އުތުރު ކޮރެއާގެ ހުދުމުހުތާރު ލީޑަރު ކިމް ޖޮންގް އުންގެ ސިއްހީ ހާލުކޮޅު އިންތިހާއަށް ގޯސްވެފައިވާކަމަށް ބުނެ ބައިނަލްއަގުވާމީ މީޑިއާގެ އެކި ޕްލެޓްފޯމުތަކުގައި ހޫނު ބަހުސްތަކެއް ކުރެވެމުންދާތާ ދުވަސްތަކެއް ވެފައި ވަނިކޮށް، އުންގެ ޚަބަރެއްވެއްޖެއެވެ.

އާއިލީ މެމްބަރުން ކިމް ޖޯ ޔޮންގްއާއި ގައުމުގެ އިސް ޒިންމާތަކެއް ހަވާލު ކުރެވުމާއެކު، ކިމް ޖޮންގް އުންގެ ސިއްހީ ހާލުކޮޅު ވަރަށް ގޮސްވީ ކަމަށް ބަހުސް ކުރަން ފެށިފައި ވަނިކޮށް، އޭނާ މިވަނީ، އަދު ދުނިޔެ ދެކެމުން މިދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުން ދިފާއުވުމަށާ، އުތުރު ކޮރެއާއަށް ކުރިމަތިވަމުން އަންނަ ތޫފާނަކަށް ސަމާލުވުމުގެ ގޮތުން ކުރިއަށް ގެންދިޔަ މަތީ ފެންވަރުގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެން، އެ މަންޒަރުތައް ހިއްސާކުރައްވާފައެވެ.

އުތުރު ކޮރެއާއިން ކޮވިޑް-19ގެ ކޭހެއް ރަސްމީ ކޮށް ރިޕޯޓް ކޮށްފައި ނުވި ނަމަވެސް، އެ ގައުމަށްވެސް އެ ވައިރަސް ވަދެފައި އޮތުން އެކަށީގެންވާ ކަމަށް ކިމް ވަނީ ހުސްވި މަހު ވިދާޅުވެފައެވެ. އަދި ކޮވިޑް-19ގެ އަލާމާތްތައް ހުރި މީހަކު ފެނުނު ހިސާބުން ލޮކްޑައުންއަކަށްވެސް ދިޔައެވެ. އެމީހާގެ ނަތީޖާ ނިކުތީ އިންކޮންކްލޫސިވް ކޮށް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ވަނީ ރިޕޯޓް ކޮށްފައެވެ.