މެދުއިރުމަތީގައި މިވަގުތު ތިބި އެންމެ މުއްސަނދި 21 ބިލިއަނަރުންގެ އާމްދަނީއަށް، ކޮވިޑް-19ގެ ބަލިމަޑުކަން ފެށުނު ފަހުން ދުވާލެއްގެ މައްޗަށް 63 މިލިއަން ޑޮލަރު އިތުރުވަމުން ގޮސްފައިވާކަމަށާ، މިއަދަދުތައް އެއްކޮށްލުމުން އަންނަނަ އަދަދަކީ، ލުބްނާންގެ ވެރިރަށް ބެއިރޫތުގައި ސުންނާފަތިވެފައިވާ ބަނދަރު ސަރަހައްދު އަލުން މަރާމާތު ކުރުމަށް ހިނގާނެ ކަމަށް ލަފާ ކުރާ ހަރަދުގެ ދެގުނަ ބޮދު އަދަދެއް ކަމަށް އޮކްސްފާމުން ބުނެފިއެވެ.
ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (ސާސްކޯވް-2) އިން ޖައްސާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަން މާޗް މަހު ފެށުނު ފަހުން، މެދުއިރުމަތީގެ އެންމެ މުއްސަނދި 21 މަހުޖަނުންގެ މިލްކިއްޔާތަށް 10 ބިލިއަނެއްހާ ޑޮލަރު އިތުރުވެފައިވާކަމަށް އޮކްސްފާމުން މިއަދު އާންމު ކުރި ރިޕޯޓުން ދައްކައެވެ.
މި ފަރަގަކީ އެ މަހުޖަނުންގެ މިލްކިއްޔާތުގެ އަގެއް ކަމަށް މާޗް 18 ގައި ފޯބްޒް މަޖައްލާއިން ލިސްޓު ކޮށްފައިވާ ތަފްސީލާ، އޯގަސްޓް 16 ވަނަ ދުވަހާ ދެމެދު އޮތް ފަރަގެއް ކަމަށްވެސް އޮކްސްފާމުން ވަނީ ތަފްސީލުކޮށްދީފައެވެ.
މި އަދަދަކީ، ކޮވިޑް-19ގެ ބަލިމަޑުކަމާ ކުރިމަތިލުމަށް ބައިނަލްއަގުވާމީ މާލީ އިދާރާ (އައިއެމްއެފް) އިން މެދުއިރުމައްޗަށް ދިން ފަންޑުގެ ދެގުނަ ކަމަށްވެސް އޮކްސްފާމްއިން ވަނީ ފާހަގަކޮށްފައެވެ.
އޮކްސްފާމްގެ ސީނިއާ ޕޮލިސީ އެޑްވައިސާ ނަބީލް އަބްދޫ ވިދާޅުވީ، އާންމުންގެ ސަލާމަތާ ރައްކާތެރި ކަމުގެ މައްޗަށް ވިޔަފާރީގެ ފައިދާ އިސްކުރަމުން އަންނަތާ އެތައް ޒަމާނެއް ވެފައިވާކަމަށެވެ.
މެދުއިރުމަތީގެ މަހުޖަނުންގެ އާމްދަނީއަށް އިތުރުވި މިންވަރާ މެދު އޮކްސްފާމުން ފާޑުވެރި ރޫހެއްގައި ރިޕޯޓެއް އާންމު ކޮށްފައިވާއިރު، ޓެކްނޮލޮޖީގެ ދުނިޔެ ކޮންޓްރޯލް ކުރަމުންދާ ވިލާތާ ހުޅަނގުގެ މަހުޖަނުންގެ މިލްކިއްޔާތުވެސް ކޮވިޑް-19ގެ ބަލިމަޑުކަމުގައި ވަނީ އިންތިހާއަށް އިތުރުވެފައިކަން ފާހަގަކުރަންޖެހެއެވެ.
މަޝްހޫރު ސޯޝަލް މީޑިއާ ނެޓްވޯކް ކުންފުނި، ފޭސްބުކްގެ ޒުވާން ބާނީ، މާކް ޒަކަބާގް، ދުނިޔޭގެ އެންމެ މުއްސަނދި މަހުޖަނުންގެ އެލީޓް ލިސްޓުގެ ކުރިއަށް ޖެހިލީ މިމަހުއެވެ. ފޭސްބުކް ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމުގައި ހުރި ޒަކަބާގްއަކީ މިހާރު ސެންޓިބިލިއަނަރެކެވެ. ސެންޓިބިލިއަނަރުންނަކީ އެމީހުންގެ މިލްކިއްޔާތުގެ 100 ބިލިއަން ޑޮލަރަށްވުރެ މަތީގައި އުޅޭ މީހުންނެވެ. މީގެ އިތުރުން، ޓެކްނޮލޮޖީގެ ދުނިޔޭގައި އެންމެ "ގަދަރު" ހުރި އުފެއްދުންތަކެއްގެ ގޮތުގައި ސިފަކުރަމުން އަންނަ އުފެއްދުންތައް ބާޒާރަށް ނެރޭ އެޕަލް ކުންފުނީގެ ޗީފް އެގްޒެކެޓިވް، ޓިމް ކުކް، ބިލިއަނަރުންގެ ލިސްޓަށް އެރީވެސް މިމަހުގައި ކަން ފާހަގަކުރަންޖެހެއެވެ.