ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ކޮންޓްރޯލް ކުރުމަށް މެލޭޝިއާއިން ތަންފީޒު ކުރަމުންދާ މޫވްމަންޓް ކޮންޓްރޯލް އޯޑަރު (އެމްސީއޯ)ގެ މުހުލަތު، މިއަހަރުގެ ޑިސެމްބަރު 31 ވަނަ ދުވަހުގެ ނިޔަލަށް އިތުރު ކޮށްފިއެވެ.

ގައުމީ ޓީވީ މެދުވެރިކުރައްވާ ދެއްވި ބަޔާނެއްގައި މެލޭޝިއާގެ ބޮޑުވަޒީރު މުހްޔިއްދީން ޔާސީން ވިދާޅުވީ މޫވްމަންޓް ކޮންޓްރޯލް އޯޑަރު ދަންމާލާފައިވަނީ، މިފަހަކަށް އައިސް އާ ކްލަސްޓާތައް އިތުރުވުމާ، ދުވާލެއްގެ މައްޗަށް ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާ ދިއުމަށް ރިއާޔަތް ކުރުމަށް ފަހުގައި ކަމަށެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން މެލޭޝިއާއިން އަމަލު ކުރަމުން ގޮސްފައިވަނީ ރަނގަޅަށް ކަމަށާ، ނަމަވެސް މި ފަހަކަށް އައިސް ކޭސްތައް އިތުރުވާން ފަށާފައިވުމުން އަންގައިދެނީ، މި ބަލިމަޑުކަން އަދިވެސް އިތުރަށް ކުރިއަށް އޮތީ ކަން ކަމަށް މުހްޔިއްދީން ވިދާޅުވިއެވެ.

މެލޭޝިއާގައި މިހާރު ތަންފީޒު ކުރަމުންދާ މޫވްމަންޓް ކޮންޓްރޯލް އޯޑަރުގެ މުހުލަތު ހަމަވާނީ މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ. ނަމަވެސް އަލަށް ގެނައި ބަދަލާއެކު މުޅި އަހަރު ދުވަސް މެލޭޝިއާ ހޭދަކުރާނީ މި އަމުރުގެ ދަށުގައެވެ.

މެލޭޝިއާގެ އަދުގެ ހާލަތަށް ބަލާއިރު، ރޭ މެންދަމު 00:00 ފެށިގެން މިހާތަނަށް 10 މީހަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އެގައުމުން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު 9306 އަށް އަރާފައިވާއިރު، މި ބަލީގައި މެލޭޝިއާއިން މަރުވި މީހުންގެ އަދަދު 125 އަށް އަރައެވެ.