އަފްގާނިސްތާނުގައި ސުލްހަ ގާއިމު ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މައި ސަރުކާރާއެކު ކުރިއަށް ގެންދާ ސުލްހައިގެ މަޝްވަރާތަކުގައި، ތޯލިބާން ޖަމާއަތުގެ ފަރާތުން ބައިވެރިވާނެ މަޝްވަރާ ޓީމު އެކުލަވާލާ ނިމިފައިވާކަމަށް ތޯލިބާނުންގެ ފަރާތުން އިސްކޮށް ވަކާލާތު ކުރަމުންދާ މުޙައްމަދު ޢައްބާސް ސްޓަނިކްޒާއީ ހާމަކޮށްފިއެވެ.

ތޯލިބާނުންގެ މަޝްވަރާ ޓީމަކީ، އެ ޖަމާއަތުގެ އިސްވެރިޔާ މުއްލާ ހައިބައްތުﷲ އަޚުންޒާދާ އަމިއްލައަށް އަތްފުނާ އަޅައިގެން އެކުލަވާލި 20 މެމްބަރުންގެ ޓީމެއް ކަމަށާ، އެ ޓީމުގައި ހިމެނޭ 13 މެމްބަރުންނަކީ ތޯލިބާން ލީޑާޝިޕް ކައުންސިލްގެ މެމްބަރުން ކަމަށްވެސް ސްޓަނިކްޒާއީ ވަނީ ހާމަކޮށްފައެވެ.

ތޯލިބާނުންގެ މަޝްވަރާ ޓީމަށް ލިބިގެންވާ އިމްތިޔާޒާ ބާރުތަކުގެ ތެރޭގައި މަޝްވަރާގެ އެޖެންޑާ ކަނޑައެޅުމާ، އިސްތިރާޖުތައް ކަނޑައެޅުމުގެ އިތުރުން، އަފްގާނިސްތާނުގެ މައި ސަރުކާރާއެކު އެކުލަވާލާ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ ބާރުވެސް އޮންނަކަމަށް ސްޓަނިކްޒާއީ ބުނެއެވެ. ސްޓަނިކްޒާއީ ސިފަކުރި ގޮތުގައި މިއީ ކަންކަން ނިންމުމުގެ ފުރިހަމަ ބާރު ލިބިފައިވާ ވަރުގަދަ ޓީމެކެވެ.

ހަމަނުޖެހުންތަކާ ހަނގުރާމަ ދިގުލާ ގޮސްފައިވާ އަފްގާނިސްތާނު ސުލްހަ ކުރުމަށް އެމެރިކާ އިސް ދައުރެއް އަދާކުރަމުންދާ މަޝްވަރާތައް، ގަތަރުގެ ވެރިރަށް ދޯހާގައި ފަށަން ހަމަޖެހިފައި އޮތީ މިމަހުގެ 20 ވަނަ ދުވަހުއެވެ. ނަމަވެސް، އެކި ސަބަބުތަކާއެކު މިމަޝްވަރާތައް އަދިވެސް ދަނީ ނުފެށި، ލަސްވަމުންނެވެ. މިމަޝްވަރާތައް މައިގަނޑު ގޮތެއްގައި އަމާޒު ކުރަނީ ހަނގުރާމައަށްފަހު އަފްގާނިސްތާނު ކުރިއަށް ދާނެ ގޮތުގެ މަގުޗާޓެއް އެކުލަވާލުމަށް ކަމަށް މައުލޫމާތު ލިބެއެވެ.