މާލޭގައި ކޮވިޑުގެ ކޮމިއުނިޓީ ސްޕްރެޑެއް ފެށުމާ އެކު އަހަރެމެން އެންމެން ދެ މަހެއްހާ ދުވަހު ފުރަބަންދުގައި ތިބެން ޖެހުނެވެ. އެ ފުރަބަންދުން ވީއްލުމާ އެކު އަހަރެމެންނަށް ހީވީ، މިކަމުން ދެން މި އަރައިގަނެވުނީހެންނެވެ. ސަރުކާރުން ވަރަށް ބޮޑު ލުއިތަކެއް ދިން ވެސް މެއެވެ. ޕޮޒިޓިވް ކޭސްތަކުގެ އަދަދު މަދުވާން ހަމަ ފެށުމާ އެކު އަހަރެމެންނަށް މާބޮޑު ބެލުމެއް ނެތި އުޅެވެން ފެށުނެވެ.

އެ ދުވަސްވަރު ރާއްޖޭގެ ކުޅަދާނަ ޑޮކްޓަރަކު ވަރަށް މައުނަވީ ޓްވީޓެއް ކުރެއްވިއެވެ. އެ ޑޮކްޓަރުގެ ބަހުން ނަމަ، ފެންނަނީ ފުޓްބޯޅަ މެޗެއްގައި ކުޅުންތެރިޔާ ފޮނުވާލާ ޕެނަލްޓީ ޝޮޓެއް ގޯލް ދަނޑީގައި ޖެހިފައި ނުކުތުމުން ގޯލްކީޕަރު އުފާފާޅުކުރަން ފެށި މަންޒަރެވެ. އޭނާ އެ ފޯރީގައި ހުއްޓާ އެ ބޯޅަ ފެނުޖެހިފައި ގޮސް ގޯލަށް ވަނީ އެވެ. ކީޕަރު އެ ވަގުތު އުފާފާޅުނުކޮށް ބޯޅަ އެއްކޮށް މަތަވަންދެން މަޑުކުރި ނަމަ ބޯޅަ ގޯލަށް ނުވަދެ ސަލާމަތްކުރެވުނީހެވެ.

އެ ޑޮކްޓަރު އަހަރެމެންގެ ސަމާލުކަމަށް އެ ގެނެސްދެއްވީ މުހިއްމު މެސެޖެކެވެ. ފުރަބަންދު އުވާލިޔަކަސް އަދި މިކަން ނިމުނީ ނޫން ކަމެވެ. ޕޮޒިޓިވް ކޭސްތަކުގެ އަދަދު ދަށަށް ދިޔައަސް އަދި އުފާފާޅުކުރަން ނުޖެހޭ ކަމެވެ. ހަގީގަތުގައި ކުރިން ޕޮޒިޓިވް ކޭސްތަކުގެ އަދަދު މަދުވި ދުވަސްވަރު އަހަރެމެންނަށް އިތުރަށް ސަމާލުކަން ދެވުނު ނަމަ، ފަހަރުގައި މިކަމުން އަހަރެމެންނަށް މިހާރު އޮތީހީ ވަރަށް ބޮޑަށް އަރައިގަނެވިފައެވެ.

އަހަރެމެންނަށް އޭރު އަމަލުތައް ބެހެއްޓުނީ މުޅިން އެހެން ގޮތަކަށެވެ. ނަތީޖާއަކަށްވީ، ސަމާލުނުވެވި ތިއްބާ، ކޮވިޑުގެ ނަމްބަރުތައް އަނެއްކާވެސް މައްޗަށް ދާން ފެށުމެވެ. އަނެއްކާވެސް ބޮޑު ޕީކެއް އައިސް އެންމެން ހާސްކޮށްލި ތަނެވެ.

