ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަނަ ވިލާގަނޑުގައި ޖެހި، އިލްމު އުނގެނުމުގެ ވައްޓަފާޅިއަށް ބޮޑު ބަދަލެއް އައިސްފައިވާ މި ދަނޑިވަޅުގައި، ގޭގައި ތިބެގެން ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންގެ އަދަދު އިންތިހާއެވެ.

އުނގެނުމުގެ އުސޫލަށް އައި ބަދަލާއެކު ސްކްރީންތަކާއެކު ދަރިވަރުން ހޭދަ ކުރާ ވަގުތު އިތުރުވެފައިވާއިރު، މިއީ ކޮންމެވެސް ކަހަލަ ލުއި ކާނާއަކަށް ގިނަ ކުދިން ބަރޯސާކުރުވާ ސަބަބަކަށް އޮތީ ވެފައެވެ.

ގިނަ ދުވަހަށް ރައްކާ ކުރެވޭ ބާވަތްތަކުން ލުއި ކާނާ ތައްޔާރު ކުރުން

ކޮވިޑް-19އާއެކު ދިރިއުޅުމަށް ގެންނަން ޖެހިފައިވާ ބޮޑު ބަދަލާއެކު، ދިގު މުއްދަތަކަށް ވާ ވަރަށް އެއް ފަހަރާ ބާޒާރު ކުރުމަކީ އެންމެ ބުއްދިވެރި އެއް ގޮތެވެ. މި ގޮތަށް ބާޒާރު ކުރާއިރު، ގިނަ ދުވަހަށް ރައްކާ ކުރެވޭ ސާމާނު ގަތުމަށް ހާއްސަ ސަމާލުކަމެއްވެސް ދެވެއެވެ. އެގޮތުން، އޯޓްސް، ނަޓްސް، ހިއްކި މޭވާ ޒާތުގެ އުފެއްދުންތަކަށް ކޮންމެވެސް ވަރަކަށް ބަރޯސާވާން ޖެހެއެވެ. މިއީ ގޭގައި އިނދެ ކިޔަވަމުންދާ ދަރިވަރަށް ލުއިކާނާއެއް ތައްޔާރު ކުރުމަށްވެސް އެންމެ އެކަށީގެންވާ ބާވަތްތަކެކެވެ.

އޯޓްސްއާއި ޕީނަޓް ބަޓަރު އަދި ހިއްކި މޭވާ ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ލުއި ކާނާގެ ބާވަތެއް/ފޮޓޯ: ނިއުޓްރިޝަން ފިޓް

އޯޓްސްއާއި ހިއްކި މޭވާ އަދި ޕީނަޓް ބަޓަރު ބޭނުންކޮށްގެން ގުޅަޖަހައިގެން ފިނިކޮށްގެމް މީރު ފޮނިކާއެއްޗެއްގެ ގޮތުގައިވެސް ބޭނުން ކުރެވިދާނެއެވެ. އޯޓްސް، ހިއްކި (މޭބިސްކަދުރު، ކަދުރު ޒާތުގެ) މޭވާ އަދި ޕީނަޓް ބަޓަރު، ފުޑް ޕްރޮސެސަރެއްގައި ރަނގަޅަށް އެއްކޮށްލުމަށްފަހު، ރޮށި ދަމާހެން ދަމާލުމަށްފަހު، ޓޮފީ ގޮތަށް ހަތަރެސްކަނަށް ކަފާ ލައިގެންވެސް ބޭނުން ކުރެވިދާނެއެވެ.

ލުއިފަސޭހަ ކަމަށް ސަމާލުވުން

ލުއިކާނާގެ ނަމުންވެސް ދޭހަވާފަދައިން ލުއި ކަން އިހުސާސް ވާން ވާނެއެވެ. ތައްޔާރު ކުރަންވެސް ލުއި ފަސޭހަ ބާވަތްތަކަށް ހާއްސަ ސަމާލުކަމެއް ދޭށެވެ. ހައްޓަށްވެސް ލުއިވާނެއެވެ. އެގޮތުން، ޔޯގަޓްއާއިއެކު ތާޒާ ބޭވާ (ބޭރީޒް) ބޭނުން ކުރެވިދާނެއެވެ. ނުވަތަ ޕީނަޓް ބަޓަރާ ދޮންކެޔޮ ބޭނުންކޮށްގެން ސޭންޑްވިޗެއްވެސް ތައްޔާރުކޮށްލެވިދާނެއެވެ. ލުއިކާނާ ދޭއިރުވެސް، އެއީ ހަށިގަނޑަށް ކޮންމެހެން ބޭނުންވާ މާއްދާތަކުގެ ތެރެއިން 2 ގުރޫޕަކަށް ފެތޭ ބާވަތަކަށް ހެދުން ބުއްދިވެރިއެވެ. މިސާލަކަށް، އޯޓްސް ކޭކާއެކު ކިރު ދިނުން، ފިހުނު ޕާން (ޓޯސްޓް)އާއިއެކު، ހަމަސް ނުވަތަ ސަނާމުގުން ތައްޔާރު ކުރާ ސެލަޑް ޑިޕްއެއްވެސް ދެވިދާނެއެވެ.

ތާޒާ މޭވާ އަދި ޔޯގަޓް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ލުއި ކާނާގެ ބާވަތެއް/ފޮޓޯ: މީލް ގާޑަން

ކެއްކުމުގެ ތެރެއިން ފިލާވަޅު

ހަރުކަށި ލޮކްޑައުންގެ އަމުރެއް ނެތެއް ކަމަކު، ގިނަ ވަގުތު ގޭގައި ހޭދަކުރުމަކީ އެންމެ ބުއްދިވެރި ގޮތެވެ. އެހެންކަމުން، ލުއިކާނާ ތައްޔާރު ކުރުމުގައި، ދަރިފުޅު ބައިވެރި ކުރުމަކީވެސް އެ ދަރިފުޅަށް އާކަންތައްތަކެއް ދަސްވެ، އަތުގެ ހަރަކާތްތެރިކަމަށް އިތުރު ތަރައްގީ ލިއްބައިދޭނެ ކަމެކެވެ. މީގެ އިތުރުން، ކޭކު ފަދަ ތަކެތި ތައްޔާރު ކުރާއިރު އެއަށް ބޭނުންވާ ސާމާނު ކިރަން ހަވާލު ކުރުމަކީ ހިސާބުގެ ހުނަރު ތަރައްގީ ކުރުމަށްވެސް އެހީވެދާނެ ކަމެކެވެ. އަދި ބައެއް ކަހަލަ ގެވެހި ކަންވާރު ބޭނުން ކުރުމުގައި ހާއްސަ ސަމާލުކަމެއް ދޭން ޖެހުމަކީ، ދިރިއުޅުމުގެ ހުނަރުތަކަށް ދަރިފުޅުގެ ލޯ ހުޅުވާލަދޭނެ ކަމެއްވެސްމެއެވެ.

ތަފާތު ކަމެއް ތަޖުރިބާކާރުން

އަބަދު އެއްކަމެއް ކުރަން ވެއްޖެ ނަމަ ކޮންމެ މީހަކުވެސް ފޫހިވާނެއެވެ. ގޭގައި އިނދެ ކުލާހުގެ ފިލާވަޅުތަކުން ސަލާމަތް ނުވެވިގެން އުޅޭ ކަމުގެ އިހުސާސް އެއް ގޮތަކަށްވެސް ވިޔަ ނުދޭށެވެ. ފޫހިވިޔަ ނުދިނުމަށް ދޭ ލުއިކާނާއަކީ ފައިދާހުރި އެއްޗަކަށް ހެދުމުގެ ނިޔަތުގައި، ދަރިފުޅު އިތުރަށް ފޫހި ކޮށްނުލާ ވޭތޯވެސް ބަލާށެވެ. މޭވާއާއި ތަރުކާރީ ކާންދިނުމުގެ ނިޔަތުގައި ތައްޓަކަށް އެ ކޮށާފައި ދިނުމުގެ ބަދަލުގައި، އާދަޔާ ހިލާފު ގޮތަކަށް އެ ދެވޭތޯ ބަލާށެވެ. ފައިދާ ހުރި މޭވާއަކުން ތައްޔާރުކުރާ ޖޫހެއްގެ ތެރެއަށް، އިތުރު މޭވާ އަޅައިގެން ލޮލީއެއްވެސް ތައްޔާރު ކުރެވިދާނެއެވެ.

ތާޒާ މޭވާ ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ލޮލީޕޮޕް/ފޮޓޯ: ފެމިލީ ސްޓްރޯންގް

އީ-ލާނިންގް ނުވަތަ ޑިސްޓަންޓް ލާނިންގް މޯޑަށް ސްކްރީން ކުރިމަތީގައި އިނދެ، ކިޔަވަމުންދާއިރު ބަރޯސާވާ ލުއިކާނާއަކީ، ހަށިގަނޑަށް ފައިދާ ކުރަނިވި އެއްޗަކަށް ހެދުމަށް ބެލެނިވެރިންނާ މައިންބަފައިންވެސް ހާއްސަ ސަމާލުކަމެއް ދޭން ޖެހެއެވެ. ގޭގައި އިނދެގެން ކިޔެވި ކަމުގައި ވީ ނަމަވެސް، ސިކުނޑީގެ ތަރައްގީއާއި ޖިސްމާނީ ހެދިބޮޑުވުމަށް މުހިންމު މާއްދާތައް ހަށިގަނޑަށް ބޭނުންވާނެއެވެ.