ބައިނަލްއަގުވާމީ ތެލުގެ ވިޔަފާރީގެ ސިނާއަތުގެ އެންމެ އުހުގައި ފިޔަޖަހަމުން އަންނަ ސައުދީ އަރާމްކޯއިން، ތެލާ ގޭހުގެ އިތުރު 2 ރިޒާވެއް ހޯދާފައިވާކަމަށް، ސައުދީ އަރަބިއްޔާގެ ހަކަތައާ ބެހޭ ވަޒީރު ޢަބްދުލްޢަޒީޒު ބިން ސަލްމާން އަލް ސައުދު ވިދާޅުވެއްޖެއެވެ.

ތެލާއި ގޭހުގެ އާ ރިޒާވްތައް ފެނިފައިވަނީ އަބްރަގު އަލް ތޫލޫލްއާއި އަލް ޖޫފް ސަރަހައްދުންކަމަށް މައުލޫމާތު ލިބެއެވެ.

ހަކަތައާ ބެހޭ ވަޒީރު ވިދާޅުވީ އަބްރަގު އަލް-ތޫލޫލްއިން ފެނުނު ރިޒާވްއިން ދުވާލެއްގެ މައްޗަށް 3189 ފީފާގެ ސާފު ނުކުރާ ތެލާ، 1.1 ކިއުބިކްފީޓްގެ ގުދުރަތީ ގޭސް ނެގެއެވެ.

އަރާމްކޯއަކީ ބައިނަލްއަގުވާމީ ބާޒާރަށް އެންމެ ފުޅާ ދާއިރާއެއްގައި ތެޔޮ އެކްސްޕޯޓް ކުރަމުންދާ ކުންފުންޏެވެ. ހަމަ އެހެންމެ، ސައުދީއަށް ވަންނަ އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީވެސް މި ކުންފުނިންނެވެ.

ދާދި ފަހުން، ތުރުކީވިލާތުންވެސް ގުދުރަތީ ގޭހުގެ ބޮޑު ރިޒާވްއެއް ހޯދާފައެވެ. އެ ގައުމުން އަދިވެސް ދަނީ އިތުރު ރިޒާވްތައް ހޯދުމަށް މަސައްކަތް ކުރަމުންނެވެ.