އިނގިރޭސިވިލާތުގެ ބާމިންގްހަމް ސިޓީގައި ތޫނު އެއްޗަކުން ހަމަލާދީ، ގިނަ އަދަދެއްގެ ބަޔަކު ޒަހަމްކޮށްލާފައިވާކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ވެސްޓް މިޑްލަންޑްސް ޕޮލީސްއާއި ހަވާލާދީ ބީބީސީއިން ބުނި ގޮތުގައި، ތޫނު އެއްޗަކުން ހަމަލާ ދީގެން ފުރަތަމަ ރިޕޯޓް ކޮށްފައިވަނީ އިނގިރޭސިވިލާތު ގަޑިން ދަންވަރު 00:30 ހާއިރުއެވެ. އިތުރު ބަޔަކު ޒަހަމްވެގެން ރިޕޯޓްތައް ލިބުނީ އޭގެ ކުޑަ ވަގުތު ކޮޅެއް ފަހުން ކަމަށް ޚަބަރު ލިބެއެވެ.

ގިނަ އަދަދެއްގެ ބަޔަކު ޒަހަމްވި ކަމަށް ފުލުހުން ބުނާއިރު، ޒަހަމްވީ ކިހާ އަދަދެއްގެ ބައެއް ކަމެއް އަދިވެސް ހާމަކޮށްފައެއް ނުވެއެވެ. އަދި ޒަހަމްވި ބަޔަކު ޒަހަމްވީ، ޖިހާ ސީރިއަސް ކޮށް ކަމެއްވެސް އަދި ހާމައެއް ނުކުރެއެވެ.

ވެސްޓް މިޑްލަންޑްސްގެ މޭޔާ، އެންޑީ ސްޓްރީޓް ވިދާޅުވީ، ހާސްޓް ސްޓްރީޓް ސަރަހައްދުގައި ހިނގާދިޔަ ހާދިސާތަކަކީ ގުޅުންހުރި ހާދިސާތަކެއް ކަމަށް ބެލެވޭ ކަމަށެވެ. މިއީ ބޮޑު ހާދިސާއެއްގެ ގޮތުގައި އިނގިރޭސިވިލާތުގެ ފުލުހުން ކަނޑައަޅާފައިވާއިރު، މިއީ ސީރިއަސް ނުރައްކާ އެކުލެވޭ ދަރަޖައަށް ކަންކަން ދިއުމުން އިއުލާން ކުރާ ހާލަތެއް ކަން ފާހަގަކުރަންޖެހެއެވެ.

މަންޒަރު ދުށް މީހަކު ބުނި ގޮތުގައި ފުރަތަމަ އިވުނީ ބާރު އަޑުފަށްގަނޑެކެވެ. އެއަށްފަހު މީހުން ހަޅޭއްލަވާ އަޑުގަދަ ކުރާ އަޑު އިވުނު ކަމަށާ، ދެން ފެނުނީ އެކި އުމުރުގެ މީހުންގެ މެދުގައި ތަޅާފޮޅުން ކުރިއަށްދިޔަ މަންޒަރު ކަމަށް އޭނާ ވަނީ ކިއާދީފައެވެ.

މާރާމާރީ ހިންގާ ތޫނު އެއްޗަކުން ހަމަލާދީ ގިނަ ބަޔަކު ޒަހަމް ކޮށްލުމާ، ކާރު އެކްސިޑެންޓްތަކެއް ހިނގުން ފަދަ ގިނަ ހާދިސާތަކެއް އެންމެ 3 ގަޑިއިރެއްހާއިރުގެ ތެރޭގައި ހިނގާފައިވާއިރު، އޭނާ އަދިވެސް ހުރީ ޝޮކެއްގައި ކަމަށް މީޑިއާއާއި ވާހަކަދެއްކި މީހާ ވަނީ ބުނެފައެވެ.

އިނގިރޭސިވިލާތުގައި ހިނގައިގެން އުޅޭ ހަމަނުޖެހުންތަކުގެ ފަހަތުގައި އޮތީ ކޮން މަގުސަދެއް ކަމެއް އަދި ސާފެއް ނުވެއެވެ.

މަސްރަހު ހަމަޖެހި އާންމު ހާލަތަށް ރުޖޫއަ ވެފައި ވީ ނަމަވެސް، ސަމާލުވެ ތިބުމަށް އެސަރަހައްދުގެ ރައްޔިތުންނަށް ކަމާ ބެހޭ ފަރާތްތަކުން އިރުޝާދު ދެއެވެ.