ހިޔާ މަޝްރޫއުގެ ދަށުން ޓީޗަރުންނާއި އެކަނިވެރި މައިންނަށް ދޭ ފްލެޓްގެ އަދަދު މަދުކޮށްފިއެވެ.

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރަމުންދާ 16 އިމާރާތުގައި ހުރި 2 ކޮޓަރީގެ 6720 ފްލެޓްގެ ކެޓަގަރީތަކަށް ކަނޑައެޅިފައިވާ ފްލެޓްތަކުގެ އަދަދަށް ވަނީ ބަދަލު ގެނެސްފައެވެ.

ކުރީ ސަރުކާރުން ފްލެޓްތައް ކަނޑައަލާފައިވާ ގޮތަށް ބަލާއިރު ޓީޗަރުންނަށް ހާއްސަ ކެޓަގަރީން ދިނުމަށް ނިންމާފައި ވަނީ 625 ފްލެޓެވެ. އެހެން ނަމަވެސް މިހާރު ދިނުމަށް ހަމަޖައްސާފައި ވަނީ 523 ފްލެޓެވެ.

އެކަނިވެރި މައިންނާއި ބަފައިންނަށް ހާއްސަ ކެޓަރީއަށް ބަލާއިރު މީގެ ކުރިން ދިނުމަށް ހަމަޖެހިފައި ވަނީ 500 ފްލެޓެވެ. ނަމަވެސް މިހާރު ދިނުމަށް ހަމަޖައްސާފައި ވަނީ 423 ފްލެޓެވެ.

އޭގެ އިތުރުން ޑޮކްޓަރުންނާއި ނަރުހުންނަށް ހާއްސަ ކެޓަގަރީއިން ވެސް ވަނީ ފްލެޓް މަދުކޮށްފައެވެ. އެގޮތުން މީގެ ކުރިން އެކެޓަގަރީން ދިނުމަށް ހަމަޖެހިފައިވަނީ 475 ފްލެޓެވެ. ނަމަވެސް މިހާރު އެއަދަދު ވަނީ 233 އަށް ހަދާފައެވެ.

ބައެއް ކެޓަގަރީތަކުން ފްލެޓް މަދު ކުރި ނަމަވެސް ބައެއް ކެޓަގަރީތަކުން ވަނީ ފްލެޓްތައް އިތުރުކޮށްފައެވެ. އެގޮތުން މާލޭ ރަށްވެހިންނަށް ހާއްސަ ކެޓަގަރީން ފްލެޓް ވަނީ އިތުރު ކޮށްފައެވެ. ކުރިން ދިނުމަށް ހަމަޖެހިފައި ވަނީ 1000 ފްލެޓެވެ. ނަމަވެސް މިހާރު ދިނުމަށް ހަމަޖެހިފައި ވަނީ 1772 ފްލެޓެވެ.

މީގެ ކުރިން ޖުމްލަ 6744 ފްލެޓް ދިނުމަށް ވަނީ ނިންމާފައެވެ. ނަމަވެސް މިހާރު ދިނުމަށް ހަމަޖެހިފައި ވަނީ ޖުމްލަ 6720 ފްލެޓެވެ.

ބައެއް ކެޓަގަރީން ފްލެޓް މަދުވީ ބެލި ބެލުމުން ޝަތުރު ހަމަނުވާ ފަރާތްތައް ތިބުމުން ކަމަށާއި މާލެ ކެޓަގަރީއަށް އިތުރުވީ މާލެ ރަށްވެހިންނަށް އިސްކަން ދިނުމުގެ ސިޔާސަތުގެ ދަށުން ކަމަށް ފްލެޓް ކޮމެޓީން ވަނީ ބުނެފައެވެ.