ހުރިހާ ކޮޅަކުން ބައްދާލާފައިވާ ގައްޒާގައި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ކޮމިއުނިޓީ ޓްރާންސްމިޝަންއެއް ހިނގާފައިވާކަމަށް ބުނެ، ލޮކްޑައުންގެ އަމުރު އިއުލާން ކޮށްފިއެވެ.

ކޮމިއުނިޓީ ޓްރާންސްމިޝަން ނުވަތަ އާބާދީގެ މެދުގައި ބަލިމަޑުކަން ފެތުރެން ފަށާފައިވާކަމަށް ބުނެ، ގައްޒާ ލޮކްޑައުން ކޮށްފައިވަނީ 48 ގަޑިއިރުގެ މުހުލަތަކަށެވެ.

ގައްޒާގެ ސަރުކާރުން އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ ކޮވިޑް-19ގެ 4 ކޭހެއް ފެނިފައިވާ ކަމަށާ، އެ 4 ކޭސް ވެސް ފެނިފައިވަނީ އެއް އާއިލާއަކުން ކަމަށެވެ. ނަމަވެސް، ގައްޒާ ކޮންޓްރޯލް ކުރަމުންދާ ހަމާސް ޖަމާއަތުން ވަނީ، ލޮކްޑައުންގެ އަމުރު، މުޅި ގައްޒާ ސަރަހައްދަށް ތަންފީޒު ވެގެންދާނެ ކަން ހާމަކޮށްފިއެވެ.

މުޅި ފަލަސްތީނަށް ބަލާއިރު އިއްޔެ އެކަނިވެސް 411 ކޭހަކާ، މަރުގެ 5 ރިޕޯޓް ރެކޯޑް ކޮށްފައިވެއެވެ. މިއާއެކު ފަލަސްތީނުން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދު ވަނީ 19213 އަށް އަރާފައެވެ. މީގެ ތެރެއިން 11870 މީހަކަށް ޝިފާ ލިބި، ބަލިން ރަނގަޅުވެފައިވާކަމަށް ރެކޯޑްތަކުން ދައްކައެވެ. ފަލަސްތީނުން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 133 މީހެއްގެ ފުރާނަ ގެއްލިފައިވާކަމަށް މައުލޫމާތު ލިބެއެވެ.