200 ވެންޓިލޭޓަރު ހޯދުމުގައި ކޮރަޕްޝަންގެ އެއްވެސް އަމަލެއް ނުވަތަ ވައްކަމެއް ކުރުމުގެ ނިޔަތުގައި މިނިސްޓްރީގެ އެއްވެސް މުވައްޒަފަކު އަމަލު ކޮށްފައި ނުވާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީގެ މެންބަރުން ހާޒިރު ކޮށްގެން މިއަދު މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ކުރިއަށް ދިޔަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ ކޮވިޑް19 އާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ގަތުމުގައި މިނިސްޓްރީގެ އެއްވެސް މުވައްޒަފަކު ނާޖާއިޒު ފައިދާއެއް ނަގާފައި ނުވާނެ ކަމަށެވެ.
ހަމައެހެންމެ ކޮވިޑް އާ ގުޅިގެން މިނިސްޓްރީން ކުރި ހަރަދު ތަކުގައިި ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރި ވުމުގެ ނިޔަތުގައި ވެސް އެއްވެސް މުވައްޒަފަކު އަމަލުކޮށްފައި ނުވާނެ ކަމަށް އަމީން ވިދާޅުވިއެވެ.
މިނިސްޓްރީގެ ހުރިހާ މުވައްޒަފުންވެސް މަސައްކަތް ކުރަމުން ގެންދިޔައީ ތެދުވެރިކަމާއި އިހުލާސްތެރިކަމާ އެކުގައި ކަމަށް އަމީން ވަނީ ވިދާޅުވެފައެވެ.
އަމީން ވިދާޅުވި ގޮތުގައި ކޮވިޑް-19 ޖެހޭ ބަލި މީހުންނަށް ފަރުވާ ދިނުމަށް 75 ވެންޓިލޭޓަރު ގެނައުމަށް ހަވާލުކުރި ދުބާއީގެ "އެގްޒެކިއުޓާޒް ޖެނެރަލް ޓްރޭޑިން" ކުންފުންޏާ ހަވާލުކުރީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވެސް އެގޮތަށް އިރުޝާދު ދީފައި ވާތީއެވެ.
އޭގެ އިތުރުން އެޖަމިއްޔާއާ އެކުގައި ބޭއްވި އެއްވެސް މަޝްވަރާ ބައްދަލުވުމަކީ ސިއްރު ބައްދަލުވުން ތަކެއް ކަމަށް އޮޑިޓު އޮފީހުން ފާހަގަ ކުރި ކަމަށް ބަޔާން ކޮށްފައި ވީ ނަމަވެސް އެއީ ސިއްރު ބައްދަލުވުން ތަކެއް ނޫން ކަމަށް އަމީން ވަނީ ފާހަގަ ކުރައްވާފައެވެ.
ކޮވިޑާ ގުޅޭ ހެލްތުގެ އޮޑިޓް ރިޕޯޓުގައި ފާހަގަ ކޮށްފައިވާ މައްސަލަތަކާ ގުޅިގެން މިނިސްޓަރު އަބްދުﷲ އަމީން ވަނީ މަސައްކަތުން އެކަހެރިވެވަޑައިގެންފައެވެ.
މަސައްކަތުން އެކަހެރިވެވަޑައިގަތުމަށް އެދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މިނިސްޓަރު އަމީން ވަނީ ސިޓީއެއް ފޮނުއްވާފައެވެ. އެ ސިޓީގައި މިނިސްޓަރު އަމީން ވިދާޅުވީ، ކަމާ ގުޅޭ މުއައްސަސާތަކުން މައްސަލަ ތަހުގީގުކޮށް ގޮތެއް ނިންމަން ދެން ނުވަތަ ރައީސް ވަކި ގޮތެއް އަންގަވަންދެން ހެލްތު މިނިސްޓްރީގެ މަސައްކަތްތަކުން އެކަހެރިވެވަޑައިގަތުމަށް ގަސްދު ކުރައްވާ ކަމަށެވެ.
އަމީން އެގޮތަށް ނިންމެވި އިރު، ރައީސް ވަނީ އޭސީސީ އާއި ފުލުހަށް ހެލްތް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުން ފާހަގަކުރެވުނު ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރުމަށް އަންގަވާފައެވެ. އަދި ޓޫރިޒަމް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުވެސް ތަހުގީގު ކުރުމަށް އޭސީސީއަށް ވެސް ވަނީ ރައީސް އަންގަވާފައެވެ.
މި ކަމާ ގުޅިގެން ހެލްތް މިނިސްޓްރީގެ ބައެއް މުވައްޒަފުންވެސް ވަނީ ސަސްޕެންޑްކޮށްފައެވެ.