ހައްދު ފަހަނަ އަޅާފައިވާ، ހަތިޔާރުއެޅި، ހަނގުރާމަވެރި އައިސިސް ޖަމާއަތާ، ހާރިޖީ ބާރުތަކުން ދާހިލީ ކަންކަމުގެ ތެރެއަށް ވަނުމަކީ މިއަދު އިރާގަށް ކުރިމަތިލާންޖެހިފައިވާ އެންމެ ބޮޑެތި ގޮންޖެހުންތަކުގެ ތެރޭގައި ހިމެނޭ ކަންތައްތައް ކަމަށް، އެ ގައުމަށް މިހާރު ޒިޔާރަތް ކުރައްވަމުން ގެންދަވާ ފަރަންސޭސިވިލާތުގެ ރައީސް އިމެނުއަލް މެކަޣޯން ވިދާޅުވެއްޖެއެވެ.

މުސްތޮފާ އަލް-ޚާދިމީގެ މޭސްތިރިކަމުގެ ދަށުން އިރާގުގައި މެއި މަހު އާ ސަރުކާރު އެކުލަވާލެއްވި ފަހުން ބޭރު ގައުމެއްގެ އެންމެ އިސް ލީޑަރަކު އިރާގަށް ކުރައްވާ ފުރަތަމަ، ރަސްމީ ދަތުރުފުޅުގައި ފަރަންސޭސި ރައީސް ވިދާޅުވީ، ފަރަންސޭސިވިލާތުގެ އެއްބާރުލުން އިރާގަށް ލިބެމުންދާނެ ކަމަށެވެ.

މެކަޣޯން ވިދާޅުވީ ބޭރުގެ ފަރާތްތަކުން ދާހިލީ މަސްރަހަށް އަތްގަދަ ކުރުމަކީ، ސަރުކާރެއްގެ ހައިސިއްޔަތުން އިރާގުގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ހިޔަނި އަޅުވަނިވި ކަމަކަށް ވެދާނެ ކަމަށެވެ. އިރާގުގެ އިސްތިގުލާލު ދެމެހެއްޓުމުގެ ފިކުރު ނެގެހެއްޓުމަށް އެގައުމުގެ އޮފިޝަލުން މަސައްކަތް ކުރައްވަން ޖެހޭ ކަމަށާ، މިއީ ހަމައެކަނި އިރާގަށް މުހިންމު ކަމެއް ނޫން ކަމަށާ، މިއީ މުޅި ސަރަހައްދަށްވެސް މުހިންމު ކަމެއްގެ ގޮތުގައި ފަރަންސޭސިވިލާތުގެ ރައީސް ވަނީ ސިފަކުރައްވާފައެވެ.

އެމެރިކާ ސިފައިން އިރާގަށް އަރާ، 2003 ވަނަ އަހަރު ސައްދާމު ހުސައިންގެ ވެރިކަން ވައްޓާލި ފަހުން އެ ގައުމަށް އަދިވެސް ފުރިހަމަ ހަމަޖެހުމެއް ލިބިފައެއް ނުވެއެވެ. މި ފަހަކަށް އައިސް އީރާނާ އެމެރިކާއާއި ދެމެދު ބަދަލު ކުރަމުންދާ ވަރުގަދަ ހަމަލާތަކުގެ މެދުގައިވެސް އިރާގު ދަނީ ފިތެމުން ކަން ފާހަގަކުރަންޖެހެއެވެ.

ޚާދިމީގެ ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދަނީ، ސަރުކާރާ ދެކޮޅަށް ތެދުވި މުޒާހަރާގެ ބައިވެރިންގެ ޑިމާންޑްތަކާ އެއްގޮތަށް، އަންނަ އަހަރުގެ މެދަކާ ހިސާބުގައި އެގައުމުގައި އަވަސް އިންތިހާބެއް ބޭއްވުމަށެވެ.