ދުނިޔޭގެ ހުރިހާ ކަންކޮޅުތަކަކުން މިނިވަންކަން ފޮހެލުމަށް ޗައިނާއިން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް، އެމެރިކާގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕޭއޯ ތުހުމަތު ކުރައްވައިފިއެވެ.

ޗައިނާގެ ޒަމާންވީ އަދުއްވުގެ ގޮތުގައި އޮތް ދުނިޔޭގެ ސުޕާޕަވާ، އެމެރިކާގެ ހާރިޖީ ވަޒީރު، މިފަދަ ރޫހެއްގައި ޗައިނާއަށް ބޮޑެތި ތުހުމަތުތަކެއް އަމާޒު ކުރައްވާ، ފާޑުވިދާޅުވެފައި މިވަނީ، ޗައިނާގެ ސަރަހައްދީ އަދުއްވު އަދި ދެކުނު އޭޝިއާގެ ނިއުކްލިއާ ބާރެއްގެ ގޮތުގައި އޮތް އިންޑިއާއާއި ޗައިނާ ހިއްސާ ކުރާ ބޯޑަރު ސަރަހައްދުގައި އިތުރު ކުރިމަތިލުމެއް ހިންގާފައިވާ ދަނޑިވަޅެއްގައެވެ.

ދުނިޔެއިން މިނިވަންކަން ނައްތާލުމަށް ޕޮމްޕޭއޯ ތުހުމަތު ކުރައްވާފައިވަނީ، އެމެރިކާގެ ހާރިޖިއްޔާގެ ރަސްމީ ޓްވިޓާ ހެންޑްލްއިން ކުރި ޓްވީޓްއެއްގައެވެ.

މިދަނޑިވަޅަކީ، އެމެރިކާއާއި ޗައިނާއާއި ދެމެދު ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދުގައިވެސް ނުތަނަވަސްކަން އުފެދިފައިވާ ދަނޑިވަޅެއްކަން ފާހަގަކުރަންޖެހެއެވެ. އިންޑިއާއިންވެސް ވަނީ ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދަށް، އިންޑިއާގެ ކަނޑުގެ އަސްކަރީ ފްލީޓް ފޮނުވާފައި ކަމަށް ޚަބަރު ލިބެއެވެ.

ޗައިނާއާ ސަރަހައްދީ އިން ހިއްސާކުރާ އިންޑިއާއާއި ދެމެދު އަސްކަރީ ކުރިމަތިލުމަކަށް ގޮސްފައިވާއިރު، ތަރައްގީގެ ނަމުގައި ޗައިނާއިން ގައުމުތައް ދަރުވާ، އަޅުވެތި ކުރަމުންދާ ކަމުގެ ތުހުމަތުގެ އިނގިލިވެސް ސިލްސިލާ ގޮތެއްގައި ޗައިނާއަށް އަމާޒުވަމުން ދެއެވެ.