މާލެ ސިޓީ ކައުންސިލްގެ މޭޔާ، ޝިފާ މުހައްމަދު އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އަންގައިފިއެވެ.

އެލްޖީއޭގެ ސީއީއޯ އަދި އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލްގެ ނައިބު އަފްޝަން ލަތީފް ސޮއިކުރައްވާ މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދަށް ފޮނުއްވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ، އެ އޮތޯރިޓީން އިންކުއަރީއެއް ކުރިއަށްގެންދާ ދަނޑިވަޅުގައި މޭޔަރުގެ އިތުބާރު ނެތްކަމުގެ ވޯޓު ނުގެންދެވޭނެ ކަމަށް މިއަދު ބޭއްވި ކުއްލި ބައްދަލުވުމުން ނިންމާފައިވާ ކަމަށެވެ.

މި އޮތޯރިޓީގެ ސިޓީގައި ބަޔާންކޮށްފައިވާ އިންކުއަރީ ހެދުމުގެ މަސައްކަތް އޮތޯރިޓީން ކުރަމުން ގެންދާ މި ދަނޑިވަޅުގައި މައްސަލަ ރައްދުވާ ކައުންސިލަރަކު ހުށައަޅުއްވާފައިވާ ތިޔަ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދާއި ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފްގެ އިތުބާރު ނެތްކަމުގެ ވޯޓް މިވަގުތު ކުރިއަށް ނުގެންދިއުމަށް ދެންނެވީމެވެ
އެލްޖީއޭއިން ސިޓީ ކައުންސިލަށް ފޮނުވާފައިވާ ސިޓީ

މާލެ ސިޓީ ކައުންސިލްގެ 103 ވަނަ ރަސްމީ ޖަލްސާގައި ވަނީ މޭޔަރުގެ މައްޗަށް ހުށަހަޅަފައިވާ އިތުބާރު ނެތް ކަމުގެ މައްސަލަ ބަލައިގަނެ ކުރިއަށް ގެންދިއުމަށްޓަކައި މޭޔަރު ޖަވާބުދާރީ ވުމަށް މިމަހުގެ 18 ވަނަ ދުވަހު ވަނީ 10 ދުވަހުގެ މުއްދަތެއް ދީފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މޭޔަރުގެ އިތުބާރު ނެތް ކަމަށް ވޯޓު ނެގުމަށް ނުފެންނަ ކަމަށް ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝަމާއު އާއި ކައުންސިލާ ޒަމީރު ވަނީ ދެކޮޅު ހައްދަވާފައެވެ. އޭގެ އިތުރުން ހާޒިރުވި 8 ކައުންސިލްގެ މެންބަރުންގެ ތެރެއިން ލާމަރުކަޒީ ގާނޫނާ އެއްގޮތައް މޭޔަރާއި ޑެޕިއުޓީ މޭޔަރު އިހުމާލުވެފައިވާ މައްސަލައިގައި ޖަވާބުދާރީ ކުރުވުމަށް ވޯޓު ދެއްވާފައިވާ ކަމަށްވެސް "ދަ ޕްރެސް" އަށް ވަނީ މައުލޫމާތު ލިބިފައެވެ.

މީގެ ކުރިން މިދިޔަ ޖުލައި މަހުވެސް ވަނީ މޭޔަރު ޝިފާގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހަޅާފައެެވެ. ދެވަނަ ފަހަރަށް މޭޔަރު ޝިފާގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހަޅާފައި ވާއިރު، ކައުންސިލަރުންނާއި މޭޔަރާ ދެމެދު ހިޔާލު ތަފާތުވެ، މައްސަލަ ބޮޑުވެ ކުރިޔަށް ނުގެންދެވި ބައެއް ޖަލްސާތައް ހުއްޓާލައިފައި ވާކަންވެސް ފާހަގަ ކުރެވެއެވެ.