އާންމު އުސޫލުން ގުޅުންތައް ބަދަހި ކުރުމާ ބެހޭ ގޮތުން އަރަބި ގައުމުތަކުގެ ލީޑަރުންނާއެކު "ސިއްރު" މަޝްވަރާތަކެއް ކުރިއަށް ދާކަމަށް އިސްރާއީލުގެ ޚުދުމުޚުތާރު ލީޑަރު ބެންޖަމީން ނަތަންޔާހޫ ބުނެފިއެވެ.

ވަކި ގައުމެއްގެ ނަން ހާމަ ނުކުރުމެއް ނެތި ވާހަކަ ކުރިއަށް ގެންދަމުން ނަތަންޔާހޫ ވަނީ، އާންމު އުސޫލުން ގުޅުންތައް ބަދަހި ކުރުމާ ބެހޭ ގޮތުން، އަރަބި ދުނިޔެއާއި މުސްލިމު ލީޑަރުންނާއެކު މަޝްވަރާތަކެއް ކުރިއަށް ގެންދާ ކަމަށާ، މިމަޝްވަރާތަކަކީ އަދި މިހާތަނަށް ތަފްސީލު ހާމަކޮށްފައި ނުވާ މަޝްވަރާތަކެއް ކަމަށެވެ.

ނަތަންޔާހޫ މިފަދަ ރޫހެއްގައި ވާހަކަދައްކާފައި މިވަނީ، އިސްރާއީލާ އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)އާ ދެމެދު ގުޅުންތައް ބަދަހިކޮށް، ވިޔަފާރިއާއި އެނޫންވެސް ދާއިރާތަކުން އެއްބާރުލުން ދިނުމުގެ މަޝްރޫއުތައް ކުރިއަށް ގެންދަން ފަށާފައިވާ ދަނޑިވަޅެއްގައެވެ. މިއާއެކު ނަތަންޔާހޫ ވަނީ، މިއަދު މިއީ އާ ކަމަކަށް ވިއަސް، މާދަމާ މިއީ އާންމު ކަމަށް ވާނެ ކަމުގެ އިންޒާރުވެސް ދީފައެވެ.

އަރަބި ގައުމުތަކާއެކު ގުޅުން ބޭއްވުމަށް އިސްރާއީލުން މަސައްކަތް ކުރަނީ، ފަލަސްޠީނުގެ ބިންތައް ފޭރިގަތުން ހުއްޓާލާނެ ކަމަށް ބުނެ، އެކަމުގެ ބަދަލެއްގެ ގޮތުގައި ދައްކާ އަގެއްގެ ގޮތުގައި ކަން ދޭހަވާފަދަ މޭރުމަކުންނެވެ. ނަމަވެސް އިސްރާއީލާއެކު އާންމު ގުޅުންތައް ބޭއްވުމާ ފަލަސްތީނުން ދެކޮޅު ހަދައެވެ. އަދި އިސްރާއީލާއެކު އާންމު އުސޫލުން ގުޅުން ދެމެހެއްޓުމަށް އެއްބަސްވުން އެކުލަވާލުމަކީ ފަލަސްތީނަށް ބޭވަފާތެރިވުން ކަމަށްވެސް ފަލަސްތީނުން ސިފަކުރެއެވެ.