މި ފަހަކަށް އައިސް ޒުވާނުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ޗައިނާގެ ސޯޝަލް މީޑިއާ އެޕްލިކޭޝަން "ޓިކްޓޮކް"އާ ދެކޮޅަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އަޅުއްވަމުންދާ ހަރުކަށި ފިޔަވަޅުތަކާ ގުޅިގެން، ޓްރަމްޕާ ދެކޮޅަށް "ޓިކްޓޮކް" އިން ގާނޫނީ ފިޔަވަޅު އަޅަން ނިންމައިފިއެވެ.

ޓްރަމްޕް ވަނީ ޓިކްޓޮކްގެ ބެލެނިވެރި ކުންފުނި ކަމަށްވާ "ބައިޓްޑާންސް"އާއެކު އަންނަ ސެޕްޓެމްބަރު މަހުގެ މެދަކާ ހިސާބުން ފެށިގެން އެމެރިކާއަށް އެއްވެސް ޒާތެއްގެ މުއާމަލާތެއް ނުކުރެވޭނެ ގޮތަށް ރިޔާސީ ގަރާރެއް ތަސްދީގު ކުރައްވާފައެވެ. އެމެރިކާއިން ތުހުމަތު ކުރާ ގޮތުގައި ބައިޓްޑާންސް ކުންފުންޏަކީ، ޓިކްޓޮކް ބޭނުންކުރަމުންދާ އެމެރިކާ ރައްޔިތުންގެ މައުލޫމާތު، ޗައިނާގެ ކަމާބެހޭ ފަރާތްތަކަށް ފޯރުކޮށްދޭ ކުންފުންޏެކެވެ. ނަމަވެސް ޓިކްޓޮކް ކުންފުނިން އެ ތުހުމަތަށް އިންކާރު ކުރެއެވެ.

އެމެރިކާއިން 80 މިލިއަނެއްހާ އެކައުންޓުން ޓިކްޓޮކް ބޭނުން ކުރެއެވެ.

ޓިކްޓޮކް ކުންފުނިން ބުނީ، ޖެހެމުންދާ މައްސަލަތަކާ ގުޅިގެން ހައްލެއް ހޯދުމަށް ޓްރަމްޕްގެ ސަރުކާރާއެކު ފާއިތުވީ އަހަރެއްހާ ދުވަހުވެސް މަސައްކަތްތަކެއް ކުރެވުނު ކަމަށާ، ނަމަވެސް، އެމެރިކާގެ ސަރުކާރުން ހަގީގަތް ބެލުމަށް މާ ބޮޑު ސަމާލުކަމެއް ނުދޭތީ މިކަން ހައްލު ވެފައި ނުވާކަމަށެވެ.

ޓިކްޓޮކް ކުންފުނީގެ ތަރުޖަމާނަކު ބުނީ، ގާނޫނީ އިމުގެ ތެރެއިން ކަންކަން ކުރިއަށް ގެންދިއުމަށާ، ޓިކްޓޮކްގެ ކަސްޓަމަރުންނަށް އިންސާފު ހޯދާ ދިނުމަށްޓަކައި، ޓްރަމްޕްގެ ރިޔާސީ ގަރާރަށް، ޝަރުއީ އިމުގެ ތެރެއިން ގޮންޖެހުން ފިޔަވާ އިތުރު ގޮތެއް ނެތުނީ ކަމަށެވެ. ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މިކަމަށް އަމަލީ ސިފަ ލިބިގެންދާނެ ކަމަށް ގަބޫލުކުރާ ކަމަށް ޓިކްޓޮކް ކުންފުނިން ބުނެއެވެ.

ޓިކްޓޮކް ބޭނުން ކުރުން މަނާ ކޮށްފައިވާ ހަމައެކަނި ގައުމަކީ އެމެރިކާއެއް ނޫނެވެ. އިންޑިއާއިން މިހާރުވެސް މިފިޔަވަޅު ތަންފީޒު ކުރަމުންދާއިރު، އޮސްޓްރޭލިއާއިން ދަނީ މިކަމަށް އަމަލީ ސިފަ ގެނައުމަށް ވިސްނަމުންނެވެ.