ހިޔާ މަޝްރޫއުގައި ހިމެނޭ 5 ކެޓަގަރީއަކުން ފްލެޓް ދޭ އަދަދު އުނިކޮށްފައި ވަނީ މާލެ ރަށްވެހިންނަށް އިސްކަން ދިނުމުގެ ގޮތުން ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ފްލެޓް ކޮމިޓީން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަަމުން ހައުސިން މިނިސްޓަރު ވިދާޅުވީ، ފޯމްތައް އިވޭލުއޭޓް ކުރުމަށް ފަހު ނުކުތް ނަތީޖާއިން އެނގިފައި ވަނީ މާލޭގެ ރަށްވެހިންނަށް އަދި މިވަރަކުން ނުފުދޭނެ ކަމަށެވެ. މާލޭ ރަށްވެހިންގެ ކެޓަގަރީގައި ހިމެނޭ މީހުންނަކީ މާލެއަށް އުފަން އަދި މާލޭގައި 600 އަކަފޫޓަށް ވުރެ ކުދި ބިމުގައި ދިރިއުޅެމުން އަންނަ މީހުން ކަމަށް އަސްލަމް ވިދާޅުވިއެވެ.
އެމީހުންނަކީ މާލެ ނޫން އެހެން ރަށަކުން ބޯހިޔާވަހިކަން ލިބޭނެ ބައެއް ނޫން ކަމަށާއި އެމީހުންނަށް އުޅެން ޖެހިފައި ވަނީ މާލޭގައި ކަމަށް ވާތީ މާލޭ ރަށްވެހިންގެ ކެޓަގަރީއަށް 70 ޕަސެންޓް އިތުރުކޮށްފައިވާ ކަމަށް އަސްލަމް ވިދާޅުވިއެވެ. އެގޮތުން މިދިޔަ ސަރުކާރުން ހިޔާ މަޝްރޫއުގެ މާލެ ރަށްވެހިންގެ ކެޓަގަރީން ދޭން ނިންމާފައި ވަނީ 1000 ފްލެޓް ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް މިހާރު އެ އަދަދު ވަނީ 1772 އަށް އިތުރު ކޮށްފައެވެ.
ހިޔާ މަޝްރޫއު ފްލެޓް ކެޓަގަރީތަކަށް ގެނައި ބަދަލުތަކުގެ ތެރެއިން މާލެ ރަށްވެހިން ކެޓަގަރީން ފްލެޓް އިތުރު ކުރި އިރު، 5 ކެޓަގަރީއަކުން ވަނީ ފްލެޓްތައް މަދުކޮށްފައެވެ. އެ ގޮތުން މަދުކޮށްފައި ވަނީ ޑޮކްޓަރުންނާއި ނަރުހުންނަށް ހާއްސަ ކެޓަގަރީންނާއި، ޓީޗަރުންނަށް ހާއްސަ ކެޓަގަރީންނާއި، އެކަނިވެރި މައިންނާއި ބަފައިންނަށް ހާއްސަ ކެޓަގަރީންނާއި 18 އަހަރާއި 40 އަހަރާ މެދުގެ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ހާއްސަ ކެޓަގަރީގެ އިތުރުން ގުޅީފަޅު / ގާކޮށި އަރަބިއްޔާއިން ފްލެތް ނުލިބުނު ފަރާތްތަކުގެ ކެޓަގަރީއެވެ.
ޑޮކްޓަރުންނާއި ނަރުހުންނަށް ހާއްސަ ކެޓަގަރީން ކުރިން ދިނުމަށް ނިންމާފައި ވަނީ 475 ފްލެޓެވެ. ނަމަވެސް މިހާރު ވަނީ 233 ފްލެޓަށް އަދަދު މަދުކޮށްފައެވެ. ޓީޗަރުންނަށް ހާއްސަ ކެޓަގަރީން ކުރިން ދޭން ނިންމާފައި ވަނީ 625 ފްލެޓެވެ. ނަމަވެސް މިހާރު ވަނީ 523 ފްލެޓަށް އަދަދު މަދުކޮށްފައެވެ. އެކަނިވެރި މައިންނާއި ބަފައިންނަށް ހާއްސަ ކެޓަގަރީން ކުރިން ދޭން ނިންމާފައި ވަނީ 500 ފްލެޓަށް ވީއިރު މިހާރު ވަނީ 423 ފްލެޓަށް އަދަދު މަދުކޮށްފައެވެ.
މީގެ އިތުރުން 18 އަހަރާއި 40 އަހަރާ ދމެެދުގެ ކައިވެނިކޮށްގެން އުޅޭ ފަރާތްތަކަށް ހާއްސަ ކެތަގަރިން ކުރިން ދޭން ނިންމާފައި ވަނީ 1000 ފްލެޓް، ނަމަވެސް މިހާރު ވަނީ 805 ފްލެޓަށް އަދަދު މަދުކޮށްފައެވެ. އަދި ގުޅީފަޅު ނުވަތަ ގާކޮށި އަރަބިއްޔާއިން ފްލެތް ނުލިބުނު ފަރާތްތަކަށް ކުރިން ދޭން ނިންމާފައި ވަނި 300 ފްލެޓެވެ. ނަމަވެސް މިހާރު މި ކެޓަގަރީން ވަނީ 120 ފްލެޓަށް އަދަދު މަދުކޮށްފައެވެ.