ކުރިއަށް އޮތް ދުވަސްތަކަކީ ފާއިތުވީ 7 އަހަރު ދުވަހުގެ ތެރޭގައި ނުއުފުލޭހާ މައްޗަށް ތެލުގެ އަގު އަގު އުފުލި، ފީފާއެއްގެ އަގު 100 ޑޮލަރަށް އެރުން އެކަށީގެންވާ ދުވަސްތަކެއް ކަމަށް، ބައިނަލްއަގުވާމީ ވިޔަފާރި މުރާސިލުން ލަފާ ކޮށްފިއެވެ.

ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގުތަކަށް އަންނަ ބަދަލު ބެލުމުގައި އެންމެ އާންމު ކޮށް މިން ކުރަމުން އަންނަ އިނގިރޭސިވިލާތުގެ ބްރެންޓް އަދި އެމެރިކާގެ ވެސްޓް ޓެކްސަސް އިންޓަމީޑިއޭޓްގެ އަގުތަކަށް ބަލާއިރު، 2014 ވަނަ އަހަރުގެ ފަހުން، ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު، 100 ޑޮލަރަށް ވުރެ މައްޗަށް އަރާފައެއް ނުވެއެވެ.

ކުރިއަށް އޮތީ ތެލުގެ އަގުތައް އުފުލިގެން ދާނެ ދުވަސްތަކެއް ކަމަށް މުރާސިލުން ލަފާ ކުރި ނަމަވެސް، މާޗް މަހަށް ކަނޑައަޅާފައި ވާ އަގުތަކުން ދެނީ އެހެން މެސެޖެކެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުން މާޗް މަހު ބްރެންޓް ކުންފުނީގެ ފީފާއެއް ވިއްކާނީ 88.38 ޑޮލަރަށް ކަމަށް ވާ އިރު، މިއީ ގާތްގަނޑަކަށް މައިނަސް 1.90 ޕަސެންޓްގެ ވެއްޓުމެކެވެ. ވެސްޓް ޓެކްސަސް އިންޓަމީޑިއޭޓްގެ ފީފާއެއްގެ އަގު 85.55 ޑޮލަރަށް ކަނޑައަޅާފައި ވާ އިރު، މިއީ ގާތްގަނޑަކަށް މައިނަސް 2.06 ޕަސެންޓްގެ ދަށް އަގެކެވެ.

ތެލުގެ ބާޒާރު ދިރާސާ ކުރާ ފަރާތްތަކުން ލަފާ ކުރާ ގޮތުގައި ތެލުގެ އަގުތައް އުފުލޭނެ 4 ސަބަބެއް އެބައޮތެވެ. ފުރަތަމަ ސަބަބަކީ ސަޕްލައިއެވެ. ދުނިޔޭގެ ތެލުގެ ބާޒާރުގައި ސަޕްލައި ކޮންޓްރޯލް ކުރަމުން އަންނަ ގުރޫޕުން އަދިވެސް ދަނީ ތެލުގެ ސަޕްލައި ބޮޑުތަނުން އިތުރު ކުރަން ނުޖެހޭ ކަމަށް ބުނަމުންނެވެ. ދެވަނަ ސަބަބަކީ ތެޔޮ އުފައްދާ ފޮސިލް ފިއުލް ނެގުމުގެ ސިނާއަތުގައި އިންވެސްޓް ކުރުމަށް ނުވަތަ އެފަދަ މަސައްކަތްތަކަށް ލޯނު ދޫކުރުމަށް ފައިސާވެރިން ފަސްޖެހުމެވެ ނުވަތަ މަޑުޖެހުމެވެ.

އިތުރު ސަބަބުތަކުގެ ތެރޭގައި ކޮވިޑްގެ ލޮކްޑައުންއާއި އެނޫންވެސް ހަރުކަށި ފިޔަވަޅުތަކާ އެކުގައިމެ، ދަތުރުފަތުރު މަޑު ނުޖެހުން ހިމެނެއެވެ. އަދި ބަލިމަޑުކަމަށް ނިމުން އައިސްދާނެ ކަމުގެ ތަސައްވުރާ އެކުގައިވެސް ތެލުގެ އަގުތައް އުފުލިގެން ދާނެ ކަމަށް މުރާސިލުން ބުނެއެވެ.