ކޮވިޑް-19 ޖެހިވަޑައިގެން އެޑްމިޓް ކޮށްފައި ވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ހާލުކޮޅު ރަނގަޅު ކަމަށް އާއިލާއިން ބުނެފިއެވެ.

ރައީސް މައުމޫންގެ ދަރިކަނބަލުން ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވީ، އެމަނިކުފާނުގެ ހާލު ރަނގަޅު ކަމަށާއި އަލާމާތްތައް ހުރީ ކުޑަކޮށް ކަމަށެވެ.

ރައީސް މައުމޫން ކޮވިޑަށް ޕޮޒިޓިވް ވެފައި ވާކަން އެމަނިކުފާނު ރޭ ވަނީ ކަށަވަރު ކޮށްދެއްވާފައެވެ. އަދި އެކަން ހިއްސާ ކުރެއްވި ތާ މާގިނަ އިރުތަކެއް ނުވެ އެމަނިކުފާނު ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓްކޮށް ފަރުވާދޭން ވަނީ ފަށާފައެވެ.

ރައީސް މައުމޫން ކޮވިޑަށް ޓެސްޓު ކުރެއްވީ ހުމުގެ އާލާސްކަންފުޅެއްގައި އުޅުއްވާތީ އިއްޔެއެވެ. އެމަނިކުފާނު ކޮވިޑަށް ޕޮޒިޓިވް ވެފައި ވާކަން ހާމަކުރެއްވުމާ އެކު ގިނަ އަދަދެއްގެ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި އެމަނިކުފާނަށް ހެޔޮ ދުއާ ކޮށް އަވަސް ޝިފާއަކަށް އެދެމުންނެވެ. އޭގެ ތެރޭގައި ސިޔާސީ އިސް ލީޑަރުންވެސް ހިމެނިވަޑައިގަންނަވައެވެ.

ކޮވިޑަކީ އުމުރުން ދުވަސްވީ ފަރާތްތަކަށް އޭގެ ނުރައްކާ ބޮޑު ބައްޔަކަށް ވާއިރު އުމުރުން 82 އަހަރުފުޅުގެ ރައީސް މައުމޫނަކީވެސް ބަލީގެ ހައި ރިސްކު ކެޓަގަރީގެ ބޭފުޅެކެވެ.

މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހި އެންމެ ގިނައިން ނިޔާވެފައި ވަނީވެސް އުމުރުން ދުވަސްވީ މީހުންނެވެ.