ރާއްޖޭގެ މީޑިއާތައް ގުޅިގެން ހިންގި "ކޮވިޑް ހުއްޓުވާނީ އަހަރެން" ގައުމީ ކެމްޕޭނުގެ ދަށުން ހިންގި "ރައްޔިތުންގެ ކެމްޕެއިން" ގެ ނަމުގައި އާންމުންނަށް ބައިވެރިވެވޭ ގޮތަށް، ހުޅުވާލި ވީޑިއޯ އަދި ފޮޓޯ މުބާރާތުގެ ވަނަވަނައަށް ހޮވުނު ފަރާތްތަކަށް އިނާމު ދީފިއެވެ.

"ކޮވިޑް ހުއްޓުވާނީ އަހަރެން" ކެމްޕޭނާ ގުޅޭގޮތުން އާންމު ހޭލުންތެރިކަން އިތުރުވާނެ ހިޔާލެއް، މެސެޖެއް ދެވޭ ވީޑިއޯއާއި ފޮޓޯ ހުށަހެޅުމަށް ހުޅުވާލި މުބާރާތަށް 22 ފޮޓޯއާއި 22 ވީޑިއޯ ލިބިފައި ވެއެވެ. މި މުބާރާތުގައި ބައިވެރި ކުރި ފޮޓޯއާއި ވީޑިއޯއަށް ޖުމްލަ 449،960 ވިއުސް ލިބުނެވެ.

"ކޮވިޑް ހުއްޓުވާނީ އަހަރެން"ގެ ވީޑިއޯ އަދި ފޮޓޯ މުބާރާތުގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގެ ތެރެއިން

އަގުހުރި ފައިސާގެ އިނާމު ހުށަހެޅި މި މުބާރާތުގެ ވީޑިއޯގެ ބައިން ވަނަވަނަ އަށް ހޮވުނު ފަރާތްތައް:

  1. ސައުގާން ޝަރީފް
  2. ޑރ. ފާތިމަތު މުފްލިހާ
  3. އައިޝަތު ޝިމާ އަލީ

މި މުބާރާތުގެ ފޮޓޯގެ ބައިން ވަނަވަނަ އަށް ހޮވުނު ފަރާތްތައް:

  1. އައިމިނަތު އަބްދުﷲ
  2. ނޫހު ބިން މުހައްމަދު އަމީން
  3. އަޝްހަމް އަލީ ރަޝީދު

މުބާރާތުގެ 1 ވަނަ ވީޑިއޯ އަށް 15،000 ރުފިޔާ ދީފައިވާއިރު، 2 ވަނަ ވީޑިއޯ އަށް 10،000 ރުފިޔާ ވަނީ ދީފައެވެ. އަދި 3 ވަނަ ވީޑިއޯ އަށް 7،000 ރުފިޔާ ވަނީ ދީފައެވެ.

މި މުބާރާތުގެ 1 ވަނަ ފޮޓޯ އަށް 10،000 ރުފިޔާ ދީފައި ވާއިރު، 2 ވަނަ ފޮޓޯއަށް 5،000 ރުފިޔާ އަދި 3 ވަނަ ފޮޓޯ އަށް 3،000 ރުފިޔާ ވަނީ ދީފައެވެ.

މުބާރާތުގެ ވަނަވަނައަށް ހޮވުނު ފަރާތްތަކަށް އިނާމު ދެއްވީ ރޭ މިކަމަށްޓަކައި ޓީވީއެމްގައި ބޭއްވި ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒެވެ.