ރާއްޖޭގެ އެންމެ ބޮޑު އެއާޕޯޓް، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް، ފަޅަށް ހުރި ހަތަރު މަސްދުވަހުގެ ހަނދާންތައް އަދި ނުފޮހެވެއެވެ. އެއީ ރާއްޖޭގެ ޓޫރިޒަމްގެ 48 އަހަރުގެ ތާރީހުގައި އެ އެއާޕޯޓަށް ޓޫރިސްޓުން ނައިސް މާޒީވީ ހަމައެކަނި ދުވަސްތަކެވެ. ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ މައި ބަނދަރުގެ އެ ފަޅުކަން ދިވެހިންނަށް ގެނެސްދިނީ ކޮން ތަޖުރިބާއެއް ހެއްޔެވެ؟ އާނއެކެވެ. ފަގީރުކަމެވެ. މިއީ މިދިޔަ 2019 ވަނަ އަހަރުގެ ޑިސެމްބަރު 31 އާ ޖެހެންދެން އަޅުގަނޑުމެން ދުށް ތަނަވަސް ރާއްޖެއެއް ނޫނެވެ. މިއީ އޭރުގެ ނިސްބަތުން މިހާރު ފަގީރު ގައުމެކެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމުގައި ރާއްޖޭގެ އިގުތިސާދު ފުނޑުކޮށްލީ، ދުނިޔެއަށް މަޝްހޫރު އަދި ރީތި ރިސޯޓްތައް ބަންދުކޮށްގެންނެވެ. އެއީ، އެއްގޮތަކުން، އަހަންނާއި ތިބާ އާއި އޭނާގެ ދިރިއުޅުން ވެސް ބަންދުވުމެވެ. ރާއްޖޭގެ ހިތްގައިމު މާހައުލުން އުފާ ހޯދަން ޓޫރިސްޓުން ނާންނަހާ ހިނދަކު، ދިވެހިންނަށް އޮތީ ދަތި ދުވަސްތަކެކެވެ. ދިވެހި އިގުތިސާދަށް އޮތީ ބަނަކަމެވެ.
ކޮވިޑާ ގުޅިގެން ރާއްޖޭގެ ބޯޑަރުތައް ބަންދުކުރީ، ތިން މަހެއްހާ ދުވަހުގެ ތެރޭގައި ބަލިން އަރައިގަނެ، އުފާވެރި ފެށުމަކަށް އުއްމީދު ކުރަމުންނެވެ. އެ ބަލި މާލެ ސަރަހައްދުން ފެނުމާ އެކު ލޮކްޑައުންއަށް ގޮސް، ހޭދަކުރި ދެ މަސްދުވަހު، އެންމެންގެ ގުރުބާނީގެ ތެރެއިން ނަތީޖާ ހޯދިއެވެ. ބަލި ކޮންޓްރޯލް ކުރިއެވެ. ނަމަވެސް ލޮކްޑައުން ދޫކޮށް، އާންމުންނަށް ގެއިން ބޭރަށް ނުކުންނަން ލިބުނު ފުރުސަތާ އެކު، މިހާރު މި އޮތީ ކުރިއަށް ވުރެ ވެސް ބޮޑު ނުރައްކަލެއްގެ ތެރޭގައެވެ.
ގިނަ މީހުންގެ ސަބަބަކުންނެއް ނޫނެވެ. މަދު ބައެއްގެ އަޅާލުން ކުޑަކަމުންނެވެ. މަދު ބައެއްގެ ބޯހަރުކަމުންނެވެ. އެކަމަކު އެމީހުންގެ އެ އުސޫލުތަކުން ގައުމުގެ ތަނަވަސްކަމަށް މިދަނީ ހުރަސް އެޅެމުންނެވެ. ބަލި ކޮންޓްރޯލް ނުވެ، ސިއްހީ ނިޒާމް ފުނޑެމުންނެވެ.
އަހަރެންނާއި ތިބާ އާއި އޭނާ ވެސް، ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ފަރުވާކުޑަކުރަނީއެވެ. ބޭރުގައި ބޭކާރު ވަގުތު ހޭދަކޮށް، ކެއުންތަކާއި ކޮފީތަކާއި ބައްދަލުވުން ތަކުގައެވެ. ކޮވިޑަށް ޕޮޒިޓިވް ވެފައި ވާކަން ނޭނގި، އެއް ބަޔަކު އަނެއް ބަޔެއްގެ ގަޔަށް އަރުވަމުން، އެ ވައިރަސް އުފުލައިދޭ މީހުން ގިނަކުރަމުގައެވެ. ތިމާއަށް ހުއްޓުވެން އޮތް ބައްޔެއް، ތިމާގެ ވެސް ފަރުވާކުޑަކަމުން، މައިތިރި ނުވެ އޭގެ ތެރޭގައި ގައުމު ވެސް ފުނޑާލުމުގައެވެ. އުމުރުން ދުވަސްވީ މީހުންނާއި އެހެން ބަލިތަކުގެ މީހުންގެ ފުރާނަ ނުރައްކަލަށް ވައްޓާލުމުގައެވެ.
މިއީ ތަފާތު ގައުމެކެވެ. ދުނިޔޭގެ އެހެން ގައުމުތަކުން މިސާލު ނަގައިގެން މި ދިވެހިރާއްޖެއަށް ސަލާމަތެއް ނެތެވެ. ލޯ ހުޅުވާލަމާ ހިނގާށެވެ. މުއްސަނދި ސައުތު ކޮރެޔާގެ އާންމުން ވެސް ފަރުވާކުޑަކޮށްލިއެވެ. ކޮރޯނާވައިރަސްއާ ދެކޮޅު ފިޔަވަޅުތައް ހަނދާން ނައްތާލިއެވެ. ފައްޅިތަކުގައި ބޮޑެތި ޖަމާއަތްތައް ހެދިއެވެ. ބޭރުގައި ކެއުންތަކާއި ޕާޓީތައް ބޭއްވި އެވެ. އެކަމަކު މިއަދު، އެ ބުނާ "ދެ ވަނަ ރާޅު" ގައި، ވެރިރަށުގެ ސިއްހީ އެހީތެރިން ރޮއިގެންފިއެވެ. އިމަޖެންސީ އެނދުތައް ހުސްވެ، ހާސްކަން އޭގެ ނިހާޔަތަށް ހިނގައްޖެއެވެ.
ތަރައްގީވެފައިވާ ސްޕެއިން ނަގަމާ ހިނގާށެވެ. ފުރަތަމަ ރާޅުގައި ކުރި ހިތްދަތި ތަޖުރިބާއިން ސަލާމަތް ވެ، އާންމު ހާލަތަކަށް ދިއައީ ކަމަށް ނިންމުނެވެ. އެކަމަކު ކޮރޯނާވައިރަސްގެ ބާރު ސްޕީޑް ހުއްޓުވުމުގެ ފިޔަވަޅުތަކާ ބައެއް މީހުން ދުރުވެގަތެވެ. މިއަދު ސިއްހީ ނިޒާމަށް އޮބިނޯވެ، ހޮސްޕިޓަލްތައް ފުރި، އިމަޖެންސީ ފަރުވާ ގަޑުބަޑުވެއްޖެއެވެ. ވަސީލަތްތައް އިތުރު ނުކޮށް، ސަލާމަތެއް ނެތް ކަމަށް ބުނެ، ސިއްހީ އެހީތެރިން، ސަރުކާރަށް އެ ގެންދަނީ އާދޭސް ކުރަމުންނެވެ.
މިއިން ކޮންމެ ގައުމެއްގެ އިގުތިސާދު ވެސް ބިނާފައި އޮތީ، ދިވެހި ރާއްޖެ ގޮތަށް، ޓޫރިޒަމްގެ މައްޗަކަށް ނޫނެވެ. ސައުތު ކޮރެޔާގައި ޓޫރިޒަމްގެ ހިއްސާއަކީ ޖީޑީޕީގެ އެންމެ ފަސް ޕަސެންޓެވެ. ސްޕެއިންގެ ޖީޑީޕީގައި ޓޫރިޒަމްގެ ދައުރަކީ 11 ޕަސެންޓެވެ.
ރާއްޖެ އެހެން ހެއްޔެވެ؟ ރާއްޖޭގެ އިގުތިސޯދުގައި ސީދާ ގޮތުންނާއި ނުސީދާ ގޮތުން ޓޫރިޒަމްގެ ހިއްސާ އުޅެނީ 75 ޕަސެންޓް ވުރެ މަތީގައެވެ. މައިގަނޑު ގޮތެއްގައި ބޭރު ފައިސާ ވައްދަނީ ޓޫރިޒަމުންނެވެ. އެކަމަކު މިއަދު، ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ނުވުމުން، ޓޫރިޒަމް އިންޑަސްޓްރީގެ އުއްމީދުތައް އެދަނީ ފެނަން ވަމުންނެވެ. ތިން މަސް ފަހުން ހުޅުވޭނެ ކަމަށް ބެލި ގިނަ ރިސޯޓްތައް އަދިވެސް ނުހުޅުވެއެވެ. ބައެއް ރިސޯޓްތަކުން ބުނަނީ ނޮވެމްބަރުގެ ކުރިން ވިޔަފާރި ނުފެށޭނެ ކަމަށެވެ.
ނޮވެމްބަރާއި ޑިސެމްބަރަށް ވެސް، ޓޫރިޒަމް އިންޑަސްޓްރީ ކުރަނީ އުއްމީދެވެ. އެކަމަކު މާޗު މަހު ކުރި އުއްމީދު ވެސް ފެނަންވެ، އިގުތިސާދު ވެއްޓެމުން ދާ ވަޅުގަނޑު ހައްތަހާ ފުންވަނީއެވެ.
އާނއެކެވެ. އެންމެ ހަ މަސްދުވަހުގެ ތެރޭގައި ސަރުކާރު ފަގީރު ވެއްޖެއެވެ. މުއްސަނދި މީހާގެ ޖީބު ހުސްވާން ފަށައިފި އެވެ. ގިނަ މުސާރަވެރިންގެ އާމްދަނީ ހުއްޓިއްޖެއެވެ. ދިިރިއުޅުން އެފުށް މިފުށަށް ޖެހިއްޖެއެވެ.
ވިސްނާށެވެ. ކޮވިޑް-19 ހިފާފައި މި އޮތީ މުޅި ގައުމުގައެވެ. އަހަރެމެން އެންމެންގެ ދިރިއުޅުމުގަ އެވެ. އެކަމަކު ބައެއް މީހުންނަށް، ހާއްސަކޮށް ޒުވާނުންނަށް، އަދިވެސް ގަބޫލު ނުކުރެވިގެން މި އުޅެނީ، މި ހިތްދަތި ހަގީގަތެވެ. ތިމާއަށް ކޮވިޑް ޖެހުނަސް، ނުރައްކަލެއް ނެތް ކަމަށް ހީކޮށް، އެހެން މީހުންގެ މަތިން ހަނދާން ނައްތާލައިފިއެވެ. މަޖާކޮށްލަން، ގްރޫޕް ހަދާފައި ނުކުމެ، ވައިރަހުގެ ތެރޭގައި ވަގުތު ހޭދަކުރަނީ ގައުމުގެ އިގުތިސާދު އޮތީ މަރު އެނދުގައިކަން ހަނދާން ނައްތާލައިފައެވެ.
މި ފަރުވާކުޑަކަމުގައި ފާއިތުވާ ކޮންމެ ދުވަހެއް އަހަރެމެން އެ ކައިރި ކޮށްދެނީ އަނދިރި ކަމަކަށެވެ. އަތްމަތި ދަތި ދުވަސްތަކަކަށެވެ. ފަގީރު ކުރިމަގަކަށެވެ.
މިހާ ވަރުން ވެސް އަހަރެމެންނަށް ނުވިސްނިގެން މި އުޅެނީ ކޮން ކަމެއް ހެއްޔެވެ؟ ކޮވިޑް-19 ފެތުރޭ ބާރު މިން ނޭނގެނީ ހެއްޔެވެ؟ ސިއްހީ އެހީތެރިންނާއި ފްރޮންޓްލައިންގެ މަސައްކަތްތެރިންގެ ގުރުބާނީ އިހުސާސްނުވޭ ހެއްޔެވެ؟ ސިއްހީ ނިޒާމް ފުނޑެމުން ދާ ވާހަކަ އަޑެއް ނާހަން ހެއްޔެވެ؟ އެއަރޕޯޓަށް އަދިވެސް ދިރުން ނާންނަކަން ނުފެނޭ ހެއްޔެވެ؟ ރިސޯޓްގައި ބަންދުވެގެން ތިބެ، ޓޫރިސްޓުންނަށް ޚިދުމަތް ފޯރުކޮށްދީ، ގައުމުގެ އިގުތިސާދު ދިރުވޭތޯ ނުކުމެ އެތިބި އަހަރެމެންގެ އަހުންނާއި އުހުތުން ނުދެކެން ހެއްޔެވެ؟ ސޯޝަލް މީޑިއާގެ އަހުލުވެރި ބަޔަކަށް ވިޔަސް، އެ މައުލޫމާތު ނުހޯދައި، އަދިވެސް މުނިފޫހިފިލުވަނީ ހެއްޔެވެ؟
އަހަންނާއި ތިބާ އާއި އޭނާ ވެސް ވިސްނާށެވެ. ހަގީގަތުގައި މިއަދު ގައުމުގައި އުފާވެރިކަމެއް ނެތެވެ. ކިތައްމެ ނޫން ކަމަށް ހެދިގެން އުޅުނަސް، މަޖާގަނޑުން ނުކުމެ ސިކުނޑި ހަމަޖެހިލާ އިރު ފެންނަނީ ކޮވިޑް-19ގެ ހިސާބުތަކެވެ. އިވެނީ ކޮންޓްރޯލް ނުވާ ވާހަކަ އެވެ. ހޮސްޕިޓަލް އެނދުތައް ފުރޭ ހަބަރުތަކެވެ. ކޮންމެވެސް ފުރާނައެއް ގެއްލިއްޖެކަމުގެ އިއުލާނެވެ.
އޮތީ ދެ ގޮތެކެވެ. ކޮވިޑް-19ގައި ހަލާކުވެ ދިއުމެވެ. ނުވަތަ "ކޮވިޑް ހުއްޓުވަން އަހަރެން" ނުކުތުމެވެ. އާނއެކެވެ. އެ ބާރު އޮތީ "އަހަރެންގެ އަތުގަ" އެވެ. ހަމަ މިވަގުތު އަޒުމް ކަނޑައަޅާށެވެ.
މި ހިތްދަތިކަން ނިމުމަކަށް ގެންނާނީ އަހަންނެވެ.