މި ފަހަކަށް އައިސް މީޑިއާއިން ޖާގަ ހޯދަމުން އަންނަ އެއް ޚަބަރަކަށް ވެފައިވަނީ އެކި ކަހަލަ ކާބޯތަކެތި ރައްކާކޮށްފައި ހުންނަ ޕެކޭޖިންގް ނުވަތަ އޭގެ ބޭރުގައިވާ ކަރުދާސް/ޕްލާސްޓިކް ކޮތަޅު ރެޕްގެ ޒަރިއްޔާއިންވެސް ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖައްސާ، ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (ސާސްކޯވް-2) ގެ އަސަރު ފެންނަ ކަމަށް ބުނާ ޚަބަރުތަކެވެ. މިފަދަ ހާދިސާތަކެއް ދާދިފަހުން ޗައިނާއިން ވެސް ވަނީ ރިޕޯޓްކޮށްފައެވެ. އެގޮތުން، ދެކުނު އެމެރިކާ ސަރަހައްދުން ޗައިނާއަށް އިމްޕޯޓްކުރި ފިނިކުރި މަހުގެ ބައެއް ބާވަތްތަކުގެ ޕެކޭޖިންގްއިން ވައިރަހުގެ އަސަރު ފެނުނު ކަމަށް ޗައިނާއިންވަނީ އެކި ފަހަރު މަތިން ރިޕޯޓްކޮށްފައެވެ.
މިއާއެކު، ކާބޯތަކެތި ބަންދުކޮށްފައި ހުންނަ ޕެކޭޖިންގްގެ ޒަރިއްޔާއިން ކޮވިޑް-19 އަށް އިންފެކްޓް ވެދާނެ ތޯ ކުރެވޭ ސުވާލުގެ އަޑުވަނީ އަނެއްކާވެސް ގަދަވާން ފަށާފައެވެ.
މިކަމަށް އޮތީ ކިހާ ވަރެއްގެ ފުރުސަތެއް؟
އާންމު ނަޒަރިއްޔާއިން ބަލާއިރު މިއީ ވެދާނެ ކަމެކެވެ. ކާބޯތަކެތި ބަންދުކޮށްފައި ހުންނަ ޕެކޭޖިންގްއިން ވައިރަހަށް ހުށަހެޅިދާނެއެވެ.
ލެބޯޓްރީތަކުގައި ކުރިއަށް ގެންގޮސްފައިވާ ދިރާސާތަކަށް ބަލާއިރު، ބައެއް ކަހަލަ ތަންތަން ނުވަތަ ތަކެތީގައި އެތައް ގަޑިއިރަކަށް ވައިރަސް ހަރުލާފައި ހުންނާތީ ވަނީ ސާބިތުވެފައެވެ. އަނެއްބައި ބާވަތްތަކުގައި ދުވަސްތަކެއް ވަންދެން ވައިރަހުގެ އަސަރު ހުންނަ ކަމަށް ވެއެވެ. ޕްލާސްޓިކް އަދި ކާޑްބޯޑުގެ ބާވަތްތައް މި ލިސްޓުގައި ހިމެނެއެވެ.
ދެން އޮތީ ފިނިހޫނު މިނުގެ ވާހަކައެވެ. ވައިރަހަކީ ފިނި ތަންތަނުގައި ސްޓޭބަލް ހާލަތެއްގައި ދިރިހުންނަ އެއްޗެކެވެ. އާންމު ގޮތެއްގައި އެއް ތަނުން އަނެއް ތަނަށް ކާބޯތަކެތި އުފުލާ އުޅެނީ ފިނިކުރި ލޮރީ ނުވަތަ ކޮންޓޭނަރުތަކުގައި ކަންވެސް ހަނދާނުގައި ބަހައްޓަން ޖެހެއެވެ.
ބައެއް ސައެންސްވެރިން ވަނީ، މި ނަތީޖާތަކަކީ ލެބެއްގައި އަލުން ނަކަލު ކުރެވިދާނެ ހާލަތްތަކެއްތޯ ބަލާ، ދިރާސާކޮށްފައެވެ.
ޔުނިވާސިޓީ އޮފް ލެއިކެސްޓާގެ ޕްރެފެސާ އޮފް ރެސްޕިރޭޓަރީ ސައެންސަސް ޕްރޮފެސާ ޑރ ޖޫލިއާން ޓޭންގް ވިދާޅުވީ، ދުނިޔެ ތެރޭގެ ވެއްޓަކީ ތާއަބަދު ބަދަލުވެ ބަދަލުވެ އޮންނަ ހާލަތެއް ކަމަށާ، މީގެ މާނައަކީ، މިފަދަ މާހައުލެއްގައި މާ ދިގު ވަގުތަކަށް ވައިރަހަށް ދިރި ނޯވެވޭނެ ކަން ކަމަށެވެ.
ރަޓްގާޒް ޔުނިވާސިޓީގެ މައިކްރޮބައޮލޮޖީ ޕްރޮފެސަރެއް ކަމަށްވާ އިމެނުއަލް ގޯލްޑްމަން، ދަ ލޭންސެޓްގައި ލިޔުއްވާފައިވާ ގޮތުގައި، ދިރުން ނެތް ސަތަހައަކުން ވައިރަސް ފެތުރުމަށް އޮތީ ނާދިރު ފުރުސަތެކެވެ. މިފަދަ ގޮތަކަށް މީހަކު ވައިރަހަށް ހުށަހެޅޭނީ ވައިރަހަށް އިންފެކްޓްވެފައިވާ މީހަކު ކެއްސާ، ކިނބިހި އެޅުމުގެ ތެރޭގައި ކުޅުތިކިތަކާއެކު ބޭރުވެގެންދާ ވައިރަސް ހަރުލާފައި ހުންނަ ތަނެއްގައި، ކުޑަ ވަގުތުކޮޅެއް (1-2 ގަޑިއިރެއްހާއިރު) ގެ ތެރޭގައި އަތްލެވޭ ހިސާބުން ކަމަށްވެސް އޭނާ ވިދާޅުވެއެވެ.
މިހާލަތުގައި ވައިރަސް ފެތުރެނީ ކިހިނެއް؟
ކާބޯތަކެތީގެ ޕެކޭޖިންގްގެ ޒަރިއްޔާއިން ވައިރަސް ފެތުރިދާނެ ކަމަށް ބައެއް މީހުން ގަބޫލުކުރާ އެންމެ އާންމު އެއް ހާލަތަކީ އެތަކެތި ބަންދު ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ މުވައްޒަފަކު، އިންފެކްޓްވެފައިވާ ތަނެއްގައި އަތްލުމަށްފަހު އެމީހެއްގެ ލޯ، ނޭފަތް ނުވަތަ އަނގަ ފަދަ ތަނަކަށް ހަމަ އެއަތް، ސާފު ނުކޮށް ލެވޭ ހިސާބުންނެވެ.
ނަމަވެސް، މިއީ އިންސާނުންގެ ހަށިގަނޑަށް ކޮވިޑް-19 ޓްރާންސްމިޓްވާ މައިގަނޑު މަގެއް ކަމަކަށް ސައެންސްވެރިން ގަބޫލެއް ނުކުރެއެވެ. އެމެރިކާގެ ސެންޓާޒް ފޮ ޑިޒީޒް ކޮންޓްރޯލް (ސީޑީސީ)އިން ބުނާ ގޮތުގައި، އިންފެކްޓްވެފައިވާ ތަނެއްގައި އަތް ލެވޭ މީހެއްގެ ހަށިގަނޑަށް އެ ވައިރަހުގެ އަސަރު ކުރުމަށް ފުރުސަތު އޮވެއެވެ. ނަމަވެސް، މިއީ ވައިރަސް ފެތުރިގެންދާ މައިގަނޑު ސަބަބު ނޫންކަމަށްވެސް ސީޑީސީގެ ވެބްސައިޓްގައި ބުނެފައިވެއެވެ.
ޑރ ޓޭންގް ވިދާޅުވާ ގޮތުގައި މީހަކަށް ކޮވިޑް-19ގެ އަސަރު ކޮށްފައިވަނީ ކާބޯތަކެތި ބަންދުކޮށްފައިވާ ޕެކޭޖިންގްގެ ސަބަބުން ކަން ކަށަވަރުކޮށްދިނުމަކީވެސް އުނދަގޫކަމަކަށް ވާނެއެވެ. އެހެނީ، އެމީހަކީ ބަލީގެ އަލާމަތްތައް ނުފެންނަ (އެސިމްޓޮމެޓިކް) މީހަކާ އެކީ އެއްތާ ވެފައި ނުވާ މީހެއްކަންވެސް ކަށަވަރު ކުރަންޖެހޭތީއެވެ.
ރައްކާތެރިކަން ހޯދާނީ ކިހިނެއް؟
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ބުނާ ގޮތުގައި ކާބޯތަކެތި ބަންދުކޮށްފައި ހުންނަ ޕެކޭޖިންގްގެ ޒަރިއްޔާއިން މީހަކަށް ކޮވިޑް-19 ޖެހުނުކަން އަދި ކަށަވަރު ކުރެވިފައެއް ނެތެވެ. ނަމަވެސް، މިފަދަ ގޮތަކަށް ވައިރަހަށް ހުށަހެޅިދާނެ ކަމަށް ބަލާ، އެފަދަ ކަމަކުން ދުރުވެވިދާނެ ބައެއް ފިޔަވަޅުތައްވެސް އެ ޖަމިއްޔާއިންވަނީ ތަފްސީލު ކޮށްދީފައެވެ.
ޑަބްލިއުއެޗްއޯއިން ބުނާ ގޮތުގައި ކާބޯތަކެތި ބަންދުކޮށްފައި ހުންނަ ޕެކޭޖިންގް ޑިސްއިންފެކްޓް ކުރުމުގެ ބޭނުމެއް ކޮންމެހެން ނެތެވެ. މުހިންމީ އެ ޕެކޭޖިންގްގައި އަތްލުމަށްފަހު، ކައިބޮއި ހެދުމުގެ ކުރިން ރަނގަޅަށް އަތް ދޮވުން ކަމަށް ބުނެއެވެ.
ގެއަށް ބޭނުންވާ ތަކެތި ގަތުމަށް ފިހާރަތަކަށް ގޮސް އުޅޭ އުޅުމުގައިވެސް ސަމާލުކަން ދޭންވީ ކަންތައްތަކެއް އެބަހުއްޓެވެ. އެގޮތުން ފިހާރައަށް ވަނުމުގެ ކުރިން އަތް ސެނިޓައިޒް ކުރުމާ، ވިޔަފާރި ކޮށް ނިމިގެންވެސް ރަނގަޅަށް އޮތް ދޮވެ ސާފު ކުރުމާ، ގަތް އެއްޗިހި ރައްކާ ކުރަންޖެހޭ ތަނެއްގައި ރައްކާ ކޮށް ނިމިގެންވެސް ރަނގަޅަށް އަތް ދޮވުން ފަދަ ކަންކަމަކީވެސް ކުރަންޖެހޭ ކަންތައްތަކެވެ.
ގެއަށް ބޭނުންވާތަކެތި އޯޑަރު ކޮށްގެން ގެންނަ ކަމުގައި ވަނީ ނަމަ، ޑެލިވާ ކުރަން އަންނަ މީހަކީ ޒާތީ ސާފު ތާހިރު ކަމާ، ކާބޯތަކެތި ގެންގުޅުމުގައި ބަލަންޖެހޭ ސާފު ތާހިރު ކަމުގެ މިންގަނޑުތަކަށް ބަލާ މީހަކަށް ވަނީ ނަމަ، އެއީ ބަލައިގަނެވިދާނެ ކަމެކެވެ. ނަމަވެސް ޑެލިވަރީއެއް ނެގުމަށްފަހުގައިވެސް ރަނގަޅަށް އަތްދޮންނަން ހަނދާން ކުރަންވާނެއެވެ. ބައެއް ތަޖުރިބާކާރުން ވަނީ، ވިޔަފާރި ކޮށްގެން ގެއަށް ގެންނަ ޕްލާސްޓިކް ކޮތަޅުތައް ދެވަނަ ފަހަރަށް ބޭނުން ނުކުރުމަށްވެސް އިރުޝާދު ދެއްވާފައެވެ.