ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް އަނެއްކާވެސް އިތުރު ވާން ފަށާފައި ވީ ނަމަވެސް، އިތުރު ލޮކްޑައުންއަކަށް ދިއުމުގެ ވިސްނުމެއް ނުގެން ގުޅޭ ކަމަށް އިޓަލީވިލާތުގެ ސަރުކާރުން ހާމަކޮށްފިއެވެ.

އިޓަލީވިލާތަކީ ކޮވިޑް-19ގެ ބަލިމަޑުކަމުގައި ވިލާތު ބައްރުން އެންމެ ނުރައްކާ ދަރަޖައަކަށް ދިޔަ އެއް ގައުމެވެ. މި ބަލިމަޑުކަމާ ގުޅިގެން އިޓަލީވިލާތުގައި އިއުލާން ކުރި ލޮކްޑައުންގެ ހަރުކަށި އަމުރުތަކަށް މެއި މަހު ލުއި ދިން ފަހުން، މި އޯގަސްޓް މަހު ރެކޯޑް އަދަދަކަށް ކޭސް ރެކޯޑް ކުރަމުންދާކަން ފާހަގަކުރަންޖެހެއެވެ.

ކަންމިހެން އޮތް ނަމަވެސް އަލުން އަނބުރާ ލޮކްޑައުންއަކަށް ނުދާނެ ކަމަށާ، އަދުގެ ހާލަތަކީ ފެބުރުވަރީ މަހާ މާޗް މަހު ފެނިގެންދިޔަ ފަދަ ހާލެއް ނޫން ކަމަށް އިޓަލީވިލާތުގެ ސަރުކާރުން ވަނީ ބުނެފައެވެ. އިޓަލީވިލާތުގެ ސިއްހީ ނިޒާމު މިވަގުތު އޮތީ ކުރިއަށް ވުރެ ވަރުގަދަ ވެފައި ކަމަށް އެގައުމުން ފާހަގަކުރެއެވެ. އެގޮތުން، އައިސީޔޫގެ ބެޑް ކެޕޭސިޓީވެސް މިހާރު ދެގުނަ އިތުރު ކޮށްފައިވާކަމަށް މައުލޫމާތު ލިބެއެވެ.

ކަންމިހެން އޮތް ނަމަވެސް، ކޭސްތައް ރެކޯޑް އަދަދަކަށް ރިޕޯޓް ކުރާ ސަރަހައްދުތަކުގައި ފިޔަވަޅުތައް ހަރުކަށި ނުކުރާނެ ކަމަކަށްވެސް އިޓަލީވިލާތުން ބުނެފައެއް ނުވެއެވެ.