާމާ ބިން ލާދިންއަށް ބޮޑުބޭބެ ކިއާ، ނޫރު ބިން ލާދިން ދީފިއެވެ.

މިހާތަނަށް މީޑިއާއަކަށް އޭނާ ދިން ފުރަތަމަ އިންޓިވިއުއާ ހަވާލާދީ، އިންޑިއާގެ ވިއޯންއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި، މިފަދަ 11/9 ފަދަ ދެވަނަ ހަމަލާއަކުން ދިފާއު ހޯދެން އޮތީ، ޓްރަމްޕަށް ކަމަށެވެ.

އުމުރުން 33 އަހަރުގެ ނޫރު ބިން ލާދިން ވަނީ، އެމެރިކާގެ ވާތު ފިޔައިގެ ގޮފިން، ހައްދުފަހަނައަޅާ ދިއުމުގެ ފިކުރަށް ބައިއަތު ހިފާފައިވާކަމުގެ ތުހުމަތު ފެންމަތިކޮށްފައެވެ. މިމޭރުމުން ވާހަކަ ކުރިއަށް ގެންދަމުން ނޫރު ބިން ލާދިން ބުނީ، ބަރާކް އޮބާމާއާއި ޖޯ ބައިޑަންގެ ވެރިކަމުގައި، ހައްދުފަހަނައަޅާފައިވާ އައިސިސް ޖަމާއަތުގެ ނުފޫޒު ފޯރުވާ، އެމީހުން ވިލާތަށް ފޮނުވާފައިވާކަމަށެވެ.

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް (ވ) އަދި ޑިމޮކްރަޓިކް ކެންޑިޑޭޓް ޖޯ ބައިޑަން (މ)/ފޮޓޯ: ކާޑްސްޗެޓް

އޭނާގެ ތަރުހީބު އޮތީ ޓްރަމްޕަށް ކަމަށް ބަޔާންކޮށް ވާހަކަދައްކަމުން ނޫރު ބިން ލާދިން ބުނީ، އޭނާ ފަދަ މީހުންނާ އެމެރިކާގެ ހިމާޔަތުގައި ޓްރަމްޕް ހުރިކަން ސާބިތުކޮށްދެއްވާފައި ވާ ކަމަށާ، ޓްރަމްޕް އެކަން ކުރެއްވީ، ހަމަލާއެއް އަމާޒުވުމުގެ ކުރިން ޓެރަރިސްޓުން "މުލުން ލުހެކައިގެން" ކަމަށެވެ.

2015 ވަނަ އަހަރު އެމެރިކާގެ ވެރިކަމަށް ޓްރަމްޕް ކުރިމަލެއްވި ހިސާބުންވެސް އޭނާއަކީ ޓްރަމްޕްގެ ސަޕޯޓަރެއް ކަމަށް ނޫރު ބިން ލާދިން ބުނެއެވެ. ޓްރަމްޕަކީ ހަމައެކަނި އެމެރިކާގެ މުސްތަގުބަލު ނޫންކަމަށާ، އެއީ ހުޅަނގުގެ ހަލާރާތުގެ ކުރިމަގު ކަމަށްވެސް ނޫރު ބިން ލާދިން ވަނީ ސިފަކޮށްފައެވެ.

ނޫރު ބިން ލާދިންއަކީ ސުވިޓްޒަލަންޑްގެ ލިޔުންތެރިއަކަށާ، އުސާމާ ބިން ލާދިންގެ ބޭބެއަކަށް ލިބިފައިވާ ދަރިއެކެވެ. 1988 ވަނަ އަހަރު މައިންބަފައިން ވަކިވި ހިސާބުން، ނޫރު އުޅެ ބޮޑުވީ ސުވިޓްޒަލަންޑްގައެވެ. 11/9 ގެ ހަމަލާތަކަށްފަހު ނޫރުގެ އާއިލާއަށް ބައިނަލްއަގުވާމީ ސަމާލުކަން ހުއްޓުނެވެ. މިއާއެކު އޭނާގެ މަންމަ ވަނީ "ބިން ލާދިންގެ އާއިލާ" އާ ބެހޭ ފޮތެއްވެސް ލިޔެފައެވެ.