އިންޓަނެޓްގެ އެކުވެރިއަކަށް އޭނާ ވުމަކީ މިއަދު ޢަބްދުއްރަޙްމާން އަލް-ޝާންތީ އެންމެ އުފާވާ އެއް ކަމެވެ. އެއީ، އޭނާގެ ހިތުގެ ޝުއޫރުތައް މުޅި ދުނިޔެއަށް ފޯރުކޮށްދޭ ޕްލެޓްފޯމަކަށް އިންޓަނެޓް ވީތީއެވެ.

"ބޭރު ދުނިޔެއަށް އަންގައިދޭން ބޭނުން ފަލަސްތީނުގެ ރައްޔިތުން ގައްޒާގައި ދިރިއުޅެމުންދާ ހާލަތު. އާދައިގެ ކުޑަކުދިން ފަދައިން އުޅެން ބޭނުންވާ ކަމާ، އެކަމަކު އެ ފުރުސަތު ނެތް ކަން އަންގައިދޭން ބޭނުން" އުމުރުން އެންމެ 11 އަހަރުގެ ޢަބްދުއްރަޙްމާން އަލް-ޝާންތީ ބުންޏެވެ.

އުމުރު ކިތަންމެ ހަގެއް ކަމަކު، ދުނިޔޭގެ ރާޑަރަށް ޢަބްދުއްރަޙްމާން އަލް-ޝާންތީ އަރައިފިއެވެ. އެއީ އޭނާގެ އިންސްޓަގްރާމް އެކައުންޓްގައި މިމަހު އޭނާ އާންމު ކުރި ލަވައެއް ވައިރަލްވި ހިސާބުންނެވެ. މިއަދު އޭނާގެ އިންސްޓަގްރާމް އެކައުންޓް ފޮލޯ ކުރާ މީހުންގެ އަދަދު ލައްކައަކަށް އަރަނީއެވެ.

އިސްރާއީލާ ދެކޮޅަށް ގައްޒާގައި ކުރާ ސިލްސިލާ މުޒާހަރާގެ ތެރެއިން/ފޮޓޯ: އިބްރާހީމް އަބޫ މުސްތޮފާ

ވައިރަލްވި ވީޑިއޯގައި ފެނިގެންދަނީ، ފަލަސްތީނުގެ ރެޕާ ވަހީބު ނަސާންގެ ލަވައެއް، ޢަބްދުއްރަޙްމާން އަލް-ޝާންތީ ކިއާލާ މަންޒަރެވެ. ކުލާސް ކުދިންގެ ކުރިމަތީގައި ޢަބްދުއްރަޙްމާން އަލް-ޝާންތީ ރެޕް ކުރަމުންދިޔައީ އިނގިރޭސީ މަޚްރަޖައަށެވެ. ލަވައިގެ އެންމެ ހަމައެއްވެސް ކަސިޔާރެއް ނުވެއެވެ. ޑީކޭ ޚާލިދާ، މަސާރީގެ އިތުރުން ލޯކީގެ ރާޑަރަށްވެސް ޢަބްދުއްރަޙްމާން އަލް-ޝާންތީ އަރައިފިއެވެ.

ސްޓޭޖު ނަމުން ނަމަ އެމްސީއޭއަކީ މިއުޒިކަށް އާ މޫނެއް ނޫނެވެ. އޭނާ މި ހުނަރު ފައްކާ ކުރަން ފެށީ އުމުރުން އެންމެ 9 އަހަރުގައެވެ.

"ފުރަތަމަ ރެޕް ކުރަން ފެށީ މަޖަލަކަށް. އެމިނެމްގެ ' އޭމް ނޮޓް އެފްރައިޑް' ހިތު ދަސްކުރިން... ރެޕް ކުރެވިދާނެ ކަން އެނގުނު ހިސާބަކީ އެއީ. އޭގެ ފަހުން، އަމިއްލަ ލަވަތައްވެސް ލިޔަން. ރެޕް ކުރާ މަޝްހޫރު މީހުންގެ ލަވަތައް ކަވާ ވެސް ކުރަން" ޢަބްދުއްރަޙްމާން އަލް-ޝާންތީ ބުންޏެވެ.

އަލް-ޝާންތީގެ ބައްޕަ، ސޯލިހު ބުނާ ގޮތުގައި އޭނާގެ ދަރިފުޅު ހުރިހާ އެއްޗެއްވެސް ދަސްކުރަނީ އިންޓަނެޓް މެދުވެރިކޮށް، ފޯނުންނެވެ. ބަސް ދަސްކުރަންވެސް ވަކި ސްކޫލަކަށް ނުދާކަމަށް ބުންޏެވެ. ދަރިފުޅުގެ ހުނަރުގެ ފަހަތުގައި ވަނީ، އެ ދަރިފުޅުގެ އަޒުމާ، ހިތްވަރާ، ފަރިތަކުރުންތައް ކަމަށް ސޯލިހު ބުންޏެވެ.

https://www.youtube.com/watch?v=Soqes9ANsXs&feature=youtu.be

ޢަބްދުއްރަޙްމާން އަލް-ޝާންތީ ރެޕް ކުރަމުންދާ މަންޒަރު ފޯނަށް ރެކޯޑް ކޮށްދެނީވެސް ބައްޕައެވެ. ސޯލިހު ބުނާ ގޮތުގައި އޭނާ އެންމެ ފަޚްރުވެރިވަނީ ދަރިފުޅުގެ އަމިއްލަ މަސައްކަތްތަކާ މެދުގައެވެ. މި ބިންމަތީގައި، އިސްރާއީލުގެ އަޅުވެތިކަމުގައި 11 އަހަރު ދުވަސް ހޭދަކުރިއިރު، ކުރެވުނު ތަޖުރިބާތައް އެ ދަރިފުޅު ކިޔައިދޭ ގޮތާ މެދުގައެވެ.

އަލް-ޝާންތީގެ އަމާޒު ހުރީ އިނގިރޭސި ބަހުން ރެޕް ކުރުމަށެވެ. އެއީ ވީހާވެސް ގިނަ ބަޔަކަށް އޭނާގެ މެސެޖު ފޯރުކޮށްދިނުމުގެ ބޭނުމުގައެވެ. ރެޕް ކުރުމުގެ ދާއިރާއިން ކުރިއަށް ދިއުމުގެ އަޒުމުގައި ހުރި ޢަބްދުއްރަޙްމާން އަލް-ޝާންތީ މިހާރު ދަނީ އަމިއްލަ އަލްބަމެއްގެ މަސައްކަތްވެސް ކުރަމުންނެވެ. އޭނާގެ އުއްމީދަކީ، ކޮންމެވެސް ދުވަހަކުން އެމެރިކާއަށް ގޮސް، މިއުޒިކީ ދުނިޔޭގެ މަޝްހޫރު ފަންނުވެރިންނާ ބައްދަލުކޮށްލުން ކަމަށް ޢަބްދުއްރަޙްމާން އަލް-ޝާންތީ ބުނެއެވެ.