ދިރިއުޅޭ މާހައުލުން ބޭރަށް ނިކުންނައިރު މާސްކު ބޭނުން ކުރަން މަޖުބޫރު ކުރުމުން، ސިއްހީ ގޮތުން އިތުރު ރައްކާތެރިކަން ކަށަވަރުކޮށްދޭ ފިޔަވަޅުތަކަށް ބޯލެނބުމުގެ އާދައަށް މަގުފަހި ކުރުވާ ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ހާމަކޮށްފިއެވެ.

އެގޮތުން، ގެއިން ބޭރަށް ނިކުންނަ ނަމަ މާސްކު ބޭނުން ކުރުން ލާޒިމު ކުރުމުން، ޖިސްމާނީ ގައިދުރުކަން ދެމެހެއްޓުމަށާ، އަތާ އަތް ޖޯޑުކޮށްގެން ސަލާމް ކުރުމާ ދުރުވުމާ، ގިނަ ގިނައިން އަތް ދޮވުން ފަދަ އާދަތަކަށް މީހުން އަހުލުވެރިވާ މިންވަރު އިތުރުވާ ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

މި ދިރާސާގައި ސާވޭ ކޮށްފައި ވަނީ ޖަރުމަނުވިލާތަށް ނިސްބަތްވާ 7000 އެއްހާ މީހުންގެ ދިރިއުޅުމުގެ އާދަތައް ހުރި ގޮތެވެ. އޭޕްރިލް މަހުގެ މެދަކާ ހިސާބުން ފެށިގެން މެއި މަހުގެ ފަހުކޮޅާ ޖެހެންދެން ކޮންމެ ހަފުތާއަކު ގާތްގަނޑަކަށް 1000 އެއްހާ މީހުންގެ އާދަތައް ސާވޭ ކޮށްފައިވެއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމާއެކު މާސްކު އެޅުން މަޖުބޫރުކޮށްފައިވާ އިރާގުގެ ސުޕަމާކެޓެއްގައި ކަސްޓަމަރެއްގެ ހަށިގަނޑުގެ ފިނިހޫނުމިން ބަލަނީ/ފޮޓޯ: އަހުމަދު އޭ

ޖަރުމަނުވިލާތުގައި މާސްކު މަޖުބޫރު ކުރީ އޭޕްރިލް މަހުގެ 27 ވަނަ ދުވަހުއެވެ. އެ ދުވަހުން ފެށިގެން މާސްކު ބޭނުން ކުރަމުންދިޔަ މީހުންގެ އަދަދުވެސް ދިޔައީ އިތުރުވަމުންނެވެ. މާސްކު ބޭނުންކުރަން ފެށި މީހުންގެ ތެރޭގައި، މާސްކު އަޅަންޖެހުމުން އެއީ މާ ބޮޑުކަމަށް ހަދައިގެން އުޅުނު މީހުންވެސް ހިމެނެއެވެ.

ޖަރުމަނުވިލާތުގައި މާސްކު މަޖުބޫރު ކުރުމުގެ ކުރިން، ސާވޭގެ ބައިވެރިންގެ ތެރެއިން މާސްކު ބޭނުންކުރަމުންދިޔައީ އެންމެ 20 ޕަސެންޓް މީހުންނެވެ. ނަމަވެސް، މެއި މަހުގެ ފަހުކޮޅަށް އައިއިރު، މި އަދަދު 80 ޕަސެންޓަށް އިތުރުވި ކަމަށް، ޕްރޮސީޑިންގްސް އޮފް ދަ ނޭޝަނަލް އެކަޑަމީ އޮފް ސައެންސަސްގެ ޖާނަލްގައި ޝާއިއުކޮށްފައިވާ ދިރާސާ ބުނެއެވެ.

ނިއު ނޯމަލް: މާސްކު އަޅައިން އުޅޭ މީހެއް / ފޮޓޯ: ނިމާ ހަސަން | ދަ ޕްރެސް

މާސްކު އެޅުމުގެ ސަބަބުން ސިއްހީ ގޮތުން ރައްކާތެރިކަން ކަށަވަރުކޮށްދެނިވި އިތުރު ކަންކަމަށް މަގުފަހި ކުރިކަމަށް ދިރާސާ ބުނެއެވެ. އެގޮތުން، އަތް ދޮންނަ މިންވަރު، ގާތްގަނޑަކަށް 8 ގުނަ އިތުރުވި ކަމަށާ، އަތާ އަތް ޖޯޑުކޮށްގެން ސަލާމް ކުރާ މިންވަރު 20 ގުނަ މަދުވިއިރު، މާސްކު ނާޅާ މީހުންނަށްވުރެ، މާސްކު އަޅާ މީހުން ޖިސްމާނީ ގައިދުރުކަން އިސްކުރާ މިންވަރު 13 ގުނަ އިތުރުވި ކަމަށް މައުލޫމާތު ލިބެއެވެ.

މިދަނޑިވަޅަކީ، މިހާތަނަށް ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ އިތުރު ރާޅެއްގެ ބިރުވެރި އިންޒާރު، ވިލާތުގެ ގައުމުތަކުން ދެމުންދާ ދަނޑިވަޅެކެވެ.