ކޮވިޑް 19 އާ ގުޅިގެން ރާއްޖެއަށް ގެންނަން އުޅުނު ވެންޓިލޭޓަރުތައް ގެނައުން ލަސްވެފައިވާ ކަމަށް ގަބޫލު ކުރައްވާ ކަމަށާއި ނަމަވެސް އެ ވެންޓިލޭޓަރުތަަކަކީ ނުލިބޭނެ ތަކެތި ކަމަށް ގަބޫލު ނުރައްވާ ކަމަށް ހެލްތު މިނިސްޓަރު އަބުދުﷲ އަމީން ވިދާޅުވެއްޖެއެވެ.
އަމީން އެހެން ވިދާޅުވެފައި ވަނީ ބިޑް ކޮމިޓީގެ މެންބަރުން ހާޒިރު ކޮށްގެން މިއަދު މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ކުރިއަށް ދިޔަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން އެބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ ވެންޓިލޭޓަރުތައް ގެނައުމަށް މަސައްކަތްތައް އޮޑިޓު ރިޕޯޓު ނެރުމާ ހަމައަށް ކުރެއްވި ކަމަށާއި މިހާރު ވެސް މުއާމަލާތްތައް ކުރެވެމުން އަންނަ ކަން ގަބޫލު ކުރައްވާ ކަމަށެވެ.
އަމީން ވިދާޅުވީ "އެގްޒެކިއުޓާޒް ޖެނެރަލް ޓްރޭޑިންގް" ކުންފުންޏަށް ލާރި ދެއްކުމުގައި ހުރި ކަންކަމުގައި އެއްބަސްވުމަކަށް އަންނަން ޖެހިގެން އެ އެއްބަސްވުމުގައި ދިގުލައިގެން ދިޔަ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި އެ ގެއްލިއްޖެ ކަމަށް ކަނޑައަޅާ ހާލަތަކަށް ނުދާ ކަމަށް އަމީން ވިދާޅުވިއެވެ.
އަމީން ވިދާޅުވީ އެ ވެންޓިލޭޓަރުތައް ނާންނާނެ ކަމަށް އަދި ގަބޫލު ނުކުރައްވާ ކަމަށެވެ.
ކޮވިޑާ ގުޅޭ ހެލްތުގެ އޮޑިޓް ރިޕޯޓުގައި ފާހަގަ ކޮށްފައިވާ މައްސަލަތަކާ ގުޅިގެން މިނިސްޓަރު އަބްދުﷲ އަމީން ވަނީ މަސައްކަތުން އެކަހެރިވެވަޑައިގެންފައެވެ.
އަމީން އެގޮތަށް ނިންމެވި އިރު، ރައީސް ވަނީ އޭސީސީ އާއި ފުލުހަށް ހެލްތް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުން ފާހަގަކުރެވުނު ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރުމަށް އަންގަވާފައެވެ. އަދި ޓޫރިޒަމް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުވެސް ތަހުގީގު ކުރުމަށް އޭސީސީއަށް ވެސް ވަނީ ރައީސް އަންގަވާފައެވެ.
މި ކަމާ ގުޅިގެން ހެލްތް މިނިސްޓްރީގެ ބައެއް މުވައްޒަފުންވެސް ވަނީ ސަސްޕެންޑްކޮށްފައެވެ.