ޗައިނާއިން ލައިވް ވަޒަން ބޭނުން ކޮށްގެން އަސްކަރީ ތަމްރީނުތަކެއް ކުރިއަށް ގެންދިޔަ، އުދުހުން މަނާ ސަރަހައްދަކަށް، އެމެރިކާއިން ޖާސޫސީ މަތިންދާބޯޓު ފޮނުވި ކަމަށް ޗައިނާއިން ބުނެފިއެވެ.

އަސްކަރީ ތަމްރީނުތަކެއް ކުރިއަށް ގެންދިޔަ، އުދުހުން މަނާ ސަރަހައްދަކަށް އެމެރިކާއިން ޖާސޫސީ މަތިންދާބޯޓު ފޮނުވައިގެން އުދުއްސުމަކީ، ރުޅި އެރުވުމަށް ގަސްތުގައި ކުރި ޖެއްސުމެއް ކަމަށް ޗައިނާއިން ސިފަ ކުރެއެވެ.

އެމެރިކާއިން ހިންގާ ސާވޭލަންސްގެ ޝަކުވާތައް ޗައިނާއިން އުފުލާއިރު، އެމެރިކާއިން ވަނީ، ޗައިނާއިން ނުރައްކާތެރި ގޮތް ގޮތަށް އެމެރިކާގެ ބޯޓުތަކަށް ހުރަސް އަޅާ ކަމަށް ބުނެފައެވެ. މިއީ ޒަމާންވީ ހަތުރުންގެ މެދުގައި އާންމުކޮށް ބަދަލު ކުރެވޭ ބަހުގެ ހަމަލާތަކަކަށް ވީ ނަމަވެސް، ޗައިނާއިން މިހާ ފާޅުގައި މިފަދަ ޝަކުވާއެއް ފެންމަތި ކުރުމަކީ މަދުން ނޫނީ ނުވާ ކަމެކެވެ.

ޗައިނާގެ ދިފާއީ ވުޒާރާގެ ތަރުޖަމާނު ވޫ ކިއާންއާ ހަވާލާދީ ޗައިނާގެ މީޑިއާއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި އެމެރިކާގެ އަސްކަރިއްޔާގެ ޖާސޫސީ މަތިންދާ ބޯޓު، ޗައިނާގެ އުތުރުގެ ސަރަހައްދުގައި އުދުހުނީ ދޭދޭ ގައުމުގެ މެދުގައި އެކުލަވާލާފައިވާ ރައްކާތެރި ކަމުގެ ގަވައިދާ ހިލާފަށެވެ. މިކަމުގެ ސަބަބުން އޮޅުމެއް އެރުމުގެ ފުރުސަތު ބޮޑު ކަމަށާ، އަދި އެކަމުގެ ނަތީޖާއެއްގެ ގޮތުން އެކްސިޑެންޓެއް ހިނގުން ގާތް ކަމަށްވެސް ޗައިނާއިން ވަނީ ބުނެފައެވެ. މިފަދަ ގޮތް ގޮތަށް ޗައިނާއަށް ޖެއްސުން ކުރުމަކީ އެ ގައުމުން ބަލައިގަންނާނެ އަމަލުތަކެއް ނޫން ކަމަށްވެސް ޗައިނާއިން ބުނެއެވެ.

އެމެރިކާގެ އަސްކަރިއްޔާއަކީ، ޓައިވާންއާއި ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދުގައި ތަމްރީނުތައް ހިންގާ ފައުޖެކެވެ. މި ސަރަހައްދަކީ، އެ ތަނެއްގެ މިލްކިއްޔާތާ މެދު ޗައިނާއިން ތަކުރާރުކޮށް ވަކާލާތު ކުރަމުން އަންނަ ސަރަހައްދެއްވެސްމެއެވެ.