ރަޝިއާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވާލްނީ ވިހަކޮށްލުމުގެ ފަހަތުގައި، ނަވާލްނީގެ ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެފައިވާ އެ ގައުމުގެ ރައީސް ވްލޭޑްމިއާ ޕޫޓިންގެ ދައުރެއް އޮތް ކަމަށް ދެކެވޭ ވާހަކަތައް، ރަޝިއާ ސަރުކާރުން ދޮގު ކޮށްފިއެވެ.

ސަރުކާރުގެ ތަރުޖަމާނު ޑިމިޓްރީ ޕެސްކޯފް ވިދާޅުވީ، ނަވާލްނީގެ ހާދިސާއާ ގުޅިގެން އަމާޒު ކުރަމުންދާ ތުހުމަތުތަކުގައި އެއްވެސް ވަރެއްގެ ހަގީގަތެއް އެކުލެވިގެން ނުވާ ކަމަށާ، މި ތުހުމަތުތަކަކީ ސީރިއަސް މޭރުމަކުން ރިއާޔަތް ކުރެވޭނެ ތުހުމަތުތަކެއް ނޫން ކަމަށެވެ.

ނަވާލްނީއަށް މިވަގުތު ފަރުވާ ދެމުންދަނީ ޖަރުމަނުވިލާތުގައެވެ. ޖަރުމަނުވިލާތުގައި ނަވާލްނީއަށް ފަރުވާ ދެމުންދާ ޑޮކްޓަރުން ވަނީ، އޭނާއަށް ވިހައެއް ދީފައިވާކަމަށް ނިންމަވާފައެވެ. ކަންމިހެން އޮތްއިރު، ޕެސްކޯފް ވަނީ، އެހާ އަވަހަށް އެފަދަ ނިންމުމެއް ނިންމީ ކީއްވެތޯ ސުވާލު ކުރައްވާފައެވެ.

ނަވާލްނީއަށް ސިއްހީ މައްސަލަތަކެއް ކުރިމަތިވެ، ކޯމާއަކަށް ދިޔައީ ޓޮމްސްކްއިން މޮސްކޯއަށް ދަތުރުކުރަމުންދިޔަ ފްލައިޓް މަތީގައެވެ. ނަވާލްނީގެ ސަޕޯޓަރުން ދަނީ، ޓޮމްސްކްގެ އެއާޕޯޓްގައި ނަވާލްނީ ބުއި ސައިތައްޓަށް ވިހަލާފައިވާކަމަށް ތުހުމަތު ކުރަމުންނެވެ.

ފްލައިޓް މަތީގައި ކުރިމަތިވި ސިއްހީ މައްސަލަތަކާއެކު، އެ ފްލައިޓް ޑައިވާޓް ކުރީ އޮމްސްކްއަށެވެ. އޮމްސްކްގައި 3 ދުވަހު ފަރުވާ ދިނުމަށްފަހު ނަވާލްނީ ވަނީ ޖަރުމަނުވިލާތުގެ ވެރިރަށް ބާލިންއަށް ބަދަލުކޮށްފައެވެ. ބާލިންގެ ޑޮކްޓަރުން ވިދާޅުވާ ގޮތުގައި ނަވާލްނީގެ ހާލު ސީރިއަސްއެވެ. ނަމަވެސް އޭނާގެ ފުރާނައަށް ނުރައްކަލެއް ނެތް ކަމަށްވެސް ޑޮކްޓަރުން ވިދާޅުވެއެވެ.

ރަޝިއާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވާލްނީ/ފޮޓޯ: ޓެލާ ރިޕޯޓް

ރަޝިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގޭގެ ރައީސް ވިޔަޗެސްލާފް ވޮލޯޑިން ވަނީ، މިކަމުގައި ބޭރުގެ ބާރުތަކެއްގެ އަތެއްވޭތޯ ތަހުގީގު ކުރުމަށް ކޮމިޓީއަކަށް ގޮވާލައްވާފައެވެ. މިކަމުގައި ބޭރުގެ އަތެއް ވާކަމަށް ތުހުމަތު ކުރަނީ، ރަޝިއާގެ ދާހިލީ މަސްރަހު ނުތަނަވަސް ކުރުމުގެ ރޫހުގައި ކަމަށް ޚަބަރު ލިބެއެވެ.

ނަވާލްނީއަށް ފަރުވާ ދެމުންދާ ޖަރުމަނުވިލާތުގެ ޗާންސެލާ އެންހެލާ މާކޭލްގެ އިތުރުން ވިލާތުގެ އިއްތިހާދުންވެސް ވަނީ ނަވާލްނީގެ ހާދިސާގެ މިނިވަން، ދެފުށް ފެންނަ ތަހުގީގެއް ހިންގުމަށް ގޮވާލާފައެވެ.

ޚުދުމުޚުތާރު ވެރިކަމެއްގެ ކުލަތަކާއެކު ރައީސް ކަމުގެ ދައުރުތައް ކަށަވަރު ކުރައްވަމުން އަންނަ ޕޫޓިންގެ ސިޔާސީ ވާދަވެރިންނާ، ފާޑުކިއާފަރާތްތަކަށް މިފަދަ ހާލަތްތައް މާޒީގައި ކުރިމަތިވެފައިވާއިރު، އެ ހުރިހާ ތުހުމަތުތަކަށްވެސް ރަޝިއާ ސަރުކާރުން އިންކާރު ކުރެއެވެ.