ސަރުކާރަށް ވެސް ދެން ޖެހުނީ އިތުރު ފިޔަވަޅުތަކެއް އަޅާށެވެ. ރޭގަނޑު 10 އިން ފެށިގެން ފަތިހު ފަހެއް ޖަހަންދެން ބޭރުގައި އުޅުން މަނާކުރިއެވެ. އަދި ރޭގަނޑު އަށަކުން ފެށިގެން ފަތިހު ފަހެއް ޖަހަންދެން ދުއްވާއެއްޗެހި ދުއްވުން މަނާކުރިއެވެ. އޭގެ ސަބަބުން އާއްމު ދިރިއުޅުމަށް ވަރަށް ބޮޑަށް އަސަކުރި އެވެ. ގެސްޓްހައުސްތައް ހުޅުވުން ފަސްވެ އަދި ކެފޭ، ރެސްޓޯރަންޓްތަކާއި ފިހާރަތަކުގެ ވިޔަފާރި ދަށްވެ، މަޑުމަޑުން ރަނގަޅުވާ އަތަށް އަޅާފައި އޮތް ގައުމުގެ އިގްތިސާދު އަނެއްކާވެސް ވެންޓިލޭޓަރަށް ލާން ޖެހުނެވެ. އެތައް ބަޔެއްގެ އާމްދަނީ ހުއްޓުނުނީ އެވެ. ސްކޫލްތައް އަލުން ބަންދުކޮށް، ދަރިވަރުންގެ ކިޔެވުމަށް ބުރޫއެރީއެވެ.

ހައްތަހާ ވެސް އަހަރެމެންނަށް ސަމާލުކަން ނުދެވުމުގެ ނަތީޖާ އެވެ!

ފިޔަވަޅުތަކާ އެކު އަނެއްކާވެސް މަޑުމަޑުން މިދަނީ އާ އާއްމު ހާލަތަކާ ދިމާލަށެވެ. ކޮވިޑުގެ ނަމްބަރުތައް ތިރިވެއްޖެއެވެ. އެގޮތުން، ކޮވިޑް-19 ކޮންޓްރޯލްކުރުމުގެ ފިޔަވަޅުތައް އެޅުމުގައި އެޗްޕީއޭ އިން މިންގަނޑެއްގެ ގޮތުގައި ބަލަން ކަނޑައަޅާފައިވާ "ޕްރިއޮރިޓީ އީޒް ޕްލޭން އިންޑިކޭޓާ ސްކޯ" ހަތަރަކަށް ވަނީ ދަށްވެފައެވެ. މި ސްކޯ އަކީ ކޮވިޑް ކޮންޓްރޯލް ކުރުމުގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމާ ގުޅޭ ގޮތުން އެޗްޕީއޭ އިން ކަނޑައަޅާފައިވާ ޕްލޭނާ އެއްގޮތަށް ކުރިއަށް ދެވިދާނެކަން އަންގައިދޭ މިންވަރެވެ.

މިދިޔަ އޮގަސްޓް މަހުގެ 12 އިން 18 އާ ދެމެދު މި ސްކޯ ނުވައަކަށް އެރިއެވެ. އެއަށް ވުރެ އެންމެ ނަންބަރެއް މައްޗަށް ޖެހުނަސް، އެއީ ބަލި ކޮންޓްރޯލްކުރުމުގެ އެންމެ ހަރުކަށި ފިޔަވަޅުތައް އަޅަންޖެހޭ ހިސާބު ކަމަށް އެޗްޕީއޭ އިން އޮންނަނީ ކަނޑައަޅާފައެވެ. ލުއިތަކާ އެކު ކުރިއަށްދެވޭ ހިސާބަށް ނުވަތަ "މޫވް އޭޒް އިން އީޒް ޕްލޭން" މިންގަނޑަށް އިންޑިކޭޓާ ސްކޯ ދަށްވެފައި މި ވަނީ، ރާއްޖޭގައި ކޮވިޑް ފެތުރެން ފެށިތާ 15 ވަނަ ހަފުތާ އިން ފެށިގެން (ޖުލައި 22 އިން ފެށިގެން) "ރެސްޓްރިކްޓިވް މެޝާސް" ގެ މިންގަނޑުގެ ތެރޭގައި ހުރުމަށް ފަހުގައެވެ.

މި ފެހި ސިގްނަލާ އެކު، ސަރުކާރުން ވަނީ އަނެއްކާވެސް ވަރަށް ބޮޑު ލުޔެއް ދީފައެވެ. ރޭގަނޑު އަށެއްގެ ފަހުން އެއްގަމު އުޅަނދު ދުއްވުން މަނާކުކުރި ކުރިން މިހާރު ވަނީ އަނބުރާ ގެންގޮސްފައެވެ. އެހެންވެ، މިހާރު އެއްޗެހި ދުއްވުން މަނާވާނީ ހަމައެކަނި ރޭގަނޑު 10 އިން ފަތިހު ފަހަކަށެވެ. މާނައަކީ، އަނެއްކާވެސް އިގްތިސާދީ ހަރަކާތްތައް ފުޅާވުމެވެ.

އެކަމަކު، މި ދަނޑިވަޅުގައި އަހަރެމެން ކުރިމަތިލާންޖެހޭ ވަރަށް ބޮޑު ހަގީގަތެއް އެބައޮތެވެ. މިއީ އެންމެ ސަމާލުވާންވީ ވަގުތު ކަމަށް ވުމެވެ. މި ފަހަރު ވެސް ނަމްބަރުތައް ތިރިވާން ފަށާތަނުން، އަދި ލުއިތައް ދޭން ފެށުމާ އެކު އަހަރެމެންނަށް ސަމާލުނުވެވިއްޖެ ނަމަ ތިން ވަނަ ރާޅެއް ބިންދާލުން ވަރަށް ކައިރިއެވެ. އޭރުން މި ހުރިހާ ދުވަހުވީ ގުރުބާނީ ފެނަށް ވެގެން ހިނގައިދާނެ އެވެ. ދެން އިތުރު ރާޅެއް ބިންދާލައިފި ނަމަ، އެތައް ވިޔަފާރިތަކަކާއި އެތައް ބައެއްގެ ދިރިއުޅުން ގެނބިގެން ދިއުން ގާތެވެ!

މި ވަގުތު އަހަރެމެން އިތުރަށް ސަމާލުވާންވީ މުހިއްމު ދެތިން ސަބަބެއް އެބައޮތެވެ. ފުރަތަމަ ކަމަކީ، ގެސްޓްހައުސްތަކުގެ ވިޔަފާރި މާލެ ސަރަހައްދުގައި ފެށުމަށް ފުރުސަތު ދެވެން އޮތީ ޕޮޒިޓިވް ކޭސްތަކުގެ އަދަދު ފަސް ޕަސެންޓުގައި ދެ ހަފުތާ ހިފެހެއްޓިގެން ކަމަށްވުމެވެ. ރާއްޖޭގެ އިގްތިސާދީ ހަރަކާތްތަކުގެ ތެރެއިން މިވަގުތު ނުފެށި އޮތް އެންމެ ބޮޑު ހަރަކާތަކީ ގެސްޓްހައުސް އޮޕަރޭޝަނެވެ. ގެސްޓްހައުސްތައް ނުހުޅުވި ލަސްވާ ލަސްވުމަކީ ރާއްޖޭގެ މެދުފަންތީގެ އެތައް ވިޔަފާރިވެރިންނަކަށް އޭގެ ނުރަނގަޅު އަސަރުކޮށް، ސީދާ ގޮތުން އާއްމުންނަށް ލިބޭނެ ގެއްލުމެވެ. އެހެންވެ ގެސްޓްހައުސްތަކަށް ފަހި ފުރުސަތެއް ދިނުމަށް މި ވަގުތު އަހަރެމެން ސަމާލުވާން ޖެހެއެވެ.

ހަމަ އެ ގޮތަށް، ސްކޫލްތަކަށް ފުރުސަތު ދެވެން އޮތީ ވެސް ހާލަތު ރަނގަޅުވެގެންނެވެ. ސްކޫލްތައް މެދުކެނޑުމުގެ ސަބަބުން މާލޭ ސަރަހައްދުގެ ދަރިވަރުންގެ ކިޔެވުން އެތައް މަހެއް މިވަނީ ފަހަތަށް ގޮސްފައެވެ. އިތުރަށް ފަސްވެއްޖެ ނަމަ، އިއާދަނުކުރެވޭނެ ފަދަ ގެއްލުމެއް ވެދާނެ އެވެ. އޯ ލެވެލް އާއި އޭ ލެވެލް އިމްތިހާނަށް އަސަރުކޮށް، ދަރިވަރުންގެ މުސްތަގުބަލަށް ނޭދެވޭ ގޮތްތަކެއް ވެދާނެއެވެ. އެހެންވެ، ސްކޫލްތައް އަލުން ހުޅުވާފައި އޮތް އޮތުން އެގޮތުގައި ކުރިއަށް ގެންދެވެން އޮތީ ވެސް ހަމަ އަހަރެމެން އިތުރަށް ސަމާލުވެގެންނެވެ.

ރާއްޖޭގެ ޓޫރިޒަމްގެ ހާލަތު މަޑުމަޑުން އަންނަނީ ރަނގަޅުވަމުންނެވެ. ޑިސެމްބަރު މަހު އަންނަ ޓޫރިސްޓް ސީޒަން ފެށެންވާއިރަށް ކޮވިޑުގެ ހާލަތު ވަރަށް ބޮޑަށް ރަނގަޅުވެއްޖެ ނަމަ، ރާއްޖޭގެ އިގްތިސާދަށް ހެޔޮ ބަދަލުތަކެއް އަންނާނެކަން ޔަގީނެވެ. އެކަމަކު، އެކަން ގުޅިފައިވަނީ، ރާއްޖޭގެ އެތެރޭގެ ހާލަތާއެވެ. މާނައަކީ ރާއްޖޭގެ ޕޮޒިޓިވް ކޭސްތަކުގެ އަދަދު އިތުރުވާ ނަމަ، ޓޫރިސްޓުން މިތަނަށް އަންނަން ފަސްޖެހޭނެ ކަމެވެ. އެހެންވެ، މި ވަގުތު ސަމާލުނުވެވި ހާލަތު ގޯސްވެއްޖެ ނަމަ، ޑިސެމްބަރު މަހު ސީޒަނާ ކުރިމަތިލާއިރު ރާއްޖޭގެ ޓޫރިޒަމް ހަމަ އިސްކޮޅަށް ތެދުވަން ފުރުސަތު ނުލިބޭނެ އެވެ. މި ވަގުތު ސަމާލުވާން ޖެހޭ ތިން ވަނަ ސަބަބަކީ އެއީއެވެ.

ހެލްތު މިނިސްޓްރީ ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެފައިވާ ގޮތުގައި، ކޮވިޑް-19 ގެ އިތުރު ރާޅެއް ނައިސްފި ނަމަ، އެ ބަލި ކޮންޓްރޯލްވާނެ ކަމަށް ބެލެވެނީ އަދި ދޮޅުމަސް ފަހުންނެވެ. އެއީ އޭގެ ޒާތުގައި އުފާވެރި ހަބަރެކެވެ. މިނިސްޓަރު އެ ދެއްވީ، އަހަރެމެން މި ވަގުތު ސަމާލުވެއްޖެ ނަމަ، އަދި ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި ބަލި ކޮންޓްރޯލްވެ، އާއްމު ހާލަތަކަށް ދެވިދާނެ ކަމުގެ ފެހި ސިގްނަލެވެ.

ރާއްޖޭގެ ހާލަތު ހަގީގަތުގައި ވެސް މި ވަގުތު ރަނގަޅެވެ. އޭގެ ހެއްކެއްގެ ގޮތުން، ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗުއީއޯސީ) އިން މި މަހުގެ ފަސް ވަނަ ދުވަހު އާއްމުކުރި މައުލޫމާތުތަކަށް ބަލާއިރު ކޮވިޑް މެނޭޖްމެންޓް ފެސިލިޓީތަކުގެ އައިސީޔޫތައް ހުސްކޮށް ހުންނަތާ ހަތަރު ދުވަސް ވަނީ ވެފަ އެވެ.

އެޗުއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ކޮވިޑް ބަލީގެ މީހުންނަށް ހާއްސަކޮށްފައިވާ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާގައި އެއްވެސް މީހަކު މިހާރު އެޑްމިޓުކޮށްފައި ނެތް ކަމަށާއި އެ ހޮސްޕިޓަލްގެ 16 ވަނަ ފަންގިފިލާގެ ވޯޑުގައި ވެސް އޮތީ އެކަކު ކަމަށެވެ. ހުޅުމާލޭގައި ހުންނަ ކޮވިޑް މެނޭޖްމެންޓް ފެސިލިޓީގައި 58 މީހަކު ތިބިއިރު އެ އެންމެން ވެސް ތިބީ ވޯޑުގައެވެ. ގއ. ވިލިނގިލީގައި ހުންނަ ފެސިލިޓީގައި ތިބީ ހަ މީހެކެވެ. އެ އެންމެން ވެސް ތިބީ ވޯޑުގަ އެވެ. އެހެންވެ، މިވަގުތު އެޑްމިޓު ކޮށްފައިވާ މީހުންގެ ޖުމްލައަކީ 65އެވެ.

މިވަގުތު އިރާދަކުރެއްވިއްޔާ އައިސީޔޫގައި އެއްވެސް މީހަކަށް ފަރުވާދެވެމުންނެއް ނުދޭ. އޭގެ މާނަ އަކީ ވެންޓިލޭޓަރުގައި ވެސް މިވަގުތު އެއްވެސް މީހަކު ނެތޭ. ވޭތުވެދިޔަ ހަތަރު ދުވަހު، އަޅުގަނޑުމެން ހަމަ ފާހަގަކޮށްލަން އައިސީޔޫގައި އިރާދަކުރެއްވިއްޔާ އެއްވެސް މީހަކަށް ފަރުވާދޭން ޖެހިފައެއް ނެތް. އަދި ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދޭން ޖެހޭ މީހުންގެ އަދަދު ވެސް މިވަނީ ކޮންމެވެސް މިންވަރަކަށް ދަށް ވެފައި
ޑރ. ނަޒްލާ ރަފީގ

ރާއްޖޭގައި ކޮންމެ ދުވަހަކު ކޮވިޑަށް އަލަށް ޕޮޒިޓިވްވާ މީހުންގެ އަދަދުވެސް 100 އިން ދަށުގައި ހުންނަތާ މިހާރު ދުވަސްކޮޅެއް ވެއްޖެއެވެ.

އެކަމަކު މިނިސްޓަރު އަސްލަމް ފާހަގަކުރެއްވިގޮތުގައި، ކޮވިޑުގެ ކޭސްތައް މިހާރު އިތުރުވަމުން ނުދިޔަ ކަމަށް ވިޔަސް 40 އާ ހަމައަށް ދަށަށް ދާން އަދި ދޮޅުމަސްދުވަސް ހޭދަވާނެ އެވެ. އެ އަދަދަކީ، އޭނާ ވިދާޅުވި ގޮތުގައި، ބަލި ކޮންޓްރޯލްކުރުމުގައި ބެންޗުމާކެއްގެ ގޮތުގައި ބަލާ އަދަދެވެ.

އަދި ގާތްގަނޑަކަށް އަޅުގަނޑު ގަބޫލުކުރަނީ މިހާރުދާ ރޭޓުގައި، ކޭސަސް އިންކްރީޒް ނުވިކަމުގައި ވިޔަސް، މިދެންނެވި ބެންޗުމާކާ ހަމައަށް، 40 އާ ހަމައަށް ތިރިވާން ދޮޅުމަހެއްހާ ދުވަސް ނަގާނެ ކަމަށް، އިތުރު ވޭވެއް ނައިސްފި ކަމަށް ވަންޏާ
މުހައްމަދު އަސްލަމް

ދިވެހި ހަރުބަހެއްގައި ބުނެއެވެ. ނެރެއްހާތަން ދީފިއްޔާ، ކެނބެއްހާތަން ދަމައިގަންނާނެ އެވެ. ތެދެކެވެ. ކުޑަކުޑަކޮށް ފަރުވާ ކުޑަކޮށްލެވުނަސް ވަރަށް ބޮޑު ތަނެއް އަތުން ދާނެއެވެ. އެހެންވެއްޖެ ނަމަ އެ ބޭކާރުކުރެވެނީ މިދިޔަ ދޮޅުމަހެއްހާ ދުވަހުވީ ގުރުބާނީ އެވެ. އަލުން އަނެއްކާވެސް އުނދަގޫ ހާލަތަކަށް ދާނެ އެވެ. އެހެންކަމުން، އަދަދުތައް ދަށަށްދާ މި ވަގުތަކީ އެންމެ ސަމާލުވާންވީ ވަގުތެވެ.