ކޮމަންވެލްތު ގޭމްސްގައި ރާއްޖެ އަލުން ބައިވެރިވެއްޖެއެވެ.

މިކަން އިއުލާނު ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކުރެއްވި ޓްވީޓަކުންނެވެ. ރައީސް ސޯލިހްގެ ވިދާޅުވީ، ކޮމަންވެލްތު ގޭމްސްގައި ރާއްޖެ އަލުން ބައިވެރިވެރި ކޮށްފައިވާ ކަމަށް ކޮމަންވެލްތު ގޭމްސް ފެޑްރޭޝަންގެ ރައީސް ލުއިސް މާޓިން ރައީސް އަށް އަންގަވާފައިވާ ކަމަށެވެ.

ރައީސް ވަނީ ކޮމަންވެލްތު ގޭމްސްގައި ރާއްޖެ އަލުން ބައިވެރިކުރުމުގައި އެހީތެރިވި މެމްބަރު ގައުމުތަކަށް ޝުކުރު އަދާކުރައްވާފައެވެ.

ދިވެހިރާއްޖޭގެ ކޮމަންވެލްތުގެ 54 ވަނަ ގައުމުގެ ގޮތުގައި ދެވަނަ ފަހަރަށް އެޖަމާއަތާއި ގުޅިފައިވަނީ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުއެވެ.

ރާއްޖެއިން މީގެ ކުރިން ކޮމަންވެލްތުގެ މެމްބަރު ގައުމެއްގެ ގޮތުގައި އޮތް އިރު ވަރަށް ގިނަ ހަރަކާތްތަކެއްގައި ދިޔައީ ބައިވެރި ވަމުންނެވެ. އެގޮތުން ޒުވާނުންނާއި، ސިއްހަތާއި، ތައުލީމުގެ އިތުރުން އަންހެނުންގެ ހައްގުތަކުގެ ދާއިރާފަދަ ދާއިރާތަކުގައި މުހިއްމު މަސައްކަތްތަކެއް ކޮމަންވެލްތުގެ މެންބަރު ގައުމެއްގެ ހައިސިއްޔަތުން ރާއްޖެއިން ކޮށްފައިވެއެވެ.

1992 ވަނަ އަހަރު ކޮމަންވެލްތު ޔޫތު މިނިސްޓަރުންގެ ފުރަތަމަ ބައްދަލުވުން ބާއްވާފައި ވަނީ ރާއްޖޭގައެވެ. އަދި ކޮމަންވެލްތު ގޭމްސްގައިވެސް ރާއްޖެއިން ވަނީ ފުރިހަމަޔަށް ބައިވެރިވެފައެވެ.