އެމެރިކާގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ސަލާމަތާ ގުޅުންހުރި ކަންކަމުގައި، ގާނޫނު ހަދާ މަޖިލީހުގައި ދެން އިތުރަށް ޖާސޫސީ މައުލޫމާތު ހިއްސާ ނުކުރެއްވުމަށް، ރައީސް ޑޮނާލްޑް ޓްރަމްޕްގެ ސަރުކާރުގެ ޖާސޫސީ އިސް އޮފިޝަލު ޖޯން ރެޓްކްލިފް ވިދާޅުވެއްޖެއެވެ.

މިއާއެކު، އެމެރިކާގެ އިންތިހާބަށް ބޭރުގެ ފަރާތްތަކުން ފޯރުވަމުންދާ ނުފޫޒާ ބެހޭ ގޮތުން އާންމުންނަށް ކޮންމެހެން އެނގުން މުހިންމު މައުލޫމާތުގެ ހައްގަށް އުނިކަން އަންނާނެ ކަމަށް ބުނެ، ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅު ކުރަން ފަށާފައެވެ.

ތޫފާން ލޯރާގެ ސަބަބުން ޓެކްސަސްއަށް ލިބުނު ގެއްލުން ބައްލަވާލެވުމަށް ކުރެއްވި ދަތުރުފުޅުގައި ނޫސްވެރިންނާ މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އިންތިހާބުގެ ސަލާމަތާ ގުޅުންހުރި ކަންކަމާ ބެހޭ ޖާސޫސީ މައުލޫމާތު، މަޖިލީހާ ހިއްސާކުރާ ހުއްޓާލެއްވުމަށް ރެޓްކްލިފް ނިންމެވީ، ކޮންގްރެސް ތެރެއިން ޖާސޫސީ މައުލުމާތު "ލީކުވާ" މައްސަލައާ ގުޅިގެން ކަމަށެވެ.

ޓްރަމްޕް ވިދާޅުވީ، މަޖިލީހުން މައުލޫމާތު ލީކުރަމުންދާ ކަމަށާ، މަޖިލީހުން ލީކު ކުރަނީވެސް "ނުބައި" މައުލޫމާތު ކަމަށާ، އެކަމާ ހެދި ސަރުކާރު މިހާރު "ވަރުބަލިވެފައި" ވާ ކަމަށެވެ.

ރެޓްކްލިފް މަޖިލީހަށް ހާޒިރުވެވަޑައިގެން ބަޔާން ދެއްވާ އުސޫލުން ޖާސޫސީ މައުލޫމާތު ހިއްސާކުރުން ހުއްޓާލި ނަމަވެސް، ލިޔުމުން ދޭންޖެހޭ ތަފްސީލުތައް ފޯރުކޮށްދޭނެ ކަމަށް ޚަބަރު ލިބެއެވެ. ނަމަވެސް، ސެނެޓާ އެންގަސް ކިންގް ވިދާޅުވީ، ލިޔުމުން ހިއްސާ ކުރާ މައުލޫމާތަކީ އެކަށީގެންވާ މިންވަރެއް ނޫން ކަމަށެވެ.

ނޮވެމްބަރު މަހު އެމެރިކާގައި ކުރިއަށް ގެންދާ ރިޔާސީ އިންތިހާބަށް ރަޝިއާއިން ނުފޫޒުތަކެއް ފޯރުވަމުންދާ ކަމަށް އެމެރިކާގެ ކައުންޓާއިންޓެލިޖެންސް ޗީފް ވިލިއަމް އޭވަނީނާ ވަނީ މިމަހު ކުރީ ކޮޅު ވިދާޅުވެފައެވެ. އެގޮތުން ޓްރަމްޕްގެ ވާދަވެރިޔާ އަދި އިދިކޮޅު ޑިމޮކްރަޓުންގެ ކެންޑިޑޭޓް ޖީ ބައިޑަންއަށް ނާއިންސާފުން ފާޑުކިއުން އަމާޒުކޮށް، ޓްރަމްޕްގެ ކެމްޕޭން ޕްރޮމޯޓް ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އޭވަނީނާ ވަނީ ހާމަކުރައްވާފައެވެ.