ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ފެތުރުން ކޮންޓްރޯލް ކުރުމަށް ތަންފީޒު ކުރަމުން ދިޔަ ހަރުކަށި ފިޔަވަޅުތަކަށް ލުއި ދީ، މުނިފޫހިފިލުވާ މާލަންތަކާއި ކުޅިވަރު މައިދާންތައް އާންމު އުސޫލުން ހުޅުވަން ފެށުމާއެކު، މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ކޮކާ-ކޯލާ (ކޯކް)ގެ ވިޔަފާރި ހެޔޮ ފާލަކަށް އެޅިފައި ވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ކޯކްގެ ވިޔަފާރި ހެޔޮ ފާލަކަށް އެޅިފައި ވަނީ، ރަޝިއާއިން ޔޫކްރައިންގައި ކުރަމުން ދާ ހަނގުރާމައާ ގުޅިގެން، ރަޝިއާގައި ކޯކް ކުންފުނީގެ އޮޕަރޭޝަންތައް ހުއްޓާލުމާއެކު، ހިންގުމުގެ ހަރަދުތައްވެސް އިތުރު ވެފައި ވާ ދަނޑިވަޅެއްގައެވެ.

ފުރަތަމަ ކުއާޓަރުގައި ކޯކް ކުންފުންޏަށް ސާފު އާމްދަނީގެ ގޮތުގައި 10.49 ބިލިއަން ޑޮލަރު ނުވަތަ ހިއްސާއަކަށް 64 ޕަސެންޓްގެ ކުރިއެރުމެއް ލިބިފައި ވާ ކަމަށް ރެކޯޑްތަކުން ދައްކައެވެ. އެ މުއްދަތުގައި ލިބޭނެ ކަމަށް ކުރިން ލަފާ ކޮށްފައި އޮތީ 9.91 ބިލިއަން ޑޮލަރުގެ އާމްދަނީއެކެވެ.

ވަކިވަކި އުފެއްދުންތަކަށް ބަލާއިރު ކޮކާ-ކޯލާ ޒީރޯ ޝުގާގެ ވިޔަފާރި ވަނީ 14 ޕަސެންޓް މައްޗަށް ޖެހިލާފައެވެ. އަދި އެންމެ އާންމުކޮށް ލިބޭ ސީދާ ކޯކްގެ އުފެއްދުންތަކުގެ ވިޔަފާރި 6 ޕަސެންޓް އިތުރުވިކަން ފާހަގަ ކުރަންޖެހެއެވެ. މިއާއެކު ޖުމުލަ ގޮތެއްގައި ކޯކް ކުންފުނީގެ ލުއިބުއިންތަކުގެ ވިޔަފާރި، 7 ޕަސެންޓް އިތުރުވިކަމަށް މައުލޫމާތު ލިބެއެވެ.

ކަން މިހެން އޮތް އިރު ހަށިގަނޑަށް ފައިދާ ހުރި ބުއިންތަކާ ދިމާއަށް މިސްރާބު ޖަހާ މީހުންގެ އަދަދު އިތުރު ވާ ކަންވެސް ފާހަގަ ކުރަން ޖެހެއެވެ. އެގޮތުން މުހިންމު މާއްދާތައް އެކުލެވޭ ބުއިންތަކާ ޖޫސް ފަދަ ބުއިންތަކުގެ ވިޔަފާރި 12 ޕަސެންޓް އިތުރު ވެފައި ވާއިރު، ހަށިގަނޑުގައި ފެނުގެ މިންވަރު އިތުރު ކުރުމަށް ބޭނުން ކުރާ ބުއިންތަކާއި ސައި އަދި ކޮފީގެ ބުއިންތަކުގެ ވިޔަފާރި 10 ޕަސެންޓް އިތުރުވި ކަންވެސް ފާހަގަ ކުރަންޖެހެއެވެ.