ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ނުރައްކާ އެންމެ ކުޑަ ކަމަށް ފާހަގަ ކުރެވޭ 10 ވަރަކަށް ގައުމުން، ވެކްސިން ފުރިހަމަ ކޮށްފައި ވާ ދަތުރުވެރިންނަށް އެ ގައުމު ހުޅުވާލަން ނިންމާފައި ވާ ކަމަށް ތައިލޭންޑުން ބުނެފިއެވެ.

ތައިލޭންޑްގެ އޮފިޝަލުން ވިދާޅުވީ، ކޮވިޑްގެ ނުރައްކާ އެންމެ ކުޑަ 10 ވަރަކަށް ގައުމުން ވެކްސިން ފުރިހަމަ ކޮށްފައި ވާ މީހުންނަށް ތައިލޭންޑް ހުޅުވާލާނީ އަންނަ ނޮވެމްބަރު 1 ވަނަ ދުވަހުން ފަށައިގެން ކަމަށެވެ.

ބޮޑުވަޒީރު ޕްރާޔޫތު ޝާން-އޮޝާ ވަނީ، މި ނިންމުމަކީ "ރިސްކު" ތަކަކާއެކު އަންނަ ނިންމުމެއް ކަމަށް އިއުތިރާފްވެވަޑައިގެންފައެވެ. ނަމަވެސް، މި ފިޔަވަޅަކީ ތައިލޭންޑްގެ އިނދަޖެހިފައި ވާ ފަތުރުވެރިކަމުގެ ސިނާއަތް ނެގެހެއްޓުމަށްޓަކާ ކޮންމެހެންވެސް މުހިންމު ފިޔަވަޅެއް ކަމަށް އެ ގައުމުން ގަބޫލު ކުރެއެވެ.

ނޮވެމްބަރު މަހު ތައިލޭންޑް ހުޅުވާލާ ބޮޑެތި ގައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތް، ޗައިނާ، ޖަރުމަނުވިލާތް އަދި އެމެރިކާ ހިމެނެއެވެ. ނަމަވެސް ފާއިތުވީ 7 ވަރަކަށް ދުވަހަށް ބަލާއިރުވެސް، އެންމެ ގިނަ އަދަދަކަށް ކޮވިޑް ކޭސް ރެކޯޑް ކުރި ގައުމުތަކުގެ ތެރޭގައި އެމެރިކާ ހިމެނޭކަން ފާހަގަ ކުރަން ޖެހެއެވެ.

ބޮޑުވަޒީރު ވިދާޅުވީ، މި ގައުމުތަކުންވެސް ތައިލޭންޑަށް ދަތުރު ކުރަން ޖެހޭނީ ކޮވިޑަށް ނެގެޓިވް ޓެސްޓަކާ އެކުގައި ކަމަށާ، ތައިލޭންޑަށް އެތެރެ ވުމަށް ފަހު 2 ވަނަ ޓެސްޓެއް ހަދަން ޖެހޭނެ ކަމަށާ، 2 ވަނަ ޓެސްޓުންވެސް ކޮވިޑަށް ނެގެޓިވް ވެއްޖެ ނަމަ، ތައިލޭންޑްގެ ރަށްވެހިން ހާ މިނިވަންކޮށް އެ ގައުމުގައި އުޅެވޭނެ ކަމަށެވެ.

ނަމަވެސް ކޭސް އިތުރު ވަމުން ދާ ނަމަ، ވަގުތުން ވަގުތަށް ފިޔަވަޅު އަޅުއްވާނެ ކަމަށްވެސް ބޮޑުވަޒީރު ވަނީ އިންޒާރު ކުރައްވާފައެވެ.

ކޮވިޑް-19 އިން ރައްކާތެރި ވުމަށް ހަރުކަށި ފިޔަވަޅުތަކެއް ތަންފީޒު ކުރަމުން ދިޔަ ތައިލޭންޑުން ވަނީ އިތުރު ލުއިތަކެއް ދިނުމަށްވެސް ނިންމާފައެވެ. އެގޮތުން، މުނިފޫހިފިލުވުމުގެ މައިދާންތައް، ޑިސެމްބަރު 1 ވަނަ ދުވަހު ހުޅުވަން ނިންމާފައި ވާ ކަމަށް ބޮޑުވަޒީރު ވަނީ އިއުލާން ކުރައްވާފައެވެ. އަދި އިތުރު ގައުމުތަކަކަށް ތައިލޭންޑްގެ ބޯޑަރު، އެ ދުވަހު ހުޅުވާލާނެ ކަމަށްވެސް ބޮޑުވަޒީރު ވަނީ ވިދާޅުވެފައެވެ.

މުޅި ދުނިޔެ އިނދަޖައްސާލި ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން ތައިލޭންޑްގެ ފަތުރުވެރިކަމުގެ ސިނާއަތަށް، 2020 ވަނަ އަހަރު، ގާތްގަނޑަކަށް 50 ބިލިއަން ޑޮލަރުގެ ގެއްލުން ލިބިފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ. މި ހިނގާ 2021 ވަނަ އަހަރު، ތައިލޭންޑުން ކޮންމެވެސް ވަރެއްގެ ލުއި ތަކެއް ދީފައި ވާއިރު، މި އަހަރުގެ ފުރަތަމަ 8 މަސް ދުވަހުގެ ތެރޭގައި އެ ގައުމަށް ޒިޔާރަތް ކޮށްފައި ވަނީ 700000 އެއްހާ މީހުންނެވެ. 2019 ވަނަ އަހަރު، 40 މިލިއަނެއްހާ މީހުން ތައިލޭންޑަށް ޒިޔާރަތް ކުރިއެވެ.

އެމެރިކާގެ ޖޯންސް ހޮޕްކިންސް ޔުނިވާސިޓީގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ކޮވިޑް-19ގެ ބަލިމަޑުކަން ފެށުނު ފަހުން، ތައިލޭންޑުން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 17.7 މިލިއަނަށް ވުރެ މައްޗަށް އަރާފައެވެ. އަދި މި ބަލީގައި ތައިލޭންޑުން މިހާތަނަށް، 18000 އެއްހާ މީހުންގެ ފުރާނަ ގެއްލިފައި ވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.