މުޅި ދުނިޔެ އިނދަޖައްސާލި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ބަލިމަޑުކަމާ ގުޅިގެން ބޭރު ގައުމުތަކުން ހައްޖުވެރިން ބަލައިގަތުން މެދުކަނޑާލާފައި އޮންނަތާ 2 އަހަރަށް ފަހު، ސައުދީ އަރަބިއްޔާއިން މި އަހަރު އެ ފުރުސަތު ހުޅުވާލުމާއެކު އެ ގައުމަށް ދަތުރުކުރި ބިދޭސީ ހައްޖުވެރިންގެ ފުރަތަމަ ގުރޫޕު މަދީނާއަށް ހިނގައްޖެއެވެ.

ކޮވިޑަށް ފަހު ބިދޭސީ ހައްޖުވެރިންނަށް ފުރުސަތު ހުޅުވާލުމާއެކު ސައުދީއަށް ދަތުރުކުރި ފުރަތަމަ ގުރޫޕަކީ މުސްލިމުންގެ އާބާދީ އެންމެ ބޮޑު އިންޑޮނޭޝިއާއިން ދަތުރު ކުރި ގުރޫޕެއް ކަމަށް މައުލޫމާތު ލިބެއެވެ. ހައްޖުގެ އަޅުކަން އެދިގެން އެ ގައުމަށް ދަތުރުކުރި ފުރަތަމަ ގުރޫޕަށް، ސައުދީ އަރަބިއްޔާއިން ވަނީ ހޫނު މަރުހަބާއެއް ކިއާފައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަތުރުކުރާ ފަރާތްތައް ބަލައިގަތުމަށް ގައުމު އޮތީ ތައްޔާރަށް ކަމަށް، ސައުދީ އަރަބިއްޔާގެ ހައްޖު މިނިސްޓްރީގެ އޮފިޝަލު، މުހައްމަދު އަލް-ބިޖާވީ ވަނީ ވިދާޅުވެފައެވެ.

1443 ވަނަ އަހަރުގެ ހައްޖުގެ އަޅުކަން އަދާ ކުރުމުގެ ފުރުސަތު ގައުމުން ބޭރުން ދަތުރުކުރާ މުސްލިމުންނާއި ސައުދީގައި ތިބި މީހުން ހިމެނޭ ގޮތަށް، 1 މިލިއަން މީހަކަށް ދޭނެ ކަން ސައުދީ އަރަބިއްޔާއިން ވަނީ ހާމަ ކޮށްފައެވެ. ކޮވިޑް-19ގެ ބަލިމަޑުކަމުގައި ބައްދަލު ކުރި ފުރަތަ ހައްޖު މޫސުމުގައި، ހައްޖުގެ އަޅުކަން އަދާ ކުރުމުގެ ފުރުސަތު ސައުދީ އަރަބިއްޔާއިން ދިނީ އެ ގައުމުގައި ތިބި މުސްލިމުންގެ ތެރެއިން 1000 އަށް ވުރެ މަދު އަދަދެއްގެ ބަޔަކަށެވެ. 2021 ވަނަ އަހަރު އެ އަދަދު 60000 އަށް އިތުރު ކުރިއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަން ފެންމަތިވުމުގެ ކުރިން މުސްލިމު އުއްމަތާ ބައްދަލުކުރި އެންމެ ފަހު ހައްޖު މޫސުމުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުން 2.5 މިލިއަނެއްހާ މުސްލިމުން ވަނީ އަޅުކަން އަދާ ކޮށްފައެވެ. ހައްޖު މޫސުމާ ދިމާކޮށް ސައުދީ އަރަބިއްޔާއަށް ލިބޭ އާމްދަނީވެސް އިތުރުވެގެންދެއެވެ. ބަލިމަޑުކަމުގެ ކުރިން، ހައްޖުގެ އަޅުކަމުގެ ދުވަސްވަރު ސައުދީއަށް ލިބޭ އާމްދަނީ އަހަރެއްގެ މައްޗަށް އުޅުނީ 12 ބިލިއަން ޑޮލަރުގައެވެ.

މި އަހަރުގެ ހައްޖުގެ އަޅުކަން އަދާ ކުރުމުގެ ފުރުސަތު ސައުދީއިން ހުޅުވާލީ 65 އަހަރުން ދަށުގެ މީހުންގެ ތެރެއިން ކޮވިޑާ ދެކޮޅަށް ވެކްސިން ފުރިހަމަ ކޮށްފައި ވާ މީހުންނަށެވެ. އަދި 72 ގަޑިއިރު ހަމަނުވާ ޕީސީއާރް ކޮވިޑް ނެގެޓީވް ނަތީޖާ ސެޓިފިކޭޝަންވެސް ބޭނުންވެއެވެ.

އެޑިޓް ކުރީ: އަލީ ޝަމްޢާން