މޫސުން ގޯސްވެ، ބ. އަތޮޅުން އައްޑޫ ސިޓީއަށް އޮރެންޖު އެލާޓް ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން އެސަރަހައްދަށް މިރޭ 10:30 އިން 2:30 އަށް އޮރެންޖު އެލާޓު ނެރެފައިވާއިރު އެސަރަހައްދަށް ގަޑިއަކު 34 މޭލާއި 40 މޭލާ ދެމެދު ބާރުމިގައި ވައިޖެހޭނެ ކަމަށް އެއިދާރާއިން ވަނީ ބުނެފައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 60 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.

‏މެޓް އޮފީހުން ވަނީ ހއ. އަތޮޅުން ބ. އަތޮޅަށް 8:20 އިން ދަންވަރު 2:00އަށް ވައިޓް އެލާޓު ވެސް ނެރެފައެވެ. އެސަރަހައްދަށް ގަޑިއަކު 22 މޭލާއި 27 މޭލާ ދެމެދު ބާރުމިނުގައި ވައިޖެހި، ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ.

‏މެޓް އޮފީހުން ވަނީ ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވުމާއި ގުޅިގެން، ކުރިޔަށްއޮތް 24 ގަޑިއިރުވެސް ރާއްޖޭގެ ސަރަހައްދަށް މޫސުން ގޯސްވެ، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި، ވަޔާއި ކަނޑުގަދަވެ، ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރާނެ ކަމަށް ލަފާ ކުރެވޭތީވެ، އެންމެހާ ފަރާތްތަކުން ހާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ވަރަށް ބޮޑަށް ސަމާލު ވުމަށް އިލްތިމާސް ކޮށްފައެވެ.

‏މެޓް އޮފީހުން ބުނީ ރާޅުގެ އުސްމިން 4 ފޫޓާއި 7 ފޫޓަށް އަރާނެ ކަމަށެވެ.