މަށިން ހަދާފައިވާ ޖާޑިއެއްގައި ރައްކާ ކޮށްފައިވާ 425 ރަން ފައިސާ ފޮތި، އިސްރާއީލުގެ ޒުވާނުންތަކެއް ހޯދައިފިއެވެ.

އިސްރާއީލުގެ މެދު ތެރޭގެ އާސާރީ ސަރަހައްދެއް ކޮންނަމުން ދިޔަ އިރު ފެނުނު މި ރަން ފައިސާ ފޮތިތައް، އެ ޖާޑީގައި ރައްކާކޮށްފައި ހުންނަތާ 1100 އެއްހާ އަހަރު ވެދާނެ ކަމަށް ޚަބަރު ލިބެއެވެ.

މި ޖާޑީގައި ހުރި ގިނަ ފައިސާ ފޮއްޗަކީ، އައްބާސީ ހިލާފަތުގެ ދުވަސްވަރަށް ނިސްބަތްވާ ފައިސާތަކެއް ކަމަށް މައުލޫމާތު ލިބެއެވެ. އޭރު މި ބިން އޮތީ އައްބާސީ ހިލާފަތުގެ ދަށުގައެވެ.

ފައިސާ ފޮތިތަކުގެ ބަރުދަނުގައި 845 ގުރާމް ހުރިއިރު، މިއީ މި ޖާޑި ވަޅުލި ދުވަސްވަރާ އަޅާ ބަލާއިރު ބޮޑު އަގެއް ކަމަށް ބުނެވެއެވެ. އެއީ ހިލާފަތުގެ ސިޓީތަކުން ސިޓީއަކުން އެންމެ ފެންވަރު ރަނގަޅު ގެއެއް ގަނެވޭނެ އަގެއް ކަމަށްވެސް ބުނެވެއެވެ.

އައްބާސީ ހިލާފަތުގެ ދުވަސްވަރަށް ނިސްބަތްވާ ފައިސާ ފޮތިތައް/ފޮޓޯ: ރޮއިޓާޒް

ސަރަހައްދު ކޮނުމުގެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވާ ލިއާތް ނާދާވް-ޒީވް އާއި އެލީ ހައްދާދު ބުނީ، މި ފައިސާތައް ފޮރުވި މީހަކު އެކަން ކޮށްފައިވަނީ ފަހުން ނަގަން ވިސްނައިގެން ކަމަށާ، އެއްތަނުން އަނެއް ތަނަށް އެ ޖާޑި ނުގުޑާނެ ގޮތަށް ޖާޑިއަށް މޮހޮރު ޖަހާފައިވާކަމަށެވެ.

ފައިސާ ޖާޑިއަކީ ކާކަށް ނިސްބަތްވާ ޖާޑިއެއް ކަމެއް، ނުވަތަ އެ ފައިސާތައް ބަލާ އެ ފަރާތަކުން ފަހުން އައިސްފައި ނުވަނީ ކީއްވެކަމެއް އަދި ސާފެއް ނުވެއެވެ.

ޖާޑި ހޯދި ޒުވާނުންގެ ތެރޭގައި ހިމެނޭ އޮޗް ކޯހެން ބުނީ ކޮންނަމުންދިޔައިރު ތުނި ފަތްތަކެއް ޒާތުގެ އެއްޗެއް ފާހަގަ ކުރެވުނު ކަމަށާ، ނަމަވެސް ރަނގަޅަށް ބަލާލުމުން އެއީ ރަން ފައިސާ ފޮތިތަކެއް ކަން އެނގުނު ކަމަށެވެ.

ފައިސާގެ ތަޖުރިބާކާރެއް ކަމަށްވާ ރޮބާޓް ކޫލް ބުނީ އިސްރާއީލުން ފެނުނު ޖާޑީގައި ހުރީ ރަން ދީނާރު ކަމަށާ، އޭގެ ދީނާރުން ބައިކޮށްފައިވާ ރަން ކޮޅުތަކެއްވެސް ހުރި ކަމަށެވެ. އެއީ ވަކިލާރީގެ ގޮތުގައި ބޭނުން ކުރަން ހުރި އެތިކޮޅުތަކެއް ކަމަށް ބެލެވޭ ކަމަށެވެ.