އީރާނުން ކުރިއަށް ގެންދާ ނިއުކްލިއާ މަޝްރޫއުގެ މައްސަލާގައި ބައިނަލްއަގުވާމީ ބާރުތަކާއެކު އެކުލަވާލާފައިވާ އެއްބަސްވުމުން ކަނޑައަޅާފައިވާ މިންވަރުގެ 10 ގުނަ އިތުރަށް އެ ގައުމުން ޔުރޭނިއަމް ފައްކާ ކޮށްފައިވާކަމަށް، އެޓޮމިކް ހަކަތައާއި ބެހޭ ބައިނަލްއަގުވާމީ އިދާރާ (އައިއޭއީއޭ) އިން ބުނެފިއެވެ.

އައިއޭއީއޭއިން ބުނީ އީރާނުން 2105 ކިލޯގްރާމްގެ ޔުރޭނިއަމް ފައްކާކޮށްފައި ވާ ކަމަށާ، މިއީ 2015 ވަނަ އަހަރުގެ ބައިނަލްއަގުވާމީ އެއްބަސްވުމުން ކަނޑައެޅި މިންގަނޑުތަކަށްވުރެ 300 ކިލޯގްރާމް އިތުރު އަދަދެއް ކަމަށެވެ.

އީރާނުން އަދިވެސް ބުނަމުން ދަނީ، އެ ގައުމުގެ ނިއުކްލިއާ މަޝްރޫއަކީ ސުލްހަވެރި މަގުސަދުތަކަށް ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށެވެ.

އެއްބަސްވުމާ ހިލާފަށް އީރާނުން ފައްކާ ކޮށްފައިވާ ޔުރޭނިއަމް ސްޓޮކް ފެނިފައިވަނީ، އީރާނުން ނިއުކްލިއާ މަޝްރޫއު ހިންގަމުންދިޔަ ކަމަށް ތުހުމަތު ކުރެވޭ 2 ސައިޓްގެ ތެރެއިން 1 ސައިޓްއިން ކަމަށްވާއިރު، އަނެއް ސައިޓްގެ ސާމްޕަލް، މިމަހު ފަހު ކޮޅު ނެގުމަށް ހަމަޖެހިފައިވާކަމަށް އައިއޭއިއޭއިން ބުނެއެވެ.

އީރާނުގެ ނިއުކްލިއާ މަޝްރޫއުގެ މައްސަލައަށް ސުލްހަވެރި ހައްލެއް ހޯދުމަށް ޗައިނާ، ފަރަންސޭސިވިލާތް، ޖަރުމަނުވިލާތް، ރަޝިއާ، އިނގިރޭސިވިލާތް އަދި އެމެރިކާއާއިއެކު އެ ގައުމުން އެއްބަސްވުމުގައި ސޮއިކުރީ 2015 ވަނަ އަހަރުއެވެ. ނަމަވެސް އެމެރިކާގެ ވެރިކަމާ ޑޮނާލްޑް ޓްރަމްޕް ހަވާލުވެވަޑައިގެން، އީރާނަށް ޕްރެޝަރު ކުރައްވަމުން ގޮސް، ސުލްހައިގެ އެއްބަސްވުމުން އެމެރިކާ ވަކި ކުރެއްވިއެވެ. މިއާއެކު އީރާނުންވެސް ބައިނަލްއަގުވާމީ އެއްބަސްވުމާ ދެކޮޅަށް، ފާޅުގައި ވަކާލާތުކޮށް، އެއްބަސްވުމުން ވަކިވާންޖެހިދާނެ ކަމަށް ތަކުރާރުކޮށް އިންޒާރުތައް ދޭން ފެށިއެވެ.

އެމެރިކާގެ އެޑްވޮކަސީ ގުރޫޕެއް ކަމަށް އާމްސް ކޮންޓްރޯލް އެސޯސިއޭޝަނުން ބުނާ ގޮތުގައި އީރާނުން ނިއުކްލިއާ ހަތިޔާރު އުފައްދަން ބޭނުން ނަމަ، 3.67 ޕަސެންޓަށް ފައްކާ ކޮށްފައިވާ 1050 ކިލޯގްރާމްގެ ޔުރޭނިއަމް އުފައްދަންޖެހެއެވެ. އަދި އެއަށްފަހު 90 ޕަސެންތަށް މި މާއްދާ މުއްސަނދި ކުރަންޖެހެއެވެ. 3-5 ޕަސެންޓާ ދެމެދު މިންވަރަކަށް ފައްކާ ކޮށްފައި ހުންނަ ޔުރޭނިއަމްއަކީ، ހަކަތައިގެ ސިނާއަތުގެ ބޭނުމަށް އުފައްދާ ޔުރޭނިއަމްއެވެ. އަސްކަރީ ހަތިޔާރު އުފެއްދުމަށް 90 ޕަސެންޓަށް ޔުރޭނިއަމް ފައްކާ ކުރަންޖެހެއެވެ